ބޮލީވުޑް

އާލިއާ ބައްޕަގެ ފިލްމަކަށް!

އާލިއާ ބަޓް ބޮލީވުޑަށް ތައާރަފުވި ފަހުން އަބަދުވެސް ކުރަމުން އަންނަ އެއް ސުވާލަކީ އާލިއާގެ ބައްޕަ، ޑައިރެކްޓަރު މަހޭޝް ބަޓްގެ ފިލްމަކުން އޭނާ ފެންނާނީ ކޮން ދުވަހަކުން ހެއްޔެވެ؟ ރިޕޯޓުތައް މިހާރު ބުނާ ގޮތުންނަމަ ވަރަށް އަވަހަށް މަހޭޝްގެ ފިލްމެއްގައި އާލިއާ ފެނިގެންދާނެ އެވެ.

އާލިއާ ފެނިގެންދާނީ މަހޭޝް ތައްޔާރުކުރާ "ސަޑަކް 2" އިންނެވެ. މުހިންމު ރޯލުތަކުން އާއިލާއާއެކު މި ފިލްމުގައި ސަންޖޭ ދަތާއި މަހޭޝްގެ ދޮށީ ދަރިފުޅު، އާލިއާގެ ދައްތަ ޕޫޖާ ބަޓްވެސް ފެނިގެންދާނެ އެވެ. ސަންޖޭ އާއި ޕޫޖާއަކީ، 1991 ވަނަ އަހަރު ގެނެސްދިން "ސަޑަކް" ގެ ފުރަތަމަ ބައިގައި ލީޑުން ފެނިގެންދިޔަ ދެ ތަރިންނެވެ.

އެ އަހަރު ދެ ވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ "ސަޑަކް" އަށެވެ. އެ ފިލްމުވެސް ޑައިރެކްޓްކުރީ މަހޭޝް އެވެ. މި ފިލްމުވެސް އޭނާ ޑައިރެކްޓް ކުރާއިރު، ޕްރޮޑިއުސްކުރަނީ އާލިއާގެ ބޮޑުބޭބެ މުކޭޝް ބަޓެވެ.

މީގެ ކުރިން މީޑިއާއަށް ދިން އިންޓަވިއުއެއްގައި މަހޭޝް ބުނެފައި ވަނީ މި ފިލްމުގައި ސަންޖޭ އާއި ޕޫޖާ ކުޅޭނީ ފުރަތަމަ ފިލްމުގައިވެސް ކުޅުނު ރޯލު ކަމަށެވެ. މި ފިލްމު ފަށާނީ ކުރީގެ ފިލްމު ނިމުނު ހިސާބުން، މިހާރު އެމީހުންގެ ދިރިއުޅުމަށް އައިސްފައިވާ ބަދަލުތައް ގެނެސްދޭ ގޮތަށެވެ.

ފިލްމުގައި އާލިއާ ކުޅޭނެ ރޯލެއް އަދި ސީދާ ސާފު ނުވި ނަމަވެސް، މުހިންމު ރޯލަކުން އޭނާވެސް ފެނިގެންދާނެ ކަމަށްވެ އެވެ. އާލިއާ މިހާރުވެސް އަންނަނީ ގިނަ ފިލްމުތަކެއްގައި މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި "ބްރަހަމަސްތުރާ"، "ގުލީ ބޯއި"، "ތަޚްތު" އަދި "ކަލަންކް" ފަދަ ފިލްމުތައް ހިމެނެ އެވެ.