ސާފް ޗެމްޕިއަންޝިޕް

މެޗު ކެންސަލްވެ ޓީމަށް ލިބުނު ބޮޑު ގެއްލުމެއް

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ޕާކިސްތާނާ ދެކޮޅަށް ރާއްޖެއިން ހަމަޖެހިފައިވާ މެޗު ކުޅެން އެއް ދުވަހަށް ވީއިރުވެސް ޕާކިސްތާނުން ވަކި ގޮތެއް ނާންގައި ހުރުމުން ގައުމީ ޓީމުގެ ކޯޗް ޕީޓާ ޝެގަޓް ހިތްހަމަ ނުޖެހިން ފާޅުކޮށްފި އެވެ.

ގަތަރުގެ ވެރިރަށް ދޯހާގައި ކުޅެން ހަމަޖެހިފައިވާ މެޗަށް ޕާކިސްތާން ޓީމު ގަތަރަށް ދަތުރު ކޮށްފަ އެއް ނުވެ އެވެ. ޕާކިސްތާންގެ ބައެއް މީޑިއާތަކުން ބުނީ ޓީމުގެ ބައެއް ކުޅުންތެރިންނަށް ޓްރެވަލް ކުރުމުގައި މައްސަލަ ދިމާވެފައިވާ ކަމަށެވެ. ނަމަވެސް ޕާކިސްތާން ދަތުރު ނުކުރާނެ ކަން ގަތަރުގެ އެފްއޭ އަށާއި ރާއްޖޭގެ އެފްއޭއަށް ޕާކިސްތާން އަންގާފައެއް ނުވެ އެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒް ވިދާޅުވީ، ޕާކިސްތާން ޓީމު ގަތަރަށް އަންނަން ހަމަޖެހިފައިވުމާއެކު، އެ ޓީމަށް މަރުހަބާ ކިޔަން ގަތަރުގެ އެފްއޭގެ އިސްބޭފުޅުން ދޯހާގެ އެއާޕޯޓްގައި އެތައް ގަޑިއިރުތަކެއް ވަންދެން މަޑު ކުރެއްވި ކަމަށެވެ. އަދި ޕާކިސްތާން ޓީމަށް ދޯހާގައި ދަތުރު ކުރުމަށް ހާއްސަކޮށްފައިވާ އުޅަނދުތައްވެސް އެއާޕޯޓްގައި އެތައްގަޑިއރުތަކެއް ވަންދެން މަޑުކުރެއްވި ކަމަށެވެ.

ގައުމީ ކޯޗްގެ ހިތްހަމަނުޖެހުން އޮއްސާލީ ޕާކިސްތާން ޓީމު ދަތުރު ނުކުރާނެކަން، ކުރިން އަންގާފައި ނުވުމުންނެވެ. އޭނާ ބުނީ ޕާކިސްތަން ޓީމު ގަތަރަށް ނާންނާނެކަން ކުރިން އެންގިނަމަ އެހެންގޮތެއް ހޯދަން މަަސައްކަތް ކުރެވުނީސް ކަމަށެވެ.

"އެ ޓީމުން ނާންނަންޏާ ތިން ދުވަސް ކުރިން އެންގިނަމަ އަހަރެމެންނަށް އެހެން ގޮތެއް ހޯދުނިސް، ކުޅެން ތައްޔާރުވަމުން ދިޔަ މެޗެއް ކެންސަލް ވުމަކީ އަހަރެމެންންނަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް،" ޝެގަޓް ވާހަކަ ދެއްކި އެވެ. "މިހާރު އަހަރެން ކީއްކުރާނީ މި ޓީމުން ހަތް ކުޅުންތެރިން އުނިކުރަން ޖެހޭ، މެޗު ކުޅެވުނުނަމަ އެކަމަށް އަހަންނަށް ވަރަށް ފަސޭހަވިސް."

"މިތިބަ 27 ކުޅުންތެރިންވެސް ދަނީ ވަރަށް ރަނގަޅަށް މަސައްކަތް ކުރަމުން، ހަގީގަތުގައި ސްކޮޑުން އުނިކުރަން އަހަރެން ބޭނުންވާ އެއްވެސް ކުޅުންތެރިޔެއް ނެތް، އުނިކުރަންޏާ ރަނގަޅަށް ވަޒަން ކުރެވިގެން އެކަން ކުރަން އަހަރެން ބޭނުންވީ، އެންމެ އިންސާފުވެރިގޮތަކަށް ވާނީވެސް އެގޮތް. މިއީ އަހަރެމެންނަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް."

އޭނާ ބުނީ ސާފް ޗެމްޕިއަންޝިޕްގައި ޕާކިސްތާނަށް ރަނގަޅުގޮތްވުމަށް އެދޭ ކަމަށާއި މުބާރާތުގައި ޕާކިސްތާން ދެކޮޅަށް ކުޅެން ފުރުސަތު ލިބޭނެ ކަމަށް އުންމިދު ކުރާ ކަމަށެވެ.

ސާފް ޗެމްޕިއަންޝިޕްގައި ޕާކިސްތާން ހިމެނެނީ މުބާރާތް ބާއްވާ ގައުމު، ބަނގުލަދޭޝް އާއި ނޭޕާލް އަދި ބޫޓާން އާއެކު ގުރޫޕް އޭ ގަ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އަންނަ އަންގާރަ ދުވަހު ޕާކިސްތާން ނިކުންނާނީ ނޭޕާލާ ދެކޮޅަށެވެ.

ރާއްޖެ ހިމެނެނީ އިންޑިއާ އާއި ލަންކާއާއެކު ގުރޫޕް ބީ ގަ އެވެ. ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު ހަތް ވަނަ ދުވަހު ރާއްޖެ ނިކުންނާނީ ލަންކާއާ ދެކޮޅަށެވެ. އިންޑިއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ ނުވަ ވަނަ ދުވަހު އެވެ.