ހަބަރު

ކައުންސިލް ފަންޑް މެނޭޖްމަންޓް ޓްރޭނިން ޕްރޮގްރާމް ށ. ފުނަދޫގައި ފަށައިފި

Jun 7, 2015

ކައުންސިލްތަކަށް އެެލްޖީއޭއިން ހިންގާ ލޯކަލް ކައުންސިލް ފަންޑް މެނޭޖްމަންޓް ޓްރޭނިން ޕްރޮގްރާމް ށ. ފުނަދޫގައި މިއަދު ފަށައިފި އެވެ.

ރާއްޖޭގެ ހުރިހާ އަތޮޅަކާއި ސިޓީ ކައުންސިލްތަކުގެ ރައީސުންނާއި ނާއިބް ރައީސުން ފުނަދު އަށް ވަޑައިގެން މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ދެ ދުވަހުގެ މުއްދަތަށެވެ.

މި ޕްރޮގްރާމުގެ އެއް ބޭނުމަކީ ރާއްޖޭގެ އެކި ރަށްރަށުގައި ހިންގާ ފަންޑުތައް މެނޭޖްކުރުމަށާއި ފަންޑު ދިރުވުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ކައުންސިލްތަކަށް ފޯރުކޮށްދިނުމެވެ. އަނެއް ބޭނުމަކީ ކައުންސިލްތަކުން މިހާރު ފަންޑު މެނޭޖްކުރަމުންދާ ގޮތުގެ މައުލޫމާތު އެއްބަޔަކު އަނެއްބަޔަކަށް ހިއްސާކުރުން ކަމަށް މި ޕްރޮގްރާމް ފައްޓަވައި ދެއްވަމުން އެލްޖީއޭގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފްް އަހުމަދު މިއަދު ވިދާޅުވި އެވެ.

މި ޕްރޮގްރާމުގައި ބިޒްނަސް ސެންޓަރެއްގެ މައުލޫމާތާއި ވިޔަފާރި ރަޖިސްޓަރީ ކުރުމާއި ރާއްޖޭގައި ކޯޕަރޭޓިވް ސޮސައިޓީ އޮޕްރޭޓްކޮށް ހިންގާނެ ގޮތުގެ މައުލޫމާތާއި ކައުންސިލްތަކަށް އާމްދަނީ ހޯދޭނެ ގޮތްތަކާ ބެހޭ މައުލޫމާތު ދިނުން އޮންނާނެ އެވެ. މައުލޫމާތު ދެއްވާނީ ފިޝަރީޒް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުންނެވެ. މީގެ އިތުރުން ކޮންމެ އަތޮޅަކުން ވެސް އަތޮޅަކުން ފަންޑު ހޯދާ ގޮތާއި ފަންޑު މެނޭޖްކުރާ ގޮތުގެ ޕްރެޒެންޓޭޝަން ދިނުން އޮންނާނެ އެވެ.

މި ޕްރޮގްރާމް ށ. އަތޮޅުގައި ބާއްވަން ނިންމީ އެ އަތޮޅު ކައުންސިލަކީ ފަންޑު މެނޭޖްކުރުމުގައި ރާއްޖޭގައި އެންމެ ފާހަގަ ކުރެވޭ ކުރިއެރުންތައް ހޯދާފައިވާ އަތޮޅަށްވުމުންނެވެ. އަދި އެއަތޮޅުގެ ވެރިރަށް ފުނަދޫން ވަނީ ކައުންސިލްތުގެ އެންމެ އިސްބޭފުޅުންނަށް ހޫނު މަރުހަބާއެއް ކިިޔާފަ އެވެ.

ށ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު އާރިފް ވިދާޅުވީ ރާއްޖޭގެ ހުރިހާ އަތޮޅު އަދި ސިޓީ ކައުންސިލްތަކުގެ އެންމެ އިސްބޭފުޅުންނަށް މެހުމާންދާރީ އަދާކުރުމަކީ މުޅި ށ. އަތޮޅަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

"މީގެ ކުރިން އަތޮޅު ތެރޭގައި މި ގޮތަށް ހުރިހާ ކައުންސިލްތަކެއްގެ ވެރިން ބައިވެރިވެގެން މި ގޮތަށް ޕްރޮގްރާމެއް ހިންގާފައި ނެތް. އެހެންވީމާ މި ފުރުސަތު ށ. އަތޮޅު ކައުންސިލަށް ލިބިގެންދިއުމަކީ ށ. އަތޮޅުގެ ރައްޔިތުންނަށް ވެސް ލިބުނު ވަރަށް ބޮޑު ޝަރަފެއް އުފަލެއް. މި ފުރުސަތު ދެއްވީތީވެ ށ. އަތޮޅުގެ އެންމެހާ ރައްޔިތުންގެ ނަމުގައި އެލްޖީއޭ އަށް ޝުކުރު ދަންނަވަން،" އާރިފް ވިދާޅުވި އެވެ.