ހަބަރު

ޝަހީމް އިލްމުވެރިންނަށް: ފިތުނަވެރި ސިޔާސީ ކަަންކަމުގައި ނޫޅުއްވާތި!

ރާއްޖޭގައި ތިބި އިލްމުވެރިން ފިތުނަވެރި ސިޔާސީ ކަންކަމުގެ ތެރެއަށް ނުވެންނެވުމަށް މަޝްހޫރު އިލްމުވެރިޔާ އަދި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިލްތިމާސް ކުރައްވައިފި އެވެ.

ށ. ފޯކައިދޫގައި ރޭ ވާހަކަފުޅު ދައްކަވަމުން ޝަހީމް ވިދާޅުވީ އިދިކޮޅު އިއްތިހާދުގެ ތެރޭގައި ބައެއް އިލްމުވެރިން މަސައްކަތް ކުރައްވާ ކަމަށެވެ. ނަމަވެސް ސެކިއުލާ ދައުލަތަކަށް ރާއްޖެ ހެދުުމުގެ މަސައްކަތް ކުރާ ބަޔަކަށް އެހީވާން ޖެހުނީ ކީއްވެތޯ ސުވާލު އުފެދޭ ކަމަށެވެ. އެހެންކަމުން އެ ފަރާތްތަކާ ދުރުވުމަށް ފަހު ރައީސް އަބްދުﷲ ޔާމީން އަރިހުގައި ތިއްބެވުމަށާއި ފިތުނަވެރި ސިޔާސީ ކަންކަމުގެ ތެރެއަށް ވަދެ އިލްމުވެރިން ހަލާކުވެގެން ނުދިޔުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"އިސްލާމް ދީނާއި އަދާވަތްތެރި ބާރުތަކުން ބޭނުންވަނީ އިލްމުވެރިންނަށް ގެއްލުން ދޭން. އެ އަވައިގައި އިލްމުވެރިން ނުޖެހުމަށް އިލްތިމާސް ކުރަން،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ ކޮންމެ ސަރުކާރެއްގައި ވެސް އިސްލާހު ކުރަން ޖެހޭ ކަންކަން ހުންނާނެ ކަމަށާއި އެގޮތުން މި ސަރުކާރުގައި ވެސް އިސްލާހު ކުރަން ޖެހޭ ކަންކަން ވާނަމަ އެކަންކަން އިސްލާހު ކޮށްގެން ސަރުކާރު ދެމެހެއްޓުމަކީ ރައްޔިތުންގެ އެތައް މަސްލަހަތެއް އޮތް ކަމެއް ކަމަށެވެ. ރައީސް ޔާމީންގެ ފަސް އަހަރުގެ ތެރޭގައި ދީނީ ގޮތުން ހޯދާފައިވާ ކުރިއެރުންތައް ފާހަގަ ކުރައްވަމުން ޝަހީމް ވިދާޅުވި މި ސަރުކާރުން އިސްލާމް ދީން ނޫން އެހެން ދީނަކަށް އެއްވެސް ޖާގައެއް ނުދޭނެ ކަމަށެވެ.