ދުނިޔެ

ހަމާސް އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް މިސްރުން ކުރި ހުކުމް ބާތިލްކޮށްފި

Jun 7, 2015

ފަލަސްތީނުގެ ހަމާސް އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައަޅައި މިސްރުގެ ދަށު ކޯޓަކުން އިއްވާފައިވާ ހުކުމް، މަތީ ކޯޓުން އިއްޔެ ބާތިލްކޮށްފި އެވެ.

ފަލަސްތީނުގެ މިނިވަންކަމަށް، އިޒްރޭލާ ދެކޮޅަށް ހަނގުރާމަކުރަމުންދާ ހަމާސް ޖަމާއަތް ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި މިދިޔަ ފެބްރުއަރީ މަހު ކަނޑައެޅީ މިސްރުގެ ވެރިރަށް ގާހިރާގެ ކުއްލި މައްސަލަތަކާ ބެހޭ ކޯޓުންނެވެ. އެ ކޯޓުން އެ ގޮތަށް ނިންމީ، މިސްރުގެ އުތުރުގެ ސަންއާ އަވަށުގައި ހަރަކާތްތެރިވާ ހަނގުރާމަވެރިންނަށް ހަމާސް އިން އެހީވަމުން އަންނަ ކަމަށް ބުނެ އެވެ.

އެހެން ނަމަވެސް، އެފަަދަ ހުކުމެއް ކުރުމުގެ ބާރު ދަށު ކޯޓަށް ލިބިގެން ނުވާ ކަމަށް އިސްތިއުނާފީ ކޯޓުން ވަނީ އިއްޔެ ނިންމާފަ އެވެ.

އިސްތިއުނާފީ ކޯޓުގެ ނިންމުމަށް، ފަލަސްތީނުގެ ގާޒާ ކޮންޓްރޯލްކުރާ ހަމާސް އިން ވަނީ ވަގުތުން މަރުހަބާ ކިޔާފަ އެވެ. އެ ޖަމާއަތުގެ ތަރުޖަމާނު ސާމީ އަބޫ ޒުހުރީ އޭއެފްޕީ ނޫސް އެޖެންސީ އަށް ވިދާޅުވި ގޮތުގައި އިސްތިއުނާފީ ކޯޓުގެ ނިންމުމުން "ކުރިން ހަދާފައިވާ ގޯހެއް" ރަނގަޅުވެއްޖެ އެވެ.

"އެ ނިންމުމުން ދައްކައިދެނީ ފަލަސްތީނުގެ މިނިވަންކަމަށް ކުރަމުންދާ މަސައްކަތަށް މިސްރުން ކުރާ ތާއީދު،" އޭނާ ވިދާޅުވި އެވެ.

އެމެރިކާ އާއި ޔޫރަޕްގެ ބައެއް ގައުމުތަކުން ވެސް ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ބަލާ ހަމާސްއާ ދެކޮޅަށް މިސްރުން ނިންމުންތަކެއް ކުރިން ނިންމީ، ހަމާސްއާ ގާތްގުޅުމެއް ބޭއްވި މިސްރުގެ މުސްލިމް ބްރަދަހުޑަކީ ވެސް ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައެޅުމަށް ފަހު އެވެ.

ހަމާސްއާ ދެކޮޅު ފިކުރު މިސްރު ސަރުކާރުގައި ގަދަވެފައި ވަނީ މުސްލިމް ބްރަދަހުޑްގެ ވެރިކަން ވައްޓާލެއްވި އަސްކަރީ ވެރިޔާ އަބްދުލް ފައްތާހު އަލް ސީސީ ވެރިކަމަށް ވަޑައިގެންނެވި ހިސާބުންނެވެ. އޭނާގެ ސަރުކާރުން ވަނީ ގާޒާ އަށް ހަމާސް އިން ކާބޯތަކެއްޗާއި އެހެނިހެން މުދާތައް އެތެރެކުރަމުން ގެންދިޔަ ބިންގަރާސް މަގުތަކާއި ބޯޑަރުގެ މަގުތައް ވެސް ބަންދުކޮށް ދަތިކުރުމުގެ ފިޔަވަޅު އަޅާފަ އެވެ.

ހަމާސް އިން އާއްމުކޮށް ބިންގަރާސް މަގުތައް ބޭނުންކުރަނީ އިޒްރޭލުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ހެދި ކާބޯތަކެއްޗާއި މުދާ އެތެރެކުރާނެ އެހެން މަގެއް ގާޒާ އާއި ބައިނަލްއަގުވާމީ މުޖުތަމައާ ދެމެދު ނެތީމަ އެވެ.