ހަބަރު

އާގިލްގެ މަރަށް ދެދުވަސް: އަދި މީހަކު ހައްޔަރެއް ނުކުރޭ

Sep 2, 2018
11

މިދިޔަ ހުކުރު ދުވަހުގެ ރޭ އެމްއެމްއޭ ކައިރިން ހަމަލާދީ މަރާލި ޒުވާނާގެ މަރުގެ މައްސަލާގައި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފި އެވެ.

ރަހުމް ކުޑަ ގޮތަކަށް ކަރަށް ވަޅި ހަރައި މަރާލާފައިވަނީ ގދ. ފަރެސްމާތޮޑާއަށް އުފަން އުމުރުން 18 އަހަރުގެ އިބްރާހިމް އާގިލެވެ.

ފުލުހުން ބުނީ، އާގިލް މަރާލި މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށާއި ނަމަވެސް އެމައްސަލަ ވަރަށް ސީރިއަސްކޮށް ބަލަމުން އަންނަ ކަމަށެވެ.

އެމްއެމްއޭ ކައިރިން ކަރަށް ވަޅި ހެރުމުގެ ސަބަބުން އޭނާއަށް ފަރުދާ ދިމިނުމަށް ގެންގޮސްފައިވަނީ އޭޑީކޭ އަށެވެ. އޭޑީކޭ އިން ބުނީ އޭނާ އެ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށެވެ.

މާލޭގައި މިދިޔަ ހަފްތާއިން ފެށިގެން އަންނަނީ މާރާމާރީތަކެއް ހިންގަމުންނެވެ. އެގޮތުން މިދިޔަ ހަފްތާގައި މީހަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލުމާއި ގުޅިގެން އޭނާ އަށް ވަނީ އޭޑީކޭގައި ފަރުވާދީފަ އެވެ.

ފުލުހުން ބުނީ، މާލޭގައި މިހާރު ހިންގަމުން އަންނަ މާރަމާރީތައް މަދު ކުރުމަށްޓަކައި ހާއްސަ އޮޕަރޭޝަންތަކެއް ހިންގަމުން އަންނަ ކަމަށެވެ. އަދި މާރަމާރީތައް ހުއްޓުވައި އެފަދަ އަމަލުތައް ހިންގަން ހިތްވަރުދޭ ފަރާތްތަކުން ހޯދާ މިފަދަ ކުށްތައް މަދު ކުރުމަށް ހާއްސަ މަސައްކަތްތަކެއް ފުލުހުން ކުރަމުންދާ ކަމަށާއި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށްވެސް ފުލުުހުން ބުންޏެވެ.