މީހުން

އަމިއްލަ "ބަދިގެ" އަށް ވަދެ ދުނިޔޭގެ ސަމާލުކަން ހޯދި ޒުވާނާ

"އާ ވިޔަފާރިއެއް ފަށަން ވެގެން ނަމެއް ހޯދައި މަޝްވަރާކުރަން އެންމެ ފުރަތަމަ ވަރަށް ގިނަ އެކުވެރިންނާ ބައްދަލުކުރީ. ދެން އެކި މީހުން އެކި ނަންތައް ދެމުން ގޮސް ހިތަށް އެރީ މިއަށް ކިޔާނީ ދިވެހި ނަމެކޭ"

"މިހެން ހިތަށް އަރާފައި، ދިން ނަމަކީ ބަދިގެ. އެހެން ބުނީމަ އެންމެން ހޭން ފެށީ. އެއްވެސް ކަހަލަ ސަޕޯޓެއް ނުލިބުނު."

މިއީ މުހައްމަދު ބައްސާމް އޭނާގެ އެންމެ މަޝްހޫރުވި ވިޔަފާރި ބްރޭންޑް "ބަދިގެ" (ޑޮޓްކޮމް) ވުޖޫދަށް ގެނައުމަށް ދަތުރު ފަށަން ޖެހުނު ގޮތެވެ.

ފުޑް ޑެލިވަރީގެ އަވަސް ހިދުމަތެއް "ބަދިގެ" ނަމުގައި ދޭނެ ގޮތުގެ މި ހިޔާލެއް ފިޔަވައި އޭނާގެ އަތަކު ހަމަ އެކައްޗެއް ވެސް ނެތެވެ. އަދި އެންމެފަހުން އޭނާގެ މި ހިޔާލަށް އިތުބާރުކޮށް އޭނާއާ އެކު މަޑުކުރި ދެ އެކުވެރިންގެ އަތުގައި ވެސް އިންވެސްޓްކުރާނެ ފައިސާއެއް ނެތެވެ.

"ދިޔައީމަ އެމީހުން ބުނީ ފުޑް ޑެލިވަރީކުރަން ބޭނުމެއް ނުވެޔޯ. ދެން ހަމަ އެއްވެސް ބަޔަކު އަހަރެމެން ދެއްކި ވާހަކަ ގަބޫލެއް ނުކުރި."

މިއީ ވިޔަފާރިއެއް ފަށާނެ އާ ހިޔާލެއް އުފައްދައިގެން އޭތި ހިފައިގެން މާލޭގެ މަޝްހޫރު ވިޔަފާރިވެރިންގެ ގާތަށް ދިޔައީމަ ބައްސާމަށް އެންމެ ފުރަތަމަ ޖެހުނު ހާލެވެ.

އޭރަށް ބަލާއިރު މާލޭގައި ފުޑް ޑެލިވަރީގެ ހިދުމަތަކީ ހަމައެކަނި ބަންގާޅީންނަށް ހާއްސަ ހޮޓާގަނޑަކުން އެމީހުންގެ "ބޮންދުން" ބޭނުންކޮށްގެން އެމީހުންގެ "ބޮންދުންނަށް" ބައިސިކަލުގައި ދިން ހިދުމަތެކެވެ.

ބައްސާމް ތަރައްގީކޮށްފައި އޮތް "ބަދިގެ" ހިޔާލާ އެއް ފެންވަރަކަށް ނުވަތަ އެ ވައްތަރަށް އެފަދަ ހިދުމަތެއް ދިން ބަޔަކު ވެސް މާލޭގައި ނެތެވެ.

މި ޒުވާން ވިޔަފާރިވެރިޔާގެ ތަފާތަކީ މިއީ އެވެ. އަބަދުވެސް އާ ކަމެއް ނުވަތަ ބާވެފައި އޮތް ހިދުމަތެއް އާ ގޮތަކަށް ދޭނެ ގޮތުގެ ހިޔާލަކާ އެކު އަންނަ އައުން މިއީ ބައްސާމުގެ އެންމެ ހާއްސަ ސިފަ އެވެ.

އަނެއް ސިފައަކީ މި އާ ތަޖުރިބާތަކާ އެކު ފެއިލްވެދާނެ ކަމުގެ ބިރަށް ނުސިހޭ ނުސިހުމާއި ވެއްޓޭ ކޮންމެ ފަހަރަކު އެއަށް ވުރެ ބާރަށް ތެދުވިގަތުމަށް ލާ ހިތްވަރެވެ.

މި ސިފަތަކާ އެކު އޭނާ އެއް ފަހަރަކު ޖަލުގައި ވެސް އޮންނަން ޖެހުނެވެ. ހަމަ ހުވަފެނެއް ހަގީގަތަކަށް ހެދުމަށް ފެށި ދަތުރެއް އެންމެފަހުން އަނދަވަޅަކަށް ބަދަލުވީމަ އެވެ.

އެކަމަކު އެ ވާހަކައަކަށް ދިއުމުގެ ކުރިން، ކުޑަކުޑަ ބައްސާމެއްގެ ވާހަކަ އިން ފަށައިގަތުން ކިހިނެތްވާނެ ހެއްޔެވެ؟ އެންމެ ކުޑައިރު ވެސް އޭނާ އަކީ ހަޔާތުގެ ދަތުރުގައި ރިސްކުނަގަމުން ކުރިއަށް އައި ޒުވާނެކެވެ.

އެހެން ނޫން ނަމަ ފަހަރެއްގައި މިއަދު އޭނާ ވިޔަފާރީގެ ދާއިރާއަކުން ވެސް ނުފެންނާނެ އެވެ. އެހެން އެންމެންގެ މައިންބަފައިން ވެސް ބޭނުންވާ ފަދައިން ބައްސާމުގެ މަންމަ އާއި ބައްޕަ ވެސް ބޭނުންވީ އޭނާ ޑޮކްޓަރަކަށް ހަދާށެވެ.

"ނުވަތަ ސައިންޓިސްޓަކަށް ހަދަން. އެހެންވީމަ ބައްޕަމެން އެގޮތް ބޭނުންވެގެން އަޅުގަނޑު ވެސް ކިޔެވިއިރު އިހްތިޔާރުކުރީ ސައިންސް ސްޓްރީމް،" ބައްސާމް ކިޔައިދިނެވެ.

"އެކަމަކު މި ސްޓްރީމެއް ނަގައިގެން އެއްގޮތަކަށް ވެސް ކިޔަވާ ހިތެއް ނުވި. ހަމަ އެއްގޮތަކަށް ވެސް ކުރިއަކަށް ނުދެވުނު. އެންމެފަހުން ގްރޭޑު ހަތެއްގައި ރިޕީޓްވެއްޖެ. އޭރު އޮންނަ ގޮތުން ހަތެކާ ހިސާބުން ސްޓްރީމެއް ނަގަން ޖެހޭ. އަދި ދެ ފަހަރު ރިޕީޓްވެއްޖެ ނަމަ ސްކޫލުން ކަނޑާލާނެ."

އެހެންވެ ސްކޫލުން ކަނޑާލުމުގެ ކުރިން އޭނާ ބޭނުންވީ ރިސްކެއް ނަގާށެވެ. އެ ރިސްކަކީ ސައިންސް ސްޓްރީމް ދޫކޮށް ކޮމާސް ސްޓްރީމަށް ބަދަލުވުމުގެ އާދަޔާހިލާފު ނިންމުމެވެ. އޭރު ސައިންސް ކިޔަވައިގެން ފެއިލްވެގެން އެއްފަހަރު އޭނާ ރިޕީޓްވެއްޖެ އެވެ.

"ވީގޮތަކީ އަޅުގަނޑަށް ފެންނަން ފެށީ ކަޒިންއަކު ކިޔަވަން ގެންގުޅުނު ބިޒްނަސް ފޮތްތަކެއް. ދެން އެ ފޮތްތައް ނަގައިގެން ހާވަން ފެށީމަ އެ ފޮތްތައް ވީ ސައިންސް ފޮތްތަކަށް ވުރެ މާ ޝައުގުވެރިވަނިވި ފޮތްތަކަކަށް. އަދި އޭގައި އޮންނަ އެތި މާ ފަސޭހައިން އެނގެން ފެށީ،" ބައްސާމް ބުންޏެވެ.

"ދެން ހިތަށް އެރީ ބޭނުންވާ ކަންތައް ކާމިޔާބު ކުރެވޭނީ އަމިއްލަ އަށް ފައިޓްކޮށްގެންނޭ. ދެން ބައްޕަމެން ގާތު ބުނެގެން ސްކޫލްގައި އެދިގެން އެންމެފަހުން ސްޓްރީމް ބަދަލުކޮށްލީ."

ދިވެހި އިސްލާމް ފިޔަވައި އެހެން މާއްދާއަކުން އޭނާ ފާސްވާން ފެށީ ދެނެވެ. އެކަމަކު ކިޔެވިއިރު އަދި ޓެސްޓް ޕޭޕަރު ހެދިއިރު ވެސް އޭނާ އަކީ ފޮތުގައި އޮތް އެއްޗެއް އޮތް ގޮތަށް ނުވަތަ ޓީޗަރު ކިޔައިދިން ގޮތަށް ދަސްކުރި މީހެއް ނޫނެވެ.

އެހެންވީމަ ކިޔަވައިދިން ޓީޗަރުންނާ އޭނާއާ ދެމެދު ވެސް އޭރު އޮންނަނީ އަބަދު މައްސަލަ ޖެހިފަ އެވެ.

މިއީ ސްކޫލުގެ ޔުނީފޯމު ބޭލުމަށް ފަހު ވިޔަފާރީގެ މައިދާނަށް ވަނުމުން ވެސް އޭނާ އަށް ޖެހުނު މައްސަލަ އެވެ. އެހެން މީހުން ކަންކުރާ އާންމު އުސޫލުތައް އޭނާ އަށް ކަމުނުދަނީ އެވެ.

ފުޑް ޑެލިވަރީކޮށްދޭން ފެށި "ބަދިގެ" ހިދުމަތެއް ފެށުމުގެ ކުރިން ވިޔަފާރީގެ އެތައް ތަޖުރިބާއެއްކޮށް އެތައް ހިތިއެއް ބޮވުނީ ނުވަތަ އެތައް ފިލާވަޅެއް ދަސްވީ ވެސް މި ސިފައާ ހެދި އެވެ.

ބައްސާމް އެންމެ ފުރަތަމަ ރަސްމީކޮށް ނުކުތީ އެއާލައިން ޓިކެޓިންގެ ދާއިރާއަށެވެ. އެތަނުގައި ތިބި ތަޖުރިބާކާރު ބޭފުޅުން މަސައްކަތްކުރާ ގޮތާ ތަފާތު ގޮތަކަށް އޭނާ މަސައްކަތްކުރަން ފެށުމުން މައްސަލަ ޖެހުނީ އެވެ.

ދެން އޭނާ ވަނީ ޓޫރިޒަމްގެ ފެހި ދާއިރާ އަށެވެ. ޓުވަރިޒަމް ދާއިރާގެ މަޝްހޫރު ނަމެއް ކަމުގައިވާ ކެޕިޓަލް ޓްރެވަލްސްގައި މާ ގިނަ ދުވަހު ނޫޅެވުނީ އޭނާގެ އާ ހިޔާލުތަކަށް އެތަނުގެ ބާ މެނޭޖުމަންޓުގައި ޖާގައެއް ނެތީމަ އެވެ.

އެއަށް ފަހު ދެން އޭނާ ނެގީ އަނެއްކާވެސް ރިސްކެކެވެ. ނުވަތަ ހުޅުވިފައި އޮތް ފުރުސަތެއްގެ ބޭނުން ހިފީ އެވެ.

"ދެން އަޅުގަނޑު އަމިއްލަ އަށް ޓްރެވަލް އޭޖެންސީއެއް ހެދީ. ހިތަށް އެރީ ތަފާތުވާން އެބަޖެހެޔޭ ޓްރެވަލް އިންޑަސްޓްރީ ވެސް. އޭރު ޓްރެވަލް އޭޖެންސީތައް ހިންގީކީ މި އިންޑަސްޓްރީ އެހާ ރަނގަޅަކަށް އެނގިގެންނެއް ނޫން ހަގީގަތުގައި މި ދާއިރާގެ މީހުން،" ބައްސާމް ބުންޏެވެ.

"އެހެންވީމަ އަޅުގަނޑު އެކަނި ގޭގައި އިނދެގެން ކޮމްޕިއުޓަރެއް ބޭނުންކޮށްގެން ހިންގި އަމިއްލަ ކުންފުނި ވެސް އޭރުގެ ނަން މަޝްހޫރު ޓްރެވަލް އޭޖެންސީތަކާ އެއް ވަރަށް ހިނގި. ރޫމް ވިއްކައިގެން ގެސްޓުން ވެސް ގެނައިން ގޭގައި ހުރެގެން"

"އޭރު އެއީ ވަން މޭން ޝޯއެއް. ގޭގައި އިނދެގެން މެއިލްކޮށްލާފައި ގެސްޓުން އަންނަންވީމަ އެމީހުން ބަލާ އެއާޕޯޓަށް ގޮސްފައި އެމީހުން ރިސޯޓަށް ފޮނުވާލަނީ."

"އަޅުގަނޑު ގެންގުޅުނު ތަފާތަކީ އިންޓަނެޓްގެ ލިބެން ހުރި ހިދުމަތް ބޭނުންކޮށްގެން ޖެއްސި ޕްރޮމޯޝަންސްތައް. އެހެން އޭޖެންސީތަކުން އޭރަކު އެގޮތަށް އިންޓަނެޓްގެ ހިދުމަތް ބޭނުމެއް ނުކުރޭ."

ބައްސާމްގެ މި މަސައްކަތް ކިތަންމެ ކާމިޔާބުކޮށް ފެށި ނަމަވެސް ފަހުން އޭނާ އަށް ލަނޑު ލިބުނީ އެވެ. ނުފޫޒުގަދަ ވިޔަފާރިވެރިއެއްގެ މަޅީގައި ޖެހުނީ އެވެ. ކުންފުންޏަށް ޝައުގުވެރިވި ވިޔަފާރިވެރިޔާ އަށް ހިއްސާ ވިއްކާލައިގެން އެންމެފަހުން އަމިއްލަ ކުންފުނިން އަމިއްލަ ބާރު ކެނޑި ބާކީ ވެސްވީ އެވެ.

މިއަދު އެ ކުންފުންޏަކީ ރާއްޖޭގެ ނިކަން މަޝްހޫރު ޓްރެވަލް އޭޖެންސީއެއް އުފަންވުމުގެ އަސްލެވެ. ބައްސާމަށް ލިބުނު ފިލާވަޅެކެވެ.

އެކަމަކު މި ތަޖުރިބާއަށް ފަހު ވެސް އޭނާގެ ހުވަފެންތައް ހަގީގަތަކަށް ހެދުމުގެ ހިތްވަރު ދޫކޮށެއް ނުލި އެވެ. އަނެއްކާވެސް ޓްރެވަލް އޭޖެންސީއަކާ ގުޅުނީ އެވެ.

މިފަހަރު މެނޭޖިން ޑިރެކްޓަރަކަށެވެ. އޭރު އޭނާ އަށް ކިރިޔާ 18 އަހަރު ފުރުނީ އެވެ.

"އެތަން ވެސް އަޅުގަނޑު ބޭނުންވާ ގޮތަށް ކުރިއަށް ނުގެންދެވިގެން ދޫކޮށްލާފައި ނުކުމެގެން ދިޔައީ،" ބައްސާމް ބުންޏެވެ.

އެ ދިޔަގޮތަށް އޭނާ ދިޔައީ ފިލިޕީންސް އަށެވެ. އެތަނުގައި ތިބި ފިލިޕީންސް ބަޔަކާ ގުޅިގެން އަނެއްކާވެސް ޓްރެވަލް އޭޖެންސީއެއްގެ ވިޔަފާރި ފެށީ އެވެ.

ވިޔަފާރީގެ މައިދާނުގައި އަލިފާނާ ކުޅެމުން ދިޔަ ޒުވާން ބައްސާމް ޖަލަށް ދާން ޖެހުނު ހިސާބު މި އަންނަނީ އެވެ.

"އޭގައި ވީ ގޮތަކީ އެކުގައި ތިބި މީހުންނަށް މާ ބޮޑަށް އިތުބާރުކުރެވުނީ. މާލީ މައްސަލަތަކެއް ކުރިމަތިވެގެން ދިޔައިރު އެމީހުން ފްރޯޑް ހަދާފައި ފިލައިފި،" ބައްސާމް ކިޔައިދިނެވެ.

"ކިރިޔާ މީހާ ސަލާމަތްވީ އެފަހަރު. ވިހި ދުވަހު ޖަލުގައި އޮންނަން ޖެހުނު އެފަހަރު. ރާއްޖެ އައި ގެސްޓުންގެ ހުރިހާ ލާރިކޮޅެއް ވެސް ކާލީ ފިލިޕީންސްގައި ތިބި ޕާޓުނަރުން."

ޖަލުގެ ގޮޅިއަކަށް ދާން ޖެހުމަކީ އޭނާގެ ހިޔާލުތައް ތާޒާކޮށްލުމަށް ލިބުނު ފުރުސަތެކެވެ. އޭނާ ބުނާ ގޮތުން ޓޫރިޒަމް ދާއިރާ ދޫކޮށް "ބަދިގެ" ކަހަލަ ވިޔަފާރިއެއް ފަށަށް ހިޔާލު އައީ ޖަލުގައި އެކަނި ހޭދަކުރި ދުވަސްކޮޅުގަ އެވެ.

"އޭރު ދެން ޖަލުގައި ކުޑަ ގޮޅިއެއްގައި އޮވެފައި ނުކުތީމަ ދެން ބޭނުންވީ ވެސް ގިނައިރު ބޭރުގައި، ސާފު ވައި ލިބޭ ހިސާބުގައި އުޅެން. އެހެންވެ ގިނަ އިރު ބޭރުގައި އުޅެވޭ ކަހަލަ ކަމަކަށްވީ ބަދިގެ ވެސް،" ބައްސާމް ބުންޏެވެ.

އޭނާގެ މި ހިޔާލު އެންމެ ފުރަތަމަ ނުވިކުނަސް މާލޭގެ އެންމެ ވާދަވެރި ރެސްޓޯރެންޓްތައް ވެސް އޭނާގެ ތަބަށް އެރީ އެވެ. އެ އެންމެންގެ ޑެލިވަރީ ބޯއިއަކަށް ބައްސާމް ބަދަލުވީ އެވެ. އެންމެ ފުރަތަމަ ފުޑް ޑެލިވަރީގައި އުޅުނީ ވެސް ބައްސާމް އާއި އޭނާގެ އެކުވެރި އެކެވެ.

މި ހާލެއްގައި ފެށި "ބަދިގެ" ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑުވެ، ދުން ޖަހާލާފައި ކުރި އަރައިގަތުމުން ރެސްޓޯރެންޓަކަށް އެ މަންޒަރު ބަލަން ތިބެން ކެތެއް ނުކުރެވުނެވެ.

ބައްސާމް އާއި އޭނާގެ "ބަދިގެ" ލައްވައި ސަބްމެރިން އާއި އެހެން އޯޑަރުތައް ވެސް ވިއްކި މަޝްހޫރު ޑައިންމޯ އިން އެންމެފަހުން ބައްސާމްގެ ޑެލިވަރީ ބޯއިޒްތަކަށް ބޮޑު މުސާރައެއް ދީފައި "އުފުރައިލީ" އެވެ.

އެކަމަކު އެވަރުން ވެސް ބައްސާމް އޭނާގެ ހުވަފެން ދުލެއް ނުކޮށްލި އެވެ. ދެން އޭނާގެ "ބަދިގޭގައި" ކައްކަން ފެށީ އެވެ.

ނަތީޖާއަކަށް ވެގެން ދިޔައީ "ކާގެ" ނަމުގައި ރެސްޓޯރެންޓެއް އުފައްދައި ޑައިންމޯ ސަބްމެރިން ބަލިކުރެވޭ ވަރުގެ މީރު ސަބްމެރިންއެއް ވެސް އުފެދިގެން ދިއުމެވެ. އެއަށް އޭނާ ދިން ނަމަކީ ލަނޑާ އެވެ. އާދައިގެ މަތިން ދިވެހި ނަމެކެވެ.

ބައްސާމްގެ "ކާގެ" އިން ދެން މަޝްހޫރުކޮށްލީ "އުމަރު" ގެ ނަމުން ނަން ދީފައި އޮތް ބާގާ އެކެވެ.

ނަމަވެސް އާދައިގެ މަތިން ބައްސާމުގެ މި ވާހަކަ ވެސް ހަމަ ނިމުނީ އެވެ.

އެއަށް ފަހު އޭނާ "މާމޯލް" ނަމަކަށް ކިޔާ އޮންލައިން ޝޮޕިން މޯލްއެއް ވެސް ފެށި އެވެ. ފްލާވާ މޯލްޑިވްސްގެ ނަމުގައި އޮންލައިންކޮށް މާ ޑެލިވަރީކޮށްދިނުމުގެ ހިދުމަތް ވެސް ފެށި އެވެ. ޕޭޕާލްއާ އެއްގޮތަކަށް މަސައްކަތްކުރާ "ކައުރީޕޭއި" ނަމަކަށް ކިޔާ ޕޭމަންޓް ސެންޓާއެއް އުފައްދައިގެން ރާއްޖޭގެ ބޭންކުތަކާ ގުޅިގެން ހިދުމަތް ދޭން ވެސް ތައްޔާރުވި އެވެ.

ނަމަވެސް އެ ހުރިހައި ވިޔަފާރިއަކާއި ހިޔާލެއް ވެސް ހަމަ ނިމިގެން ދިޔައީ އެވެ. އެހެންވީމަ ބުނަންވީ ބައްސާމް އަކީ ބޮޑު ފެއިލިއާއެކޭ ހެއްޔެވެ؟ ނުވަތަ "ބަދިގެއެއް" އުފެއްދި ސްޓީވް ޖޮބްސްއެކޭ ތޯ އެވެ؟

މިއަދު އޭނާ އަކީ ސްވިޓްޒަލެންޑުން ދުނިޔެއަށް މަޝްހޫރު ކީބޫޓް އެކްސްކްލޫސިވްކޮށް މާލޭގައި ވިއްކާ ފަރާތެވެ. މިއަދު އޭނާ އަކީ އެމެރިކާ އިން އިސްނަގައިގެން ކުރިއަށް ގެންދާ ގްލޯބަލް އެންޓަޕްރެނާޝިޕް ސަމިޓުގެ ސަމާލުކަން ވެސް ހޯދާފައިވާ ޒުވާނެކެވެ.

މިދިޔަ އަހަރު އެމީހުން ދުނިޔެ އިން ހޮވާލި، ރިސްކު ނަގަން ކެރޭ ޒުވާން 70 ވިޔަފާރިވެރިންގެ ތެރޭގައި ހިމެނިގެން ބައްސާމް އެމީހުންގެ ސަމިޓުގައި ވެސް ބައިވެރިވި އެވެ. އޭނާ އަކީ ރާއްޖެ އިން މި ޝަރަފު ލިބުނު ހަމައެކަނި ފަރާތް ވެސްމެ އެވެ.

އެހެންވީމަ އަދިވެސް، އޭނާ ސިފަކުރަންވީ ފެއިލިއާއެއްގެ ގޮތުގައި ހެއްޔެވެ؟

"އެޕަލްގެ ސްޓީވް ޖޮބްސް ވެސް އެތައް ފަހަރަކު ފެއިލްވި. ފެއިލިއާ އަކީ މައްސަލައެއް ނޫން. ކާމިޔާބުވާނެ، ކާމިޔާބުވާނީ އަމިއްލަ އަށް ހެދޭ މިސްޓޭކްސް އަމިއްލަ އަށް ފާހަގަކޮށް ރަނގަޅު ވެސް ކޮށްގެން،" ބައްސާމް ބުނަނީ މިހެންނެވެ.

"މީހުންނަށް ހީވަނީ ސްޓީވް ޖޮބްސް ވެސް އެކަނިމާ އެކަނި ގޮސް އެޕަލް ބޮޑު ކުންފުންޏަކަށް ހެދީއޭ. އެކަމަކު ވަކި ހިސާބަކުން އެޕަލް އަށް ވެސް ފަންޑުކުރި ބަޔަކު އެބަތިބި އަދި ބިލް ގޭޓްސްގެ މައިކްރޮސޮފްޓަށް ވެސް. އެހެންވީމަ ބޭރުގެ މިފަދަ ގައުމުތަކުގައި ސްޓާޓްއަޕް ވިޔަފާރިއެއް ވަކި ހިސާބަކަށް ދިޔައީމަ އެއަށް އެބަ ދޭ ފަންޑް ސަރުކާރުގެ އެތެރެއިން ވެސް"

"އެކަމަކު ރާއްޖޭގައި މިފަދަ ސިޔާސަތުތަކެއް ނެތް. މިސާލަކަށް ބަދިގެ އަކީ ވަރަށް މަޝްހޫރުވި ހިދުމަތެއް. ބަދިގެއޭ ބުނީމަ ނޭނގޭ މީހަކު ވަރަށް މަދުވާނެ މި މާލޭގައި އޭރު. އެކަމަކު ވެސް އަޅުގަނޑުމެންގެ އެ ހިދުމަތް ދަމަހައްޓައި ކުރި އަރުވަން އެންމެ ރުފިޔާއެއްގެ އެހީ ވެސް ފޯރުކޮށްދޭނެ މީހަކު ނުވި"

"އެހެންވީމަ އަޅުގަނޑު ބުނެލަން ބޭނުން ވަނީ އެފަދަ އާ ކުދި ވިޔަފާރިތައް އެގޮތަށް ހަލާކުވިޔަ ނުދޭށޭ."