ހަބަރު

ބަލި މީހުން އުފުލަން އާސަންދައާއެކު މޯލްޑިވިއަނުން ސޮއިކޮށްފި

Jun 7, 2015

ބަލި މީހުން އުފުލަން އާސަންދަ ކުންފުންޏާއެކު، މޯލްޑިވިއަނުން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

އައިލެންޑް އޭވިއޭޝަން އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި އާސަންދަ ކުންފުނީގެ ފަރާތުން ސޮއިކުރައްވީ މައުމޫނު އަބްދުލް ސަމަދު އެވެ. އަދި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް އެވެ.

މި ރަސްމިއްޔާތުގައި އައިލެންޑް އޭވިއޭޝަންގެ އެމްޑީ ހާރިސް ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން އާސަންދައިގެ ދަށުން ބަލި މީހުން އުފުލުމަށް ކުރާ ދަތުރުތައް ވަރަށް ބޮޑަށް އެފިޝެންޓް ވެގެންދާނެ ކަމަށެވެ.

"މިކަން ކުރުމަށް އެކްސްކްލޫސިވްކޮށް އަޅުގަނޑުމެންގެ ހޮލިޑޭ ޑިވިޝަނަށް އިތުރު މުވައްޒަފުން ލާނެ. މީގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުން ބަލި މީހުން އުފުލުމާއި ސްޓްރެޗާގައި ލަންކާ، އިންޑިޔާ ފަދަ ގައުމުތަކަށް ބަލި މީހުން އުފުލުން ވެސް ހިމެނޭ،" ހާރިސް ވިދާޅުވި އެވެ.

އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މައުމޫނު ވިދާޅުވީ މި އެއްބަސްވުމުގެ މައިގަނޑު ބޭނުމަކީ ރާއްޖޭން ބޭރުވާ ޑޮލަރުގެ އަދަދު މަދުކުރުން ކަމަށެވެ.

"އަޅުގަނޑުމެންގެ ޕާޓަރެއްގެ ގޮތުގައި ވަރަށް ޒަމާނުއްސުރެ ފެށިގެން މަސައްކަތް ކުރާ ކުންފުންޏެއް އައިލެންޑް އޭވިއޭޝަންއަކީ. މިހާރު ބަލި މީހުން މި އުފުލަނީ އެކި އެއާލައިންތަކުން. ނަމަވެސް މި އެއްބަސްވުމުގެ ދަށުން އައިލެންޑް އޭވިއޭޝަނުން އެ މަސައްކަތް ކޮށްދެއްވާނެ،" މައުމޫނު ވިދާޅުވި އެވެ.