ރިޔާސީ އިންތިހާބަށް ވޯޓްލާ ދުވަހަކީ ރައްޔިތުން ބަސް ބުނުމަށް ލިބޭ ދުވަސް ކަމަށާއި އެދުވަހުން ރައްޔިތުންގެ މައްޗަށް އެއްވެސް މީހަކަށް ނުފޫޒު ނުފޯރުވޭނެ ކަމަށްވެސް އިދިކޮޅު ކޯލިޝަން ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.
ގދ. ނަޑެއްލާ ރައްޔިތުންނާއި ބައްދަލުކުރައްވައި އިބޫ ވިދާޅުވީ، ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ވެރިކަން ކުރައްވަން ބޭނުންފުޅުވަނީ ހިޔާލުތަފާތުވާ ކޮންމެ މީހަކު ނެތިކޮށްލައި ބާރު އޮތީ ހަމައެކަނި އެމަނިކުފާނުގެ އަތުގައިކަން ދައްކައިގެން ވެރިކަން ކުރައްވަން ކަމަށެވެ. ނަމަވެސް އެކަން ރައްޔިތުން ގަބޫލު ނުކުރައްވާ ކަމަށް އިބޫ ވިދާޅުވި އެވެ.
"ރައްޔިތުން އެކަން ގަބޫލު ނުކުރަނީ މިއަދަކު އެކަންޔެއް ނޫން، ކުރިންވެސް ގަބޫލެއް ނުކުރެ، ރައީސް ޔާމީން އެއަމަލުތައް ހިންގަވަމުން ގެންދިޔަ އިރު ވެސް، ރައްޔިތުން ދިޔައީ ތިއީ ގޯހެކޭ ބުނަމުން. އެހެން ނަމަވެސް އެއިރު އެކަމަށް ކުރިމަތިލި އެންމެން މިއަދު ވަނީ ޖަލުގެ ކުޑަ ގޮޅިތަކުގެ ތެރެއަށް ވަދެ ބަންދު ކުރެވިފައި،" އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ، ކުރިމަތީގައި އޮތީ ރައްޔިތުން ބަސް ބުނުމަށް ލިބިފައިވާ ދުވަސް ކަމަށާއި 23 ސެޕްޓެމްބަރަކީ އެދުވަސް ކަމަށެވެ. އަދި އެދުވަހަކީ އެއްވެސް މީހަކަށް ރައްޔިތުންގެ މައްޗަށް ނުފޫޒު ފޯރުވޭނެ ދުވަހެއް ނޫން ކަމަށްވެސް އިބޫ ވިދާޅުވި އެވެ.
"ވިސްނުންތެރިކަމާއެކީގައި އެދުވަހު ނިކުމެވަޑައިގެން ތިބޭފުޅުން ތިބޭނުންވާ ބަދަލު ގެނައުމަށްޓަކައި ވޯޓް ދެއްވާ، ތިބޭފުޅުން ނިންމަވާ ނިންމެވުން ތަންފީޒު ކުރެވިގެންދާނެ،" އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ، ހުވަދު އަތޮޅު ރަށްތަކަށް ވަޑައިގެންނެވުމުން ހުރިހާ ރައްޔިތުންވެސް އެދެމުންދާ އެއް ކަމަކީ އިންސާފުގާއިމް ކޮށްދިނުމަށް ކަމަށާއި ގުޅިފައިވާ އިދިކޮޅު ކޯލިޝަނުން ވެރިކަމާ ކުރިމަތިލީ އަދުލު އިންސާފު ގާއިމްކޮށް ގެއްލިފައިވާ ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ކަމަށެވެ. އަދި ވިދާޅުވީ،
"ކުރީގެ ރައީސް މައުމޫނާއި، ނަޝީދާއި، ގާސިމާއި ޝެއިހް އިމްރާންގެ އިތުރުން އެތަށް ބަޔަކަށް ދަނީ އަނިޔާ ލިބެމުން، ޖަލުތަކުގެ ކުޑަ ގޮޅިތަކުގެ ތެރޭގައި، އާއިލާތަކާއި ބައްދަލުކުރުމަށް ވަޑައިނުގެންނެވި ރާއްޖެއިން ބޭރަށް އަރުވާލެވިފައި އެބަހުންނެވި، މިއީ މިއަދުގެ ހާލަތަކީ،" އިބޫ ވިދާޅުވި އެވެ.