ދުނިޔެ

ހޫތީންގެ މިސައިލް ހަމަލާއެއް ސައުދީ އަށް، ސުލްހައިގެ ވާހަކަތައް އަންނަ ހަފުތާގައި

Jun 7, 2015

ޔަަމަނަށް ވެރިވެގެންފައިވާ ހޫތީ ހަނގުރާމަވެރިން ފޮނުވާލި ސްކަޑް މިސައިލެއް ވައްޓާލާފައިވާ ކަމަށް ސައުދީ އަރަބިއްޔާ އިން އިއްޔެ ބުނެފި އެވެ. އެއާ އެކު، އދ. އިން އިސް ނަގައިގެން ކުރިއަށް ގެންދަން މަސައްކަތްކުރާ ސުލްހައިގެ ވާހަކަތައް އަންނަ ހަފުތާގައި އަލުން ފެށުމަށް ވަނީ ނިންމާފަ އެވެ.

ހޫތީންނާ ދެކޮޅަށް ވައިގެ ހަމަލާތައް ދެމުން ގެންދާ ސައުދީގެ ރަސްމީ ނޫސް އެޖެންސީން ބުނި ގޮތުގައި އިއްޔެ ހެނދުނު ހޫތީން ފޮނުވާލި އެ މިސައިލް ވައްޓާލާފައި ވަނީ، މިސައިލުން ދިފާއު ވުމަށް ހުޅަނގު ދެކުނު ހާމިސް މުޝައިތު ސިޓީގައި ގާއިމްކޮށްފައިވާ ސިސްޓަމަކުންނެވެ.

ސައުދީ އަށް އަމާޒުކޮށް ހޫތީން މިސައިލް ހަމަލާއެއް ދީފައި ވަނީ ޔަމަނާއި ސައުދީ ގުޅޭ ބޯޑަރު ސަރަހައްދުގައި ހޫތީ ހަނގުރާމަވެރިންނާއި ސައުދީ ސިފައިން ވަރުގަދަ ހަމަލާތަކެއް ބަދަލުކުރިތާ މާ ގިނައިރެއް ނުވެ އެވެ. މިދިޔަ ހުކުރު ދުވަހު ހިނގި އެ ކުރިމަތިލުންތަކުގައި ސައުދީ ސިފައިންގެ ހަތަރު މީހުންގެ އިތުރުން ގިނަ އަދަދެއްގެ ހަނގުރާމަވެރިން ވަނީ މަރުވެފަ އެވެ.

ޝީއީ މަޒްހަބަށް ނިސްބަތްވާ ހޫތީން ވެރިރަށް ސަންއާ އަށް ވެރިވެގަތުމާ އެކު، ޔަމަންގެ ރައީސް އަބްދުއްރަބާ މަންސޫރު ހާދީ ވަނީ ފިއްލަވައިގެން ސައުދީ އަށް ވަޑައިގެންފަ އެވެ. އެއާ އެކު، ސައުދީ އާއި ސުންނީ މުސްލިމުންގެ މެޖޯރިޓީ އޮންނަ ސަރަހައްދީ ގިނަ ގައުމުތަކެއް ބައިވެރިވާ ގުޅިފައިވާ ފައުޖުތަކުން ވަނީ ޔަމަނަށް ބޮން އަޅަން ފަށާފަ އެވެ. ދެ މަހަށް ވުރެ ގިނަ ދުވަސްވެފައިވާ އެ އޮޕަރޭޝަންގެ އަމާޒަކީ ހާދީގެ ވެރިކަން އިއާދަކުރުމެވެ.

ހާދީގެ ކުރިން ވެރިކަމުގައި ހުންނެވި އަލީ އަބްދުﷲ ސާލިހަށް ވަފާތެރި ހަނގުރާމަވެރިން ވެސް މިހާރު ވަނީ، ސޯލިހްގެ ވެރިކަމާ ދެކޮޅަށް އެންމެ ބޮޑަށް މަސައްކަތްކުރި ހޫތީންނާ ގުޅިފަ އެވެ.

ޔަމަންގެ މަސްރަހު އިންތިހާ އަށް ގޯސްވެ، އާބާދީގެ ގާތްގަނޑަކަަށް 80 ޕަސެންޓް މީހުން ހާލުގައި ޖެހިފައި ވާއިރު، އދ. އިން އިސް ނަގައިގެން ފަށާފައިވާ ސުލްހައިގެ މަޝްވަރާތައް އަދި އޮތީ މަޑުޖެހިފަ އެވެ. މީގެ ކުރިން ބާއްވަން އުޅުނު މަޝްވަރާތަކުގައި ބައިވެރިވާން ހޫތީންނާއި ސައުދީގައި ހުންނެވި ހާދީގެ ސަރުކާރުން ދެކޮޅު ހެދި ނަމަވެސް، މި މަހު 14 ގައި ބާއްވަން ނިންމާފައިވާ މަޝްވަރާތަކުގައި ބައިވެރިވާން ދެ ފަރާތުން ވެސް ވަނީ އެއްބަސްވެފަ އެވެ.