އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވައި ކެންޑިޑޭޓުންގެ ރަނިންމޭޓުން ކަމަށްވާ ފައިސަލް ނަސީމާއި ޑރ. މުހައްްމަދު ޝަހީމް އަލީ ސައީދު ރާއްޖޭގެ ދެ ސަރަަހައްދެއްގައި ކެމްޕެއިން ކުރައްވަމުން އެބަ ގެންދަވަ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑ. ޝަހީމް މިހާރު ލ. އަތޮޅުގައި ކެމްޕެއިން ކުރައްވަމުންދާއިރު މިއަދު ހެނދުނު ވަނީ ދަނބިދޫއަށް ވަޑައިގެންފަ އެވެ. އަދި އޭގެ ފަހުން މުންޑޫއަށް ވަޑައިގެންނެވި އެވެ. އެ ރަށްރަށުން ޝަހީމަށް ހޫނު މަރުހަބާއެއް ލިބުނެވެ.
އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫގެ ރަނިންމޭޓް ފައިސަލް ނަސީމް މިއަދު ވަނީ ށ. އަތޮޅަށް ކެމްޕެއިން ދަތުރު ފައްޓަވާފަ އެވެ. އެގޮތުން މިއަދު ހެނދުނު ފައިސަލް ވަނީ ކަނޑިތީމަށް ވަޑައިގެންފަ އެވެ. އަދި މިހާރު ހުންނެވީ ގޮއިދޫގަ އެވެ. ފައިސަލަށް ވެސް އެ ދެ ރަށުން ހޫނު މަރުހަބާއެއް ކިޔެ އެވެ.
ވާދަވެރި ކެމްޕެއިނެއް ދެ ރަނިންމޭޓް ކުރައްވާއިރު ފައިސަލް މިހާރު ވަނީ ގިނަ ރަށްތަކަށް ވަޑައިގެންފަ އެވެ. އުފަން ރަށް ކަމަށްވާ ފުވައްމުލައް ސިޓީއަށް ދެ ފަހަރެއްގެ މަތިން ވަޑައިގެން ކެމްޕެއިން ކުރައްވާފައިވެ އެވެ. ޝަހީމް ވެސް ވަނީ ފުވައްމުލައް ސިޓީ އާއި ގދ. ތިނަދޫ އާއި ގއ. އަތޮޅުގައި މީގެ ކުރިން ކެމްޕެއިން ކުރައްވާފަ އެވެ.