ހަބަރު

"މަޖިލީހުގައި އިދިކޮޅު މެންބަރުން ރައްޔިތުންނަށް ފައިދާ ހުރިކަމެއް ނުކުރޭ"

އިދިކޮޅު މެންބަރުން މަޖިލީހުގައި ރައްޔިތުންނަށް ފައިދާ ހުރި އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ވިދާޅުވެ، ރައީސް އަބްދުﷲ ޔާމީން އެ މެންބަރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ކާނިވަލްގައި ރޭ ޒުވާނުންނާ ބައްދަލުކޮށްލެއްވުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދޭން ބަޖެޓްގައި ފައިސާ ހިމެނުމުން ވެސް އެއަށް ވޯޓު ނުދިނުމަކީ، ރައްޔިތުންގެ އުންމީދުތަކަށް ފުރަގަސް ދިނުމެވެ. އަދި އިދިކޮޅު މެންބަރުން މަޖިލީހުގައި ކުރާހާ ވެސް ކަމަކީ މަޖިލީހުގެ ތެރޭގައި ދުންމާރި ފުމުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި އެފަދަ މެންބަރުންނަށް ޒުވާނުންނަށް ޓަކައި އަދި ގައުމުގެ ތަރައްގީއަށް ޓަކައި ކަންތައްތަކެއް ކޮށް ނުދެވޭ ކަމަށް ވެސް ވިދާޅުވި އެވެ.

"ތިކުދިން ނިކުމެ ސުވާލު ކުރޭ އަހަރުމެންނަށް ޓަކައި ކޮން އުފެއްދުންތެރި މަސައްކަތެއްތޯ މަޖިލީހުގެ ތެރޭގައި ކުރީ. ފައިސާއާ ނުލާ ކަމެއް ނުވާނެ. ކަންކަން ކުރަން ބަޖެޓްގައި ފައިސާ މި ހިމަނަނީ. އެކަމަކު އެ ބަޖެޓަށް ވެސް ވޯޓެއް ނުދޭ. ކޮން މަސައްކަތެއްތޯ އެބޭފުޅުންނަށް މި ކުރެއްވެނީ. ޔަގީން އެބޭފުޅުންނަށް ޖަވާބެއް ނުދެއްވޭނެ. އެބޭފުޅުން އަނގަ ބެދޭނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އިދިކޮޅު މެންބަރުން ނަމަވެސް ސަރުކާރުގެ ތަރައްގީގެ ކަންކަމަށް ތާއީދުކޮށް ވޯޓުލާން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އިދިކޮޅު މެންބަރުންނަކީ ހުރިހާ ކަމަކަށް އިދިކޮޅު ހަދާ ބަޔަކަށް ވެގެން ނުވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ދިއްގަރު ދާއިރާގެ ބައި-އިލެކްޝަން ޕީޕީއެމްގެ ކެންޑިޑޭޓް ފާރިޝް މައުމޫން ކާމިޔާބު ކުރެއްވުމުން މަޖިލީހުގެ ތެރޭގައި ޒުވާނުންނާ ގުޅުން ހުރި ކަންކަން ނިންމުމަށް އެ ލިބުނީ އިތުރު ބާރެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ޕީޕީއެމް އާއި ސަރުކާރު ކޯލިޝަންގެ މެންބަރުން މަސައްކަތް ކުރަނީ މަޖިލީހުގެ ތެރެއިން ގައުމަށް ފައިދާ ހުރި ކަންތައްތަކެއް ނިންމުމަށް ކަމަށެވެ.

"އަނެއްކާ ވެސް އެ ކަންތައްތައް ނިންމުމުގައި އަޅުގަނޑުމެންނަށް އިތުރު ބާރެއް މަޖިލީހުގެ ތެރެއިން ލިބިގެން މި އައީ. މިއީ ކަންކަން ނިންމުމަށް އެޅޭ އިތުރު ބާރެއް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވަނީ ޒުވާނުން ބޮޑެތި ޖަރީމާތައް ހިންގުމުން ދުރުވުމަށް އެދިވަޑައިގެންފަ އެވެ. އެމަނިކުފާނު ވިދާޅުވީ ޒުވާނުން ބޮޑެތި ޖަރީމާތައް ހިންގުމުން އޭގެ ސަބަބުން ޒުވާނުންނަށް ބޮޑެތި އަދަބުތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ. އަދި އެފަދަ ކުށްތައް ކުރުވާ ފަރާތްތަކުން، ޒުވާނުން އަދަބުން ސަލާމަތް ކުރުމަށް އެއްވެސް ކަމެއް ނުކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.