އިދިކޮޅު މަޖިލީސް މެންބަރުން ބަޖެޓަށް ވޯޓު ނުދޭ މައްސަލާގައި ޕީޕީއެމްއިން ފާޑު ކިޔާ މައްސަލާގައި އިދިކޮޅު އިއްތިހާދުގެ ރަނިން މޭޓު ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމް ރައްދުދެއްވައިދި އެވެ.
ބ. އަތޮޅު ކެންދޫގައި ވާހަކަދައްކަވަމުން ފައިސަލް މިއަދު ވިދާޅުވީ ވަކި ބަޔަކު ބަޖެޓަށް ވޯޓު ނުދޭ ކަމަށް ބުނެ ޕީޕީއެމް މެންބަރުން ސުވާލު ކުރަމުންދާ ކަމަށާއި އެ ފަރާތްތަކަށް ވެސް ސުވާލެއްކޮށްލަން ބޭނުންވާ ކަމަށެވެ. ފައިސަލް ވިދާޅުވީ އެމްޑީޕީ ސަރުކާރު އޮތް އިރު މިއަދު ވެރިންގެ ގޮތުގައި ތިބި ފަރާތްތައް އެ ދުވަހު ބަޖެޓަށް ވޯޓު ނުދެއްވީ ކީއްވެތޯ އެފަރާތާ ސުވާލު ކުރުމަށެވެ. ބަޖެޓަކީ އިންސާފުވެރިކަމާއެކު އެކުލަވާލަން ޖެހޭ އެއްޗެއް ކަމަށާއި އެއީ ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި ފަސް އަހަރު ވަންދެއް އެއް މަޝްރޫއެއް ޖަހަޖަހާ ވަކި ސިޔާސީ ބޭނުމަކަށް ހަދާއެއްވެއް ނޫން ކަމަށް ފައިސަލް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ކުރި ދަތުރުތަކުން ރައްޔިތުން ޝަކުވާ ކުރަނީ ބަނދަރު ހެދުމުގެ މަޝްރޫއު ބަޖެޓުގައި އޮންނަތާ ތިން ހަތަރު އަހަރުވެއްޖެއޭ، ހަތަރު އަހަރަށް ފަހު ދެން އަނެއްކާ ގެއްލިއްޖެއޭ، މިއީ ރާއްޖޭގެ ކިތަންމެ ރަށެއްގައި ރައްޔިތުން ކުރަމުންދާ ޝަކުވާއެއް،" ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ އިދިކޮޅުގެ ސަރުކާރެއްގައި ބަޖެޓު އެކުލެވިގެން ދާނީ ވަރަށް އިންސާފުވެރިކަމާއި ހަމަހަމަކަމާއެކުގައި ކަމަށާއި ރައްޔިތުން ބަލައިގަނެ މެންބަރުންނަށް ބަޖެޓަށް ވޯޓު ދެވޭނެ ފަދަ އިންސާފުވެރި ގޮތަކަށް ކަމަށެވެ. އަދި އޯގާތެރި ސަރުކާރެއް އަންނަނީ ދިވެހި ރައްޔިތުންނަށް ބޭނުންވާ ގޮތަށް އެއްވެސް އިސްރާފަކާ ނުލާ ދެފުށް ފެންނަ ގޮތަށް މަޝްރޫއުތައް ކުރިޔަށް ގެންދިޔުމަަށްޓަކައި ކަމަށް ވެެސް ފައިސަލް ވިދާޅުވި އެވެ.
ރައްޔިތުން ތަރައްގީއަށް ގޮވަނީ ވަކި ބައެއްގެ ޖބު ބޮޑު ކުރާ އުސޫލެއް ހޯދުމަށް ނޫން ކަމަށާއި ރައްޔިތުން ކުރާ މަސައްކަތުން ދައުލަތަށް ދައްކާ ފައިސާ ހެޔޮ ގޮތުގައި ބޭނުން ކުރުމަށް ކަމަށް ފައިސަލް ވިދާޅުވި އެވެ.