ގުޅިގެން ކަންކަން ނުކުރެވޭނެއޭ ބުނެ ވާހަކަ ދެއްކުމަކީ ލަދުވެތިވާން ޖެހޭ ކަމެއް ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ސަރުކާރެއް ގާއިމް ކުރެވުނު ކަމުގައިވީނަމަވެސް، އެ ސަރުކާރެއް ރޫޅިގެންދާނެ ކަމަށް ބުނެ ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކުން ދައްކަވަމުން ގެންދަވާ ވާހަކަތަކަށް ށ. ނަރޫދޫގައި ރައްދު ދެއްވަމުން ފައިސަލް ވިދާޅުވީ، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ހަތަރު ލީޑަރުން ވެވަޑައިގަންނަވަމުން ގެންދަވަނީ ވަރަށްބޮޑު ގުރުބާނީއެއް ކަމަށާއި، އެއީ ވަރަށް ބޮޑު ހިތްވަރެއް ލިބިގެންދާ ކަމެއްކަމަށެވެ.
"އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންނަށް ގުޅިގެންކަންތައް ކުރެވޭނެ. އެއްވެސް ހާލެއްގައި ތިބޭފުޅުން އަޑު ނާއްސަވާތި. ގުޅިގެން ކަންތައްތައް ހާސިލް ނުކުރެވޭނެއޭ އަޅުގަނޑުމެންނަށް އަޑުއެބައިވޭ. އެއީ ލަދުވެތިވާހަކަ އެހުންނަނީ ވެރިންގެ ގޮތުގައި ތިއްބަވާ މީހުން ދައްކަން. ގުޅިފައި އޮންނަ ލަޝްކަރަކަށް ކާމިޔާބު ނުހޯދޭނެއޭ. ގުޅިގެން އުޅޭ ބަޔަކަށް ސަރުކާރެއް ނުހިންގޭނެއޭ. އެއްގޮތަކަށްވެސް އެހެނެއްނޫން. އަޅުގަނޑުމެންނަށް މާތް ރަސްކަލާންގެ އަންގަވާފައި ވަނީ ހެޔޮ ކަންތައްތަކާއި ރަނގަޅު ކަންތައްތައް ކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރާށޭ" ފައިސަލް ވިދާޅުވިއެވެ.
ފައިސަލް އިތުރަށް ވިދާޅުވީ، ދިވެހި ރައްޔިތުންނަށް ގުޅިފައިވާ ލަޝްކަރުން ރައްޔިތުންގެ އުމްމީދުތައް ހާސިލް ކޮށްދެވޭނެ ކަން ފަސް އަހަރުގެ ތެރޭގައި ދައްކާލާނެ ކަމަށެވެ. އަދި އެ ދުވަސް ގެނައުމަށްޓަކައި، އިންތިހާބުގެ ކުރިޔަށް މިއޮތް 27 ދުވަހުވެސް މަސައްކަތް ކޮށްދެއްވުމަށް އެދޭ ކަމަށްވެސް ފައިސަލް ވަނީ ވިދާޅުވެފައެވެ.
ރިޔާސީ އިންތިޙާބަށް ތާއިދު ހޯދުމުގެ ގޮތުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ސްރީލަންކާއަށް ވަޑައިގެން އުޅުއްވާ އިިރު، ރަނިންމޭޓް ފައިސަލް ގެންދަވަނީ ށ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވަމުންނެވެ.