ހަބަރު

އިބޫގެ އިލްތިމާސް: ޖަޒުބާތުގައި ނުޖެހި ކެމްޕޭން ކުރައްވާ

އިދިކޮޅުގެ ސަރުކާއްގައި މުޅި ރާއްޖައަށް ފައިދާ ކުރާނެ ވަރުގެ ބޮޑު ބަދަލެއް ގދ. އަތޮޅަށް ގެނައުމަށް ރާވާފައިވާ ކަމަށް އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

ގދ. އަތޮޅަށް އިބޫ މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވާދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ އެ އަތޮޅަކީ އެތަށް ވަސީލަތްތަކެއް އެކުލެވޭ ބޮޑު އަތޮޅެއް ކަމަށާއި ނަމަވެސް އޭނގެ އެންމެ ފައިދާ އެކަށީގެންވާ ގޮތުގައި ބޭނުންކޮށްފައި ނުވާ ކަމަށެވެ. އިދިކޮޅު ސަރުކާރެއް އިންތިހާބުވެއްޖެ ނަމަ ގދ. އަތޮޅަށް އެވަރުގެ ބޮޑު ބަދަލެއް އަންނާނެ ކަމަށް
އިބޫ ވިދާޅުވި އެވެ.

"މިހާ ހިސާބަށް އައިއިރު ވެސް ގދ. އަތޮޅުގެ އެންމެ ނަފަޔާއި ފައިދާ މުޅި ރާއްޖެއަށް ނުލިބޭ، ޖަޒީރާ ރާއްޖެ ތަރައްގީ ކުރާއިރު އެ އަތޮޅަށް ބޮޑު ބަދަލެއް އަންނާނެ،" އިބޫ ވިދާޅުވި އެވެ.

ބަދަލު ގެންނާނެ އެއް ކަމެއްގެ ގޮތުގައި އިބޫ ފާހަގަ ކުރެއްވީ ޓޫރިޒަމް ދާއިރާ އެ ސަރަހައްދުގައި ފުޅާ ކުރުމެވެ. އެގޮތުން ޓޫރިސްޓުން ސީދާ އަަންނަން ޖެހޭ ހަމައެކަނި މާލެއަކަށް ނޫން ކަަމަށާއި ގދ. އަތޮޅަށް ވެސް ޓޫރިސްޓުންނަށް ސީދާ އާދެވޭ ގޮތް ހެދުމަަށް ރާވާފައިވާ ކަމަށް އިބޫ ވިދާޅުވި އެވެ.

އޭގެ އިތުރުން މާލެއާ ދުރުއަތޮޅަކަށް ވާތީ ދަތުރުފަތުރުގެ ނިޒާމް ހުންނަ ގޮތުން ބައެއް ދަތިތައް އަތޮޅަށްވާ ކަމަށާއި އެގޮތުން ގޭހާއި ޕެޓްރޯލް ފޯރުކޮށްދިނުމުގައި ދަތިތައް ހުންނަ ކަމަށް އިބޫ ވިދާޅުވި އެވެ. ނަމަވެސް އިދިކޮޅު ސަރުކާރެއްގައި ވާދޫގައި ގޭހާއި ޕެޓްރޯލް ރައްކާ ކުރެވޭނެ ޕްލާންޓެއް ގާއިމްކޮށްދެއްވާނެ ކަމަށް އިބޫ ވައުދުވެވަޑައިގަތެވެ.

ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން އިބޫ ވިދާޅުވީ ރަޖިސްޓްރެޝަންގެ ނިމި މިހާރު އަމާޒު ހިފާފައި މި އޮތީ އެންމެ ފަހު ތިން ހަފްތާއަށް ކަމަށެވެ. އަދި ކެމްްޕެއިންގެ ފޯރިއެއް ދުވަހުން އަނެއް ދުވަހަށް ގަދަވަމުން ދާއިރު ވިސްނުން ތެރިކަމާއެކު އެކަން ކުރަން ޖެހޭ ކަމަށް އިބޫ ވިދާޅުވި އެވެ. އެގޮތުން ޖަޒުބާތުގައި ޖެހިވަޑައިނުގެން އިދިކޮޅުން ކުރަން ޖެހޭނީ ކެމްޕެއިން މަސައްކަތް ކަމަށް އިބޫ ވިދާޅުވި
އެވެ.

"އަޅުގނަޑުމެން ޖަޒުބާތުގައި ޖެހިގެން ނުވާނެ، އަޅުގަނޑުމެން ކުރަން ޖެހޭނީ ކެމްޕެއިން ވޯޓު ހޯދުމަށް ކުރާ މަސައްކަތް، އިރާދަކުރެއްވީއާ އަޅުގަނޑުމެންގެ ސަޕޯޓަރުން ތިއްބަވާނީ އެގޮތުގައި، މި އަތޮޅުގައި ވެސް ބޮޑު މެޖޯރިޓީޢާ އެކުގައި 23 ސެޕްޓެމްބަރު ވެގެން ދާނީ ރައްޔިތުންގެ ނިންމުމާ އެއްގޮތަށް މިކަން ނިމިގެންދާ ދުވަހަކަށް،" އިބޫ ވިދާޅުވި އެވެ.

އޭގެ އިތުރުން ސަރުކާރުން ކޮންމެ ފަރާތަކަށް ވެސް ކެމްޕެއިން ކުރުމުގެ ފުރުސަތު ދޭން ޖެހޭނެ ކަމަށާއި އެ ފުރުސަތު އޮންނަން ޖެހޭނީ ހަމައެކަނި ސަރުކަރު ހިންގާ ޕާޓީއަކަށް އެކަނި ނޫން ކަމަށް އިބޫ ވިދާޅުވި އެވެ. އަދި ހަމަހަމަކަން ގެންގުޅުއްވުމަށް އިބޫ
އިލްތިމާސް ކުރެއްވި އެވެ.