ދުނިޔެ

ފެތުނު ޗައިނާ ބޯޓުގައި ތިބި 396 މީހެއްގެ ހަށިގަނޑު ފެނިއްޖެ

Jun 6, 2015

ޗައިނާގެ ދެކުނުގެ ސަރަހައްދެއްގެ ކޯރެއް ހުރަސްކުރަން އުޅުމުގެ ތެރޭގައި ބަންޑުން ޖަހާލައި ފެތުނު ބޯޓުން ދަތުރުކުރި 396 މީހެއްގެ ހަށިގަނޑު ފެނިއްޖެ އެވެ.

އުތުރުގެ އަވަށެއް ކަމަށްވާ ނަންޖިން އިން ފުރައިގެން ހުޅަނގު ދެކުނު ސަރަހައްދުގައި އޮންނަ ޗޮންގިން އަވަށަށް މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު ދަތުރުކުރަނިކޮށް، ޔަންގް ޒީ ކޯރަށް ފެތުނު ބޯޓުން ޖުމްލަ 456 މީހުން ދަތުރުކުރި އެވެ. ޗޮންގިންގް އީސްޓާން ޝިޕިން ކޯޕަރޭޝަންގެ ނަމުން ނަން ދީފައިވާ އަމިއްލަ ކުންފުންޏަކުން ދުއްވާ "އީސްޓާން ސްޓާ" ބޯޓުގައި ތިބީ 405 ޗައިނާގެ ފަސިންޖަރުންނާއި އެ މީހުންނާ ހަވާލުވެގެން ދިޔަ ޓްރެވަލް އެޖެންސީގެ ފަސް މުވައްޒިފެއްގެ އިތުރުން 46 ފަޅުވެރިންނެވެ.

އޭގެ ތެރެއިން، މިހާތަނަށް ސަލާމަތްކުރެވިފައި ވަނީ އެންމެ 14 މީހުންނެވެ. މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވާ މީހުންގެ ފޯކަސް މިހާރު ހުރީ 76 މީޓަރު ދިގު، 2،200 ޓަނުގެ އެ ބޯޓުގެ އެތެރޭގެ ކޮޓަރިތައް ބެލުމަށެވެ. އެކަމަކު، އެ ތަންތަނުގެ ތެރޭގައި ވެސް ދިރިތިއްބާ ބަޔަކު ފެނިދާނެ ކަމާ މެދު އެއްވެސް އުއްމީދެއް ނެތެވެ

އިތުރު ބަޔަކު ސަލާމަތްކުރެވިދާނެ ކަމުގެ އުއްމީދު ކަނޑާލައި، އިއްޔެ ވަނީ ބޯޓު ތެދުކޮށްފަ އެވެ. އެއްކޮށް ބަންޑުން ޖެހިފައި އޮތް ބޯޓުގެ ބަނޑު ފިލާ އެކަނި ފެން މަތިން ކިރިޔަ ކިރިޔާ ފެންނަން އޮތްއިރު، ދެ ކެރޭނު ބޭނުންކޮށްގެން އެ ބައިގައި ވާ ޖެހުމަށް ފަހު ބޯޓު ވަނީ ތެދުކޮށްފަ އެވެ. އަދި އަޑީގައި އޮތް ބޯޓުގެ މައިގަނޑުގެ ވަށައިގެން ވަނީ ދާ ޖެހުމަށް ފަހު ބޯޓު ވަނީ ތެދުކޮށްފަ އެވެ.

ހުރަސްކުރަނިކޮށް ބޯޓު ފެތުނީ ނަގޫރޯޅިއެއްގައި ޖެހިގެން ކަމަށް ކެޕްޓަން ބުނި ނަމަވެސް އޭނާ އާއި ޗީފް އިންޖިނިއަރު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ފުންމިނުގައި ގާތްގަނޑަކަށް 150 ފޫޓު ހުންނަ ކޯރަށް އެ ބޯޓު ފެތެން ދިމާވި ސަބަބު އަދި ސާފެއް ނުވެ އެވެ. އެހެން ނަމަވެސް، ޗައިނާގެ ރައީސް ޝީ ޖިންޕިންގް ވަނީ އެކަން ދެނެގަތުމަށް ފުރިހަމަ ތަހުގީގެއް ހިންގަވާނެ ކަމުގެ ޔަގީންކަން މިދިޔަ ބުރާސްފަތި ދުވަހު ދެއްވާފަ އެވެ.

މި ބޯޓު ފެތުނު ކޯރުގައި ނުރައްކާތެރި ހާދިސާތައް ދޭތެރެ ދޭތެރެއިން ހިނގަ އެވެ. އެ ގޮތުން، ޓެސްޓުތަކެއް ހަދަން ދަތުރުކުރި ޓަގު ބޯޓެއް މިދިޔަ ޖެނުއަރީ މަހު ކަނޑުވެ، ފެތުނު ހާދިސާގައި 22 މީހަކު މަރުވެފައިވެ އެވެ.