އިންތިހާބުގެ ޑާޓާތަކެއް ލީކުވި މައްސަލަ މިނިވަން ފަރާތަކުން ތަހުގީގު ކުރަން ޖެހޭ ކަމަށް ރިޔާސީ އިންތިހާބުގެ އެމްޑީޕީގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައްޗަންގޯޅި އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަންވެސް ކުރައްވާ މާރިޔާ އަހުމަދު ދީދީ ވިދާޅުވީ، އިލެކްޝަަންގެ ޑާޓާ ތަކެއް ލީކުވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުންވެސް އިއުތިރާފްވެފައިވާ ކަމަށެވެ.
އެ މައްސަލަ އިލެކްޝަންސް ކޮމިޝަނުން ބެލުމަށްފަހު އެއީ އެކޮމިޝަންގެ ލީކެއް ނޫންކަމަށް ބުނުމަކީ ކަންބޮޑުވުމެއް ކަމަށާއި، އަމިއްލަ އޮފީހެއްގެ ހިނގާ ކަންކަން އަމިއްލަ އަށް ތަހުގީގު ކުރުމަކީ ބެސްޓް ޕްރަކްޓިސްއެއް ނޫން ކަމަށްވެސް މާރިޔާ ވަނީ ވިދާޅުވެފަ އެވެ. އަދި އިލެކްޝަންގެ ލީކެއް ނޫޅޭކަމަށް އިލެކްޝަނުން ބުނުމަކުން ރައްޔިތުން ހިތްހަމައެއް ނުޖެހޭނެ ކަމަށާއި، އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިގެން ބަލަން ޖެހޭ ކަމަށެވެ.
އެފަދަ ލީކެއް އުޅޭ ކަމަށްވާނަމަ، އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓަށް ބަޔަކަށް ވަނުމުގެ ފުރުސަތު އޮތް ކަމަށް ގަބޫލު ކުރެވޭ ކަމަށާއި، އެންސީއައިޓީގެ ވެރިއެއްގެ ހައިސިއްޔަތުން މުހައްމަދު އަޝްމަލީ އިލެކްޝަނުން އެކުލަވާލާފައިވާ އިންތިހާބާ ބެހޭ ކޮމިޓީގައި އިނުމަކީވެސް ކަންބޮޑުވާކަމެއް ކަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ.
އިލެކްޝަންސް ކޮމިޝަނުންވެސް ވަނީ އިންތިހާބާ ބެހޭ ޑާޓާ ތަކެއް ލީކުވެގެން އުޅޭ ކަމަށް ޝައްކު ކުރެވޭ ކަމަށް ބުނެފަ އެވެ. އެހެން ނަމަވެސް އެކަމަކީ އެއީ އިލެކްޝަންސް ކޮމިޝަނުގެ ތެރެއިން ހިނގާފައިވާ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް އީސީން ވަނީ ބުނެފަ އެވެ.
މާރިޔާ އިތުރަށް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ވޯޓާސް ލިސްޓް އާންމުކޮށްފައިވާ ކަމަށާއި، އެ ލިސްްޓް ކޮންމެ ދިވެހި ރައްޔިތަކުވެސް ޗެކު ކުރުން އެދޭކަމަށެވެ. ރަޖިސްޓްރީވެފައި އޮތީ ރަނގަޅު ތަނުގައިތޯ ބަލާ ފަރުދީ ޒިންމާ ނެންގެވުމަށްވެސް މާރިޔާ ވަނީ އެދިވަޑައިގެންފައެވެ.