overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ރިޔާސީ އިންތިހާބު 2018

104 އަހަރުގެ އަބްދުއްރަހުމާން: ވޯޓްލާ އެންމެ ދުވަސްވީ މީހާ!

ހދ. ހަނިމާދޫއިން: އިބްރާހިމް
Sep 21, 2018
10

ހދ. ހަނިމާދޫ އުތުރުކޮޅުގައި ހުރި އަންނާރުމާގެ ދޮރުމައްޗަށް މަޑުކޮށްލުމާ އެކު ހިނިތުންވުމަކާ އެކު އަހަރުމެންނަށް މަރުހަބާކީ، ބަލައިބެލުމަށް އުމުރުން 80 ވަރަކަށް އަހަރުގެ ފިރިހެނެކެވެ. ތައާރަފްވެ، ސަލާމް ކޮށްލުމަށް ފަހު، ސުވާލުކުރީމެވެ؛ "މިގޭގައި އުޅޭތަ 104 އަހަރުގެ ފިރިހެނެއް؟. މިއައީ އެމީހާޔާ ބައްދަލުކޮށްލަން،"

"މިއީ އެ މީހަކީ، އަބްދުއްރަހުމާން މިއީ،" ގޭ ކުރިމަތީގައި ހުރި ޖޯލިފައްޗެެއްގައި އިށީންނަން ދައުވަތު ދެމުން އޭނާ ބުންޏެވެ. އެ އުމުރުގައި ވެސް ޖޯލީގައި އިށީންނަން އޭނާ ހިނގާފައި އައީ ނުހަނު ފަރިތަ ކަމާ އެކީ އެވެ. އެއްވެސް މީހެއްގެ އެހީއެއް ނޫނީ އަސާގަނޑަކާ ވެސް ނުލާ ޖޯލީގައި އިށީންނަން ހިނގައިގަތުމުން އެއީ ހަމަ އަސްލަށް ވެސް 104 އަހަރުގެ މިހެއްތޯ ވެސް ސުވާލު އުފެދުނެވެ. އެ ހައިރާންކަމުގައި، ޖޯލީގައި އިށީނުމަށް ފަހު ވާހަކަ ފެށީމެވެ. "ބޭބެއަށް އިނގޭތަ ތިއީ މިއަހަރު ވޯޓްލާނެ އެންމެ އުމުރުން ދުވަސްވީ މީހާކަން!" ސުވާލުކުރީމެވެ. "ނޫން ބޭބެެއަކަށް ނޭނގެ،" އޭނާ
ހައިރާންކަމާ އެކު ޖަވާބު ދިނެވެ.

އަހަރުމެންނާ މިހާރު ބައްދަލުވެފައި އެ ހުރީ، މިއަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހަށް 105 އަހަރު ފުރޭ، ހދ. ހަތިފުއްޓަށް އުފަން މުހައްމަދު ރަހުމާން މޫސާއާ އެވެ. އީސީއިން އާންމުކޮށްފައިވާ ވޯޓާސް ލިސްޓްގައިވާ ގޮތުން އޭނާ އަކީ ސެޕްޓެމްބަރު 23 ވަނަ ދުވަހު ވޯޓްލާނެ އެންމެ އުމުރުން ދުވަސްވީމީހާ އެވެ. ވޯޓްލާއިރު އަބްދުއްރަހުމާންގެ އުމުރަކަށް ވާނީ 104 އަހަރެވެ.

ސަމާސަކުރަމުން އަބްދުއްރަހްމާން ވާހަކަ ފެށީ، އޭނާގެ ކޮށި ހަނދާނުގެ ތެރެއިން މުހައްމަދު އަމީންގެ ވެރިކަމުގެ ބައެއް ހަނދާންތަކުން އެވެ. އަބްދުއް ރަހުމާން ވަދެގެން ދިޔައީ ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ނިމުމާއި އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު އަމީން ހަވަރަށް ދިން ހާދިސާގެ ތެރެއަށެވެ. އެއީ އަބްދުއްރަހުމާންގެ ޒުވާން އުމުރުގެ ދުވަސްވަރެވެ. އެކަމަކު އެ ކަންކަމުގެ ތަފްސީލްތައް ދޭ ވަރަށް ވުރެ އޭނާގެ ހަނދާން ވަނީ ކޮށިވެފަ އެވެ. އަބްުދުއްރަހުމާން ބުނާ ގޮތުގައި، މުހައްމަދު އަމީންއާ ދެކޮޅަށް ވެރިރަށް މާލެ ކެކި އަރަމުން ދިޔައިރު ދަތުރުވަރަކަށް މާލެ އައިސް އޭނާ އޮތީ މާލޭ ފަޅުގައި އޮތް ދޯންޏެއްގަ އެވެ. ޒުވާނުން ދުވަސްވަރުގެ އެ ހަނދާންތަކުގެ ތެރެއިން، ހަވަރު އެއްވި މަންޒަރާއި މާލެ ތެރޭގައި ހަލަބޮލިކަން އިތުރުވަމުން ދިޔަ ހަނދާންތައް ނުފިލާ އަދިވެސް އެބަ ހުއްޓެވެ. އެކަމަކު އަބްދުއްރަހުމާންގެ
މުސްކުޅި ބައްޔާއެކު އޭނާގެ އެ ހަނދާންތައް ވަނީ ފަނޑުވާން ފަށައިފަ އެވެ.

