ފުވައްމުލައް މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ޕީޕީއެމްއިން ވަކިކުރަން އެ ޕާޓީގެ ސުލޫކީ ކޮމެޓީއިން ދާދިދެންމެއަކު ނިންމައިފި އެވެ.
ފަޒާދު ޕީޕީއެމްއިން ވަކިކުރުމާ ގުޅިގެން އޭނާ ރައްޔިތުންގެ މަޖިލީހުގައި ތަމްސީލް ކުރަމުން ދިޔަ ގޮނޑި ހުސްވާނެ އެވެ، އެންޓި ޑިފެކްޝަން ގާނޫނުގައިވާ ގޮތުން ޕާޓީއަކުން މެންބަރަކު ވަކިކޮށްފިނަމަ ނުވަތަ ވަކިވެއްޖެނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅިއްޖެނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ އެވެ.
ޕީޕީއެމްގެ ސުލޫކީ ކޮމެޓީއިން ފަޒާދުގެ މައްސަލަ ބެލީ އެ ޕާޓީގެ ހަރަކާތްތަކުގައި މިފަހުން ފަޒާދު ބައިވެރިވެވަޑައިނުގަންނަވާތީ އާއި ޕާޓީއަށް އެއްބާރުލުން ނުދެއްވާ ކަމަށް ބުނެ އެވެ. އަދި ޕާޓީގެ ޕީޖީ ގުރޫޕްގެ ނިންމުންތަކަށް ވެސް އަމަލު ނުކުރާ ކަމަށާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަށް ގެއްލުންވާ ގޮތަށް ފަޒާދު އަމަލު ކުރައްވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ސުލޫކީ ކޮމެޓީން މި މައްސަލަތައް ބެލިއިރު ފަޒާދު މިހާރު ހުންނެވީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްތރާހިމް މުހައްމަދު ސޯލިހު، އިބޫއަށް ކެމްޕެއިން ކުރެއްވުމަށް ހއ. އަށް ވަޑައިގެންނެވެ. ފަޒާދު ރޭ ވިދާޅުވެފައިވަނީ ޕާޓީއިން ވަކިކުރިޔަސް ޖެހިލުންވެވަޑައިނުގަންނަވާ ކަމަށެވެ. ސަރުކާރާ ދުރަށް ވަޑައިގެންނެވީ ގާނޫނީ އިމުން ބޭރުން މަސައްކަތް ކުރާތީ ކަމަށެވެ.
ސުލޫކީ ކޮމެޓީއަށް ޖަވާބުދާރީވުމަށް ފަޒާދަށް ދެއްވި ފުރުސަތު ބޭނުން އޭނާ ހިއްޕަވާފައެއް ނުވެ އެވެ. އެހެންވެ އެ ކޮމެޓީއިން ނިންމީ ޕާޓީއަށް ފަޒާދުގެ ފަރާތުން ގެއްލުން ލިބެމުންދާތީ އޭނާ އެ ޕާޓީން ވަކިކުރުމަށެވެ.