ހަބަރު

މުއައްސަސާތަކުގެ މިނިވަންކަން ނަގާލީ އިދިކޮޅު ފަރާތްތައް: ރައީސް

މިނިވަން މުއައްސަސާތަކަށް ނުފޫޒު ނުފޯރުވާނެ ވާހަކައެއް އިދިކޮޅު ފަރާތްތަކަކަށް ނުދެއްކޭނެ ކަމަށާއި މުއައްސަސާތަކުގެ މިނިވަންކަން ނަގާލީ އެމްޑީޕީގެ ސަރުކާރެއްގައި ކަމަށް ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި ސިޔާސީ ނުފޫޒަށް ބޯލަނބާ މީހަކު މިނިވަން މުއައްސަސާއެއްގެ މަގާމެއްގައި ނުހުރެވޭނެ ކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ ވާހަކައަށް ރައްދުދެއްވަމުންނެވެ.

މަޝްރޫއެއް އިފްތިތާހުކޮށްދެއްވުމަށް އދ. މަހިބަދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މުއައްސަސާތަކަށް އައްޔަން ކުރާ މީހުންނަކީ މިނިވަން ބަޔަކަށް ކަމަށް ވެދާނެ ކަމަށާއި ނަމަވެސް އެ މީހުން ކަންކަން ނިންމާއިރު އެ މީހުންގެ މިނިވަން ހިޔާލު ނުފެންނަކަން ފެނިގެންގޮސްފައިވާ ކަމަށެވެ. އޭގެ އެންމެ ވަރުގަދަ ހެއްކަކީ އިދިކޮޅު ފަރާތްތަކުން އެއްގަލަކަށް އަރައިގެން ފެބްރުއަރީ މަހު 1 ވަނަ ދުވަހު ސުޕްރީމް ކޯޓު ބޭނުންކޮށްގެން ހިންގެވި ކަންކަން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"ކޮންމެ މީހަކީ ވެސް މިނިވަނެއް، އަޅުވެތިކަމަށް ނިމުމެއް އައީ އިސްލާމް ދީން އައުމާ އެކީ، އެ ބީދާއިން އަޅުގަނޑުމެން އެންމެނަކީ މިނިވަންކަމަށް އެ ވިދާޅުވަނީ، އެކަމަކު އެ މީހުން ކުރާ ކަމަކަށް އެ މީހުންގެ ފިކުރަކަށް އެ މީހުން ނިންމާ ނިންމުމަކަށް އެ މީހުން ނިންމާ ހުކުމްތަކަކަށް މިނިވަން ކަމެއް ނެތް ކަން އަޅުގަނޑުމެންނަށް ކިތަންމެ ހާވެސް ސާފުކަން ބޮޑު ގޮތެއްގައި ދަލީލު އެބަކޮށްދޭ ފެބްރުއަރީ އެއްވަނަ ދުވަހު ނެރުއްވި ހުކުމުން، އޭގެ މަންފާ ލިބުނީ ކޮން ބަޔަކަށްތޯ، އޭގެ މަންފާ ހަމަގައިމުވެސް ލިބުނީ ރައީސް ޔާމީންއަކަށް ނޫން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ފެބްރުއަރީ ހަތް ވަނަ ދުވަހު ނުނިމުން ނަމަ އެއާ ޖެހިގެން އައި ދުވަހު ހުރިހާ ފަނޑިޔާރުންް ގެއަށް ފޮނުވާލާފައި އެ ބޭފުޅުން ބޭނުންވާ ފަންޑިޔާރުން އައްޔަން ކުރުމަށް ހުރިހާ ކަމެއް އެ ސަރުކާރުން ނިންމެވި ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ޖުޑިޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ފަންޑިޔާރުން ދާއިމީ ކުރުމަށް ހުވާ ލާދިނުމުގެ ޖަލްސާގައި އެކަން ކުރިޔަށް ގެންދިޔުމަށް ހުރަސް އަޅަމުން ގެންދެވީ ވެސް އެ ކޮމިޝަންއަށް އޭރުގެ ރައީސް ނަޝީދު ކަނޑައަޅާފައި ހުންނަވާ މެންބަރު ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އޭގެ އިތުރުން ރައީސް ނަޝީދަށް އަބްދުﷲ ގާޒީ ހައްޔަރު ކުރަން ޖެހިވަޑައިގަތީ ކީއްވެތޯ ވެސް ރައީސް ޔާމީން ސުވާލު ކުރެއްވި އެވެ. އަދި ޑރ. މުހައްމަދު ޖަމީލު އެތަށް ފަހަރެއްގެ މަަތިން ހައްޔަަރު ކުރުމާއި އޭރުގެ އިލެކްޝަން ކޮމިޝަަންގެ ތެރޭގައި ހިނގައިދިޔަ ކަންކަމުން ވެސް މިނިވަން ކަން ނުފެންނަ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

މިއީ އަޅުގަނޑުމެންގެ ޓީވީތަކުން ފެނިފައި ހުރި ކަންތައް، އާކައިވްއަށް ދާކަށް ނުޖެހޭ، އެހެންވެ ކޮން މިނިވަންކަމެއްގެ ވާހަކައެއްތޯ އެ ދައްކަނީ، ކޮން ފަނޑިޔާރަކަށްތޯ މިނިވަންކަމާއެކު ހުކުމް ކުރުމުގެ ހައްގު ލިބުުނީ
ރައީސް ޔާމީން

އެފަދަ ގޮތަކަށް ކަންކަން ކުރައްވާފައި ތިބި ފަރާތްތަކަށް މިނިވަންކަމުގެ ވާހަކައެއް ނުދެއްކެވޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެއީ މުއައްސަސާތަކުގެ މިނިވަންކަން ނަގާލާ ސިޔާސީ ނުފޫޒް ފޯރުވާފައި ވަނީ އެމްޑީޕީގެ ވެރިކަމުގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ މިނިވަންކަމުގެ ވާހަކަތައް ދައްކާއިރު އެންމެ މުހިންމު ވާން ޖެހޭނީ ފަރުދުންގެ މިނިވަންކަމާއި ގައުމުގެ މިނިވަން ކަމަށެވެ. ނަމަވެސް ގައުމުގެ މިނިވަންކަމުގެ ވާހަކަދައްކާއިރު އިދިކޮޅު ފަރާތްތަކުން ކުޑަ ކަމެއް ވެލާއިރަށް ބޭރުގެ ލަޝްކަރުން އެރުމަށް ގޮވާލާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އެހެންވެ މިނިވަންކަން ނެތް ދައުލަަތެއްގައި، މިނިވަންކަން ނެތް ގައުމެއްގައި، މިނިވަންކަން ނެތް ރަށެއްގައި، ކޮން މުއައްސަސާއެއްގައިތޯ މިނިވަނުން ތިބޭނީ، މުއައްސަސާއެއް އޮންނާނެތޯ، އެހެންވެ ދައްކާ ވާހަކަ ވަށާ ނުޖެހޭ ވަރު މިދަންނަވާލަނީ،" ރައީސް ވިދާޅުވި އެވެ. "މުއައްސަސާތަކުގެ މިނިވަންކަން އެބޭފުޅުން ނަގާލެއްވީ، މީހުންގެ މިނިވަންކަން އެ ބޭފުޅުން ނަގާލެއްވީ،"