"މުހައްމަދު އަމީންގެ ކުރިން ވެސް ބައެއް ކަންކަން ކުޑަކުޑަކޮށް ހަނދާން އެބަހުރި. އެކަމަކު ގިނަ ކަންކަން އެހާ ބޮޑަކަށް މިހާރު ހަނދާނެއް ނުވެސް ހުރޭ ބޭބެގެ. އެއަށް ވުރެ ބޭބެގެ ހަނދާން މިހާރު މާ ބަލި. ބައެއް ފަހަރު ބުނެވޭ އެއްޗިހި ދެވަނަ ފަހަރަށް ހަނދާން ވެސް ނުހުރޭ. އެކަމަކު މާތް ﷲގެ ރަހުމަތްފުޅުން ބޭބެގެ މާ ބޮޑު ބައްޔެއް ނެތް،" ނޮވެމްބަރު 11، 1913 ގައި އުފަންވި އަބްދުއްރަހުމާން ބުންޏެވެ.

އެކަމަކު މާލޭގެ ހިތް ފަސޭހަކަމާއި އަމާންކަން އިއްޔެ ވީކަމެއްހެން އޭނާގެ ހަނދާނުގައި ހަރުލާފގައި އެބަ ހުއްޓެވެ. މާލޭގެ ގަސްބޯ ކަމާއި އެ ގަސްތަކުން މާލެއަށް ގެންނަ ހިތްފަސޭހަކަމުގެ ވާހަކަ އޭނާ ކިޔައިދިނީ އުފަލުން އެވެ. މާލޭގެ ގޮނޑުދަށުގައި މޫދަށް އެރި ފަތާލާ އުޅޭ ހަނދާން ވެސް އޭނާގެ އެބަ ހުއްޓެވެ.

އަބްދުއްރަހުމާން އަކީ މަސްވެރިއެއް ކަމުން އޭނާ ދަތުރުވަރުގައި އަބަދުވެސް މާލެ އާދެވެ އެވެ. މާލޭގެ ރީތިކަމާއި ހިތްގައިމު ކަމުގެ ހަނދާންތައް އޭނާގެ ސިކުޑިން ނުފުހެވިގެން އުޅެނީ އެހެންވެ އެވެ. މަސްވެރިކަމުގައި ރާއްޖޭގައި ނުދާ ސަރަހައްދެއް އަބްދުއްރަހުމާންގެ ނެތެވެ. އޭނާގެ އެންމެ ބޮޑެތި ހަނދާތައް ވެސް ގުޅިލާމެހިފައި ވަނީ މަސްވެރިކަމުގެ ތެރެއަށެވެ. އޭނާ މަސްވެރިކަން ކުރުން މުޅިން ހުއްޓާލައި އަތްދޫކޮށްލީ މީގެ މަސްތަކެއް ކުރިން އެވެ. އަބްދުއްރަހުމާން ބުނާ ގޮތުގައި އެހާ ދޮށީ އުމުރުމުގައި ވެސް ހެޔޮ ސިއްހަތެއްގައި ހުރުމުގެ ސިއްރަކީ، ކަންނެތް ކަމެއް ނެތި، ބުރަ މަސައްކަތް ކޮށް ހީވާގި ކަމާ އެކު އުޅުމެވެ. ކޮލެސްޓްރޯލް ހުރުމާއި އެއް ކަންފަތަށް އަޑުއިވުމުގައި މައްސަލަ އުޅުން ފިޔަވާ އެހެން ސިއްހީ މައްސަލައެއް ނެތެވެ.

"ޑަކްޓަރުން ވެސް ބުނޭ ތިޔަ އުމުރުގެ މީހަކު ނާދޭ އަދި ޑޮކްޓަރަށް ދައްކަން ތިހާ ބަލި މަދު. މިހާރު ވެސް ހަމަ ގަވާއިދުން ޑޮކްޓަރަށް ދައްކަން. ބޭސްތަކެއް ވެސް ނުކަން. އެކަމަކު އިރާދަފުޅުން އެބަ އުޅެވޭ،" އަބްދުއްރަހުމާން ބުންޏެވެ.

ސިއްހަތަށް ބަލައިގެން އުޅުމުގައި އަބްދުއްރަހުމާން އަކީ އެ އުމުރުގެ މީހުންނަށް މިސާލެކެވެ. އޭނާ ބުނާ ގޮތުގައި ގަޑިން ގަޑިއަށް ކެއުމަކީ އޭނާ ކޮންމެހެން ވެސް ކުރާ ކަމެކެވެ. ކާ އިރު، މަދުން ކެއުމަކީ ދެން އޭނާ ހިފަހައްޓާ އާދަ އެކެވެ. ފަތިސްފަތިހާ ތެދުވެ ނަމާދު ކޮށްލައިގެެން ކޮންމެވެސް ވަރަކަށް ހިނގާލައި ހަށިގަނޑަކަށް ކަސްރަތު ހޯދާ ލުމަކީ ވެސް އޭނާގެ އުފަލެކެވެ. ފަސްވަގުތު ނަމާދަށް މިސްކިތަށް ދަނީ ވެސް ހިނގައިފަ އެވެ. އެކަން އޭނާ ކުރަނީ އެއީ ވެސް ކަސްރަތެއް ކަމަށް ބަލައިގެން އެވެ.

"އިރުއިރުކޮޅާ ތަންތަނުން ކެއުމާ މިކަހަލަ ކަންކަމަކީ ބޭބެ ކުރާ ކަންކަމެއް ނޫން. ހަމަ އެކާ އެތި ކޮޅެއް ބޮޑަށް ބަތް ކޮޅެއް ކާލަނީ. ދެން އެއަށް ފަހު ފެން ބުޏުންނޫން އެއްޗެއް މި އަރުތެރެއިން ނުދާނެ،" އަބްދުއްރަހުމާން ބުންޏެވެ

މިހާ ދޮށީ އުމުރުގައި މަސައްކަތެއް ނުކޮށް ހުންނަން ޖެހުމުން ވެސް އަބްދުއްރަހުމާން އުފަލުން ހުރީ އޭނާއަށް އުފާވެރި އާއިލާއެއް ލިބުނީމަ އެވެ. އެންމެ ކައިވެންޏެއް ކުރިއިރު އެ ކަންވެންޏަށް 10 ކުދިން ލިބުނެވެ. ނަމަވެސް
ދުނިޔޭގައި ތިބީ ހަ ކުދިން އެވެ. އަދި އޭނާގެ 24 ކާފަކުދިން، 40 މުނިކާފަ ކުދިން ދުނިޔޭގައި އެބަ ތިއްބެވެ. އަބްދުއްރަހުމާން ބުނީ އޭނާއަށް ލިބޭ އެންމެ ބޮޑު އުފަލަކީ، ކާފަކުދިންނާއި މުނިކާފަ ކުދިން، "ކާފާއޭ" ކިޔާފައި ގޮވާލާ ގޮވާލުމެވެ. އެކަމަކު މަސައްކަތެއް ނުކޮށް ހުންނަން ޖެހުމަކީ އަބްދުއްރަހުމާންއަށް މިއަދު އުދަގުލެކެވެ. އެކަމަކު އޭނާގެ ދަރިންގެ އެދުމުގެ މަތިން ހަޔާތުގެ މި ހިސާބުން އޭނާ ބޭނުންވަނީ ހަމަ އަރާމުކޮށްލާށެވެ. އިރުއަރާ މަންޒަރާއި އިރުއޮއްސޭ މަންޒަރު ބަލައިލައިގެން އަބްދުއްރަހުމާންގެ ހިތަށް ކޮންމެ ދުވަހަކުވެސް އެ ފިނިކަން ލިބިގަނެ އެވެ.

"އެ ހުރިހާ ކުދިން އެހެން އައިސް އުޅުނީމާ ވަރަށް އުފާވޭ. ކާފާއެއް ކިޔާ ގޮވާލާ އެހެން މަޖާކޮށްލީމާ ވަރަށް އުފާވޭ. އެއީ ބުނެދޭން ވެސް ނޭނގޭ ކަހަލަ އުފަލެއް،" އަބްދުއްރަހުމާން ބުންޏެވެ. "މިހާރު ދެރަވަނީ ދެން މިހެން ހުނަން ޖެހޭތީ. މަސައްކަތެއް ނެތި ހުނަން ޖެހޭތީ،"

އޭނާގެ ދުވަސްވީ އުމުރާ އެކުވެސް އަބްދުއްރަހުމާން ވެސް އަންނަ އާދިއްތަ ދުވަހު ނިކުމެ ވޯޓްލާނެ އެވެ. މީގެ ކުރިން އެތައް ފަހަރެއްގެ މަތިން އޭނާ އިންތިހާބުތަކުގައި ވޯޓްލައިފި އެވެ. އަބްދުއްރަހުމާން ