ހަބަރު

އެންމެން އެއްބަސްވާ މެނިފެސްޓޯ އެބައޮތް: އިބޫ

ހުރިހާ ޕާޓީތަކަށް އެއްބަސްވެވޭ ސިޔާސަތުތައް އެކުލެވިގެންވާ މެނިފެސްޓޯއެއް އެބައޮތް ކަމަށް އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

އިބޫ މިހެން ވިދާޅުވީ އިދިކޮޅު ހުރިހާ ޕާޓީތަކަށް އެއްބަސްވެވޭ މެނިފެސްޓޯއެއް ނުނެރެވޭނެ ކަމަށާއި އެއްގަލަކަށް ނޭރޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އާއި އެމަނިކުފާނުގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވަމުން ގެންދާ ވާހަކަފުޅުތަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

ގދ. ފިޔޯރީގައި ވާހަކަދައްކަމުން އިބޫ ވިދާޅުވީ ކޮންމެ ރަށަކަށް އައުމުން އެ ރަށަކަށް ނުކޮށްދެވިފައި އަދި ބޭނުންވާ އެތަށް ކަމެއް ރައްޔިތުން އެދެމުންދާ ކަމަށެވެ. ރާއްޖެ ތަރައްގީ ކުރާނެ ގޮތްތަކެއްގެ ތަސައްވަރެއް އިދިކޮޅު ފަރާތްތަކުން ވެސް ގެންގުޅޭ ކަމަށާއި އެންމެން އެއްބަސްވެވޭ ސިޔާސަތުތަކެއް ކަނޑައެޅިފައިވާ މެނިފެސްޓޯއެއް އެބައޮތް ކަމަށް އިބޫ ވިދާޅުވި އެވެ.

"ގުޅިފައިވާ ކޯލިޝަނުން މި ނިކުންނަނީ ރައްޔިތުންގެ އުންމީދުތައް ހާސިލްކޮށްދިނުމަށް، އަޅުގަނޑުމެންނަށް އެނގޭ ރައްޔިތުންގެ އުންމީދުތައް ހުރިކަން، އެކަން އެނގިގެން އެކުގައި މަސައްކަތް ކުރަން މި ފެށީ، އެހެން ނުން ނަމަ އަޅުގަނޑުމެންނަނީ ސިޔާސީ ތަފާތު ބައެއްގެ ގޮތުގައި ވަކި ފިކުރުގައި އިންތިހާބަށް ނިކުންނާނެ ބައެއް، ނަމަވެސް ރައްޔިތުންގެ އިހުސާސްތަކާއި ވިންދު އޮތްގޮތް އެނގޭތީ އެއްތަނަކަށް ޖަމާވެ މިތިބީ،" އިބޫ ވިދާޅުވި އެވެ.

އެގޮތުން އިދިކޮޅު ސަރުކާރެއްގައި ތަރައްގީގެ އެންމެ މުހިންމު ކަމެއް ދީފައި ވަނީ ރައްޔިތުނަށް ދޭން ޖެހޭ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށާއި އެގޮތުން ބޯފެނާއި ނަރުދަމާގެ ނިޒަމް ހުރިހާ ރައްޔިތުންނަށް ތަފާތު ކުރުމެއް ނެތި ލިބޭނެ ގޮތް ހަދައިދެއްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

ދެވަނަ ކަމަކަށް ތަރައްގީ ކުރާނީ ދަތުރުފަތުރު ކުރުމުގެ ނިޒާމް ކަމަަށާއި އެ ނިޒާމް ހަރުދަނާ ނޫން ނަމަ ތަރައްގީއެއް ނުކުރެވޭނެ ކަމަށް އިބޫ ވިދާޅުވި އެވެ. އަދި އިގްތިސާދީ ސިޔާސަތުގެ ތެރެއިން ލޯކަލް ޓޫރިޒަމް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާ ކުރުން ހިމެނޭ ކަމަށެވެ. އަދި ރައީސް ޔާަމީންގެ ސިޔާސަތު ހުރި ގޮތުން މަސްވެރިންނަށް ލިބެން ޖެހޭ އަމްދަނީ އެކަށީގެންވާ މިންވަރަށް ނުލިބޭ ކަމަށާއި އިދިކޮޅުގެ ސަރުކާރެއްގައި އެކަން ވެސް ރަނގަޅު ކުރައްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

އިބޫ މިހެން ވިދާޅުވި އިރު މިހާތަނަށް އަދާލަތާއި އެމްޑީޕީ އާއި އެމްއާރްއެމް އިން ވަނީ މެނިފެސްޓޯ ވަކިވަކިން ނެރެފަ އެވެ. ނަމަވެސް އެ ތިން މެނިފެސްޓޯގައި ހުރީ ތަފާތު ސިޔާސަތުތަކެވެ. އިބޫ ކުރިން ވިދާޅުވެފައިވަނީ ހުރިހާ ޕާޓީތަކުން އެކުލަވާލާ އެއް މެނިފެސްޓޯއެއް ވަރަށް އަވަަހަށް ނެރޭނެ ކަމަށެވެ. ނަމަވެސް މިހާތަނަށް އެ މެނިފެސްޓޯއެއް އަދި ނުނެރެވެ އެވެ.