ހަބަރު

ވައިގެ މަގުން ބަލި މީހުން އުފުލަން އަހަރަކު 100 މިލިއަން ރުފިޔާ ހަރަދުވޭ: އާސަންދަ

ވައިގެ މަގުން ބަލި މީހުން އުފުލަން އަހަރަކު 100 މިލިއަން ރުފިޔާ ހަރަދުވާ ކަމަށް އާސަންދަ ކުންފުނިން މިއަދު ބުނެފި އެވެ.

ވައިގެ މަގުން ބަލި މީހުން އުފަން މޯލްޑިވިއަންއާއެކު އެއްބަސްވުމެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މައުމޫނު އަބްދުލް ސަމަދު ވިދާޅުވީ ބަލި މީހުން އުފުލުމަށް އަހަރެއްގެ މައްޗަށް އާސަންދައިން 100 މިލިއަން ރުފިޔާ ހަރަދުވާކަމަށާއި އުފުލަންޖެހޭ ބަލި މީހުންގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުންދާ ކަމަށެވެ.

މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް ވިދާޅުވީ ބަލި މީހުން އުފުލަން މިހާރު އާސަންދަ އިން ޓިކެޓު ނަގަނީ އެކި އެއާލައިންތަކުން ކަމަށާއި، ނަމަވެސް މި އެއްބަސްވުމުގެ ސަބަބުން މޯލްޑިވިއަން އިން ބަލި މީހުން އުފުލަން ފެށޭނެ ކަމަށެވެ.

"ބަލި މީހުން އުފުލާއިރު ބަލި މީހުންނަށް އިސްކަން ދީގެން ކުރިއަށް މިދަނީ. މިއީ މީހަކު ޗުއްޓީއަށް ފޮނުވުމަށް ވުރެ މާބޮޑު ކަމެއް ކަމަށް މި ބަލަނީ،" ހާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުއްލިއަކަށް އަންނަ ބަލި މީހުން އުފުލަން ޖެހޭ ވަގުތުތަކުގައި އަމަލުކުރާނެ އުސޫލެއް އާސަންދައާ ގުޅިގެން އެކުލަވާލަމުންދާ ކަމަށެވެ.

"އާއްމުކޮށް ބަލި މީހުން އުފުލަން މި ޖެހެނީ މެންދުރު ފަސް ނޫނީ ރޭގަނޑުގެ ވަގުތުތަކުގައި،" ހާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން އެ ކުންފުންޏަށް "ހަމައެކަނި ލިބެނީ ފައިނޭންޝަލީ ލިބޭ ފައިދާ" އެކަނި ނޫން ކަމަށެވެ.

"މި އެއްބަސްވުމުގެ ސަބަބުން ދިވެހިންގެ އިތުބާރުލިބި އެއާލައިން އެކްސްޕެންޑް ކުރަން ފުރުސަތު ލިބިގެން ދޭ. ދުވާލަކު އެތައް ފުރާނައެއް ސަލާމަތް ކުރުމުން އެލިބޭ ހިތްހަމަ ޖެހުމަކީ ވެސް ލިބޭ ފައިދާއެއް،" ހާރިސް ވިދާޅުވި އެވެ.