ދުނިޔެ

މޮޔައަކު ނޫނީ ރަޝިއާ އަކީ ބިރެއް ކަމަކަށް ނުބަލާނެ: ޕުޓިން

Jun 7, 2015

ރަޝިއާ އަކީ ހުޅަނގަށް ހުރި ބިރެއްގެ ގޮތުގައި މޮޔައަކު ނޫނީ ނުބަލާނެ ކަމަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިން އިއްޔެ ވިދާޅުވެއްޖެ އެވެ.

އިޓަލީގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ޕުޓިން ވިދާޅުވި ގޮތުގައި ރަޝިއާ ދެކެ ބިރު ގަންނަންޖެހޭ އެއްވެސް ސަބަބެއް ނެތެވެ. ނޭޓޯގެ ގައުމުތަކަށް ރަޝިއާ އިން ހަމަލާ ދީފާނެ ކަމަށް ހިއްސުތައް ސަލާމަތުން ހުރި މީހަކު ގަބޫލުކުރާ ވަރަށް ވުރެ ބާރަށް ދުނިޔެ ބަދަލުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ އަށް ބުރެ ބޮޑަށް ވިސްނަންޖެހޭ އެހެން ކަންތައްތައް އެބަހުރި،" ޕުޓިން ވިދާޅުވި އެވެ.

ރަޝިއާ އާއި ހުޅަނގާ ދެމެދު މައްސަލަތައް ބޮޑުވުމުގެ އަސްލު ގުޅިފައި ވަނީ ޔުކްރެއިންގެ ކްރައިމިއާ ރަޝިއާގެ ބާރުގެ ދަށަށް ގެންދިޔަ ހިސާބުން ފެށިގެން ޔުކްރެއިންގެ އިރުމަތީ ބިތުގައި އުޅޭ ހަތިޔާރު އެޅި ޖަމާއަތްތަކުން ވެސް ޔުކްރެއިންއާ ވަކިވެގަތުމުގެ ހަރަކާތެއް ފެށުމުންނެވެ. މި ހަރަކާތް ވަރުގަދަވީ ރަޝިއާ އިން ސިފައިން ފޮނުވައި، ޔުކްރެއިންގެ ހަނގުރާމަވެރިންނަށް އަސްކަރީ އެއްބާރުލުން ދިނުމާ ގުޅިގެން ކަމަށް ޔުކްރެއިން އާއި ހުޅަނގުން ތުހުމަތުކުރެ އެވެ.

ރަޝިއާ އިން ވަނީ އެ ތުހުމަތުތައް ތަކުރާރުކޮށް ދޮގުކޮށްފަ އެވެ. އަދި ޔުކްރެއިންގެ މައްސަލައާ ގުޅިގެން ހުޅަނގުން ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ވެސް ރަޝިއާ އިން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

ޔުކްރެއިންގެ މައްސަލަ އަދިވެސް ހައްލު ނުވާއިރު، ރަޝިއާ އިން ހަނގުރާމަ އަކަށް ތައްޔާރުވަމުންދާ ކަމަށް ބަލައި ނޭޓޯގެ ގައުމުތަކުން ދަނީ އެ ގައުމުތަކުގެ އިތުރަށް އިރުމަތީ ޔޫރަޕްގެ ގިނަ ގައުމުތަކެއްގައި އަސްކަރީ ބާރު ގަދަކުރަމުންނެވެ. އެ ގޮތުން، އެކި ގައުމުތަކުގައި ހަ އާ އަސްކަރީ މަރުކަޒު ގާއިމްކޮށް، ކުއްލި ހާލަތުގައި ވަގުތުން ހަރަކާތްތެރިވުމުގެ ގާބިލްކަން ލިބިފައިވާ 5،000 ސިފައިންގެ ބޮޑު ފައުޖެއް އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ނޭޓޯ އާއި އިރުމަތީ ޔޫރަޕްގެ ބައެއް ގައުމުތަކުގެ އެ ފިޔަވަޅުތަކަށް ވެސް ޕުޓިން އިއްޔެ ރައްދު ދެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ބައެއް ގައުމުތަކުން ދަނީ ރަޝިއާއާ މެދު އުފެދިފައިވާ ބިރުވެރިކަމުގެ ނާޖާއިޒު ފައިދާ ނަގަމުންނެވެ.

"އެ ގައުމުތަކުން އުޅެނީ އަސްކަރީ، އިގްތިސާދީ، މާލީ ނޫނީ އެހެން ކޮންމެވެސް އިތުރު އެހީއެއް ހޯދަން،" ޕުޓިން ވިދާޅުވި އެވެ.

ރަޝިއާ ބައިވެރިވެގެން މިދިޔަ މާޗު މަހު އެކުލަވާލި އެއްބަސްވުމެއްގެ ދަށުން، ޔުކްރެއިންގެ އިރުމަތީ ބިތުގައި އެ ގައުމުގެ ސިފައިންނާއި ރަޝިއާއާ އެއްކޮޅު ހަނގުރާމަވެރިންނާ ދެމެދު ބަދަލުކުރަމުން ދިޔަ ހަމަލާތައް ކޮންމެވެސް ވަރަކަށް މަދުކުރި އެވެ. އެކަމަކު، މި ހަފުތާގައި ވަނީ އަނެއްކާ ވެސް ހަމަލާތައް ވަރުގަދަކޮށް، ކުރިއެކޭ ވެސް އެއްގޮތަށް ހަނގުރާމަކުރަން ފަށާފަ އެވެ.