އަސާސީ ތައުލީމް ފެންވަރުގެ ބޭފުޅުންނަކީ ވެރިކަމަށް ކުފޫ ހަމަވާ ބައެއް ނޫން ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަބުދުއްރަހީމް އަބުދުﷲ ވިދާޅުވެއްޖެއެވެ. އަބްދުއްރަހީމް އެހެން ވިދާޅުވި އިރު، އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ތައުލީމީ ފެންވަރާ މެދު ޕީޕީއެމް އިން އަންނަނީ ސުވާލު އުފައްދަމުން އެވެ.
ރ. އަލިފުއްޓަށް ހޯމަ ދުވަހު ރައީސް އަބުދުﷲ ޔާމީން ކުރެއްވެވި ދަތުރުފުޅުގައި އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ފޮނަދޫ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ އަބުދުއްރަހީމް ވިދާޅުވީ، ރައްޔިތުން ނިކުމެ އިދިކޮޅު އިއްތިހާދުގެ ކެނޑިޑޭޓް އިބްރާޙިމް މުހައްމަދު ސޯލިހު (އިބޫ)އާއި ރަނިންމޭޓް ފައިސަލް ނަސީމަކީ ވެރިކަމަށް ކުފޫ ހަމަނުވާ ބައެއްކަން ވިދާޅުވާން ޖެހޭ ކަމަށެވެ.
ތައުލީމީ ދާއިރާގެ ވާހަކަ އެބޭފުޅުން އެކި ރަށްރަށަށް ވަޑައިގެން ދައްކަވަމުން ގެންދަވާއިރު، އެ ދާއިރާއަށް މި ސަރުކާރުން ކޮށްދެއްވާފައިވާ ކަންކަން ނުފެންނަ ކަމަށް ވިދާޅުވަމުން ގެންދަވާ ކަމަށާއި، ދިވެހި ރާއްޖެއަކީ ތައުލީމީ ގޮތުން ކުރިއަރައިގެން ގޮސްފައިވާ ގައުމެއް ކަމަށް އަަބުދުއްރަހީމް ވިދާޅުވިއެވެ.
"ނިސްބަތުން ބަލާއިރު، ދުނިޔޭގެ އެންމެ ގިނަ އަދަދަކަށް ތައުލީމީ ޒުވާނުންނާއި، ގާބިލް ބޭފުޅުން ތިއްބެވި އެއްގައުމު ދިވެހި ރާއްޖެއަކީ. މި ރާއްޖޭގައި ވެރިކަން ކުރަންޖެހޭނީ އިލްމީ ގޮތުން ގާބިލު ބޭފުޅުން. ތަޖުރިބާ ހުރި ބޭފުޅުން. އެކަމުގެ ހިތްވަރާއި ފަންވަރާއި، ކަންކުރާނެ ގޮތް ދެނެވަޑައިގަންނަވާ ބޭފުުޅުން. އަސާސީ ތައުލީމްގެ ފެންވަރުގެ ބޭފުޅުންނަކީ ރާއްޖޭގެ ވެރިކަަމަށް މިއަދު ކުފޫ ހަމަވާ ބޭފުޅުންނެއް ނޫން" އަބުދުއްރަހީމް ވިދާޅުވިއެވެ.
އަބުދުއްރަހީމް އެގޮތަށް ވިދާޅުވެފައިވާއިރު، ސަރުކާރަށް ތާއިދުކުރައްވާ ފަރާތްތަކުން ގެންދަނީ އިދިކޮޅު އިއްތިހާދުގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު އަކީ އަސާސީ ތައުލީމް ފެންވަރުގެ ބޭފުޅެއްކަމަށް ވިދާޅުވެ އިބޫ އަށް ވަރަށްބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އެހެން ނަމަވެސް އެމްޑީޕީއާއި އިބޫވެސް ވަނީ އެމަނިކުފާނު ވިޔަފާރީގެ ދާއިރާއިން އޮސްޓްރޭލިއާއިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާކަމަަށް ވިދާޅުވެފައެވެ.