ހަބަރު

ވިލިމާލެ-2 މަޝްރޫއަށް 86 މިލިއަން ޑޮލަރު ހަރަދުވާނެ

ދިން ލައްކަ، އާބާދީއަކަށް ގުޅީފަޅާއި ފުށިދިއްގަރު ފަޅު ގުޅުވާލައިގެން ތަރައްގީ ކުރާ، ވިލިމާލޭ ދޭއް މަޝްރުއަކީ 86 މިލިއަން ޑޮލަރު (1.3 ބިލިއަން) ރުފިޔާގެ އަގުބޮޑު މަޝްރޫއަކަށް ވާނެކަމަށް އިކޮނޮމިކް އެންޑް ޔޫތު ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

ޓީވީއެމްއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން ޝައިނީ ވިދާޅުވީ، މާލެ ވިލިމާލެ ގުޅީފަޅު އަދި ފުށިދިއްގަރު ފަޅު ގުޅުވާލައިގެން ތަރައްގީ ކުރާ ވިލިމާލެ 2 މަޝްރޫއު ތަރައްގީކޮށް ރާއްޖޭގައި 18 އަހަރު ފުރޭ ކޮންމެ މީހަކަށް ގޯތި ދޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވައުދުވެ ވަޑައިގެންނެވީ،ދިވެހިންގެ ތެރޭގައި އޮތް އެންމެ ބޮޑު މައްސަލައަކީ ގެދޮރެއް ނުލިބުމުގެ މައްސަލައަށް ވާތީ ކަމަށެވެ. އަދި 25 ބުރީގެ ހޮސްޕިޓަލް ފަދަ ތަރައްގީގެ މަޝްރޫއު ހިންގާއިރު އެކަންކަން ފީސިބަލްވާނީ ވެސް އެއާ އެއްވަރަށް ކޮންމެވެސް ވަރަކަށް މީހުން މާލެ ސަރަހައްދަށް ޖަމާކޮށްގެން ކަމަށް ޝައިނީ ވިދާޅުވި އެވެ.

މީގެ ކުރީގެ ސަރުކާރުތަކުން ވެސް ވަކިވަކި ރަށްރަށަށް މީހުން ބަދަލު ކުރުމާއި އެއްފަސް ކުރުމަށް ބައެއް ސިޔާސަތުތަކެއް ގެންގުޅުއްވި ކަމަށާއި ނަމަވެސް އެއިން އެއްވެސް ކަމެއް ނުހިނގި ކަމަށް ޝަައިނީ ވިދާޅުވި އެވެ. ނަމަވެސް 300،000 މީހުންގެ އާބާދީއަކަށް ފުށިދިއްގަރު ފަޅާއި ގުޅީފަޅު ހިމެނޭ ގޮތަށް ހިންގާ ތަރައްގީގެ އެ މަޝްރޫއަށް ދާނެ ފައިސާގެ އަދަދުވެސް ރައީސް ޖައްސަވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެކަމަށް ގާތްގަނޑަކަށށް 86 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ޝައިނީ ވިދާޅުވި އެވެ.

"ބްރިޖު އެއަށް ވުރެ މާ އަގުބޮޑު ނޫންތޯ، އެއަށް ވުރެ އަދި މާ އަގުބޮޑު އެއާޕޯޓް ޕްރޮޖެކްޓް، އެހެންވެއްޖެއާ އެ [ވިލިމާލެ 2] ޕްރޮޖެކްޓަކީ މާ ބޮޑު ޕްރޮޖެކްޓަކަށް ވެގެން ނުދާނެއެއް ނޫންތޯ،" ޝައިނީ ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކަށް މިއަދު ރައީސް ޔާމީން ކުރައްވާ މަސައްކަތުގެ ކްރެޑިޓް ނަންގަވަން އުޅުއްވަނީ އެމަނިކުފާނުގެ ތަސައްވަރު ފެނިވަޑައިގެން "އެލާޖިކް"ވެގެން ކަމަށް ޝައިނީ ވިދާޅުވި އެވެ. އަދި ރައީސް ޔާމީން ވިދާޅުވާ ކަންކަން އެމަނިކުފާނު ކުރައްވާކަން ލޮލަށް ފެންނަން އެބަ ހުރި ކަމަށާއި ބްރިޖަކީ އޭގެ އެންމެ ބޮޑު މިސާލެއް ކަމަށް ވެސް ޝައިނީ ވިދާޅުވި އެވެ.