ހަބަރު

ސަން އޮންލައިން އާއި ޓީވީ ހުއްޓާލަނީ

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަދި ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދުގެ ސަން މީޑިއާ ގްރޫޕް ވަގުތީ ގޮތުން ހުއްޓާލަން ނިންމައިފި އެވެ. އެތަނުގެ ބައެއް މުވައްޒަފުންނަށް ވެސް އެކަން ވަނީ މިހާރު އަންގާފަ އެވެ.

އުވާލަނީ، ސަން މީޑިއާ ގްރޫޕްގެ ދަށުން ހިންގާ ސަންއޮންލައިން އާއި ސަންޓީވީ އެވެ. ސަންއެފްއެމްގެ ހިދުމަތް މީގެ ދުވަސްކޮޅެއް ކުރިން ވަނީ ހުއްޓާލާފަ އެވެ.

މި ނިންމުން ކުއްލި ގޮތަކަށް އައުމާ ގުޅިގެން މިއަދު ހަވީރު ސަން މީޑިއާ ގުރޫޕުގެ މުވައްޒަފުންނަށް ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ. ސަން މީޑިއާ ގްރޫޕުން ބުނެފައި ވަނީ ސަން އޮންލައިނާއި ސަން ޓީވީ އާއި "މޯލްޑިވް އައިލެންޑްސް" މަޖައްލާގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމީ އޮންލައިން ނޫހާއި ރޭޑިއޯ އަދި ޓީވގެ ވަސީލަތްތަކުގެ ހިދުމަތާއި ފެންވަރާއި ކޮންޓެންޓު ރަނގަޅުކޮށް ރީލޯންޗުކުރުމަށެވެ.

ސަން އޮންލައިންގެ ނަމުގައި ސަން އޮންލައިން ނޫސް ތަރައްގީ ކުރީ 2010 ވަނަ އަހަރު އެވެ. ކުރިން އެ ނޫންސް ހިންގަމުން އައީ ސަން އެފްއެމްގެ ވެބްސައިޓްގެ ގޮތުގަ އެވެ. ސަން ޓީވީ އާއި ސަން މީޑިއާ ގްރޫޕްގެ އެހެން މީޑިއަމްތައް އުފެެއްދީ އޭގެ ފަހުންނެވެ.

މި ނިންމުން މިއަދު އާއިރު މީގެ ދުވަސްކޮޅެއް ކުރިން ސަން މީޑިއާ ގްރޫޕްގެ ސީއީއޯ ސިނާން އަލީ ވަނީ އިސްތިއުފާ ދީފައެވެ.

ސަން މީޑިއާ ގްރޫޕް ހުއްޓާލަން ނިންމި އިރު މީގެ ކުރިން ރާއްޖޭގައި އޮތް އެންމެ ބޮޑު ނޫސް ކަމަށްވާ ހަވީރު ނޫސް ވެސް ވަނީ މައްސަލަތަކެއްގެ ތެރޭގައި ހުއްޓިފަ އެވެ. އަދި ސަން އޮންލައިނާއެކު ހިންގަން ފެށި ސީއެންއެމް ވެސް ވަނީ ހުއްޓާލާފަ އެވެ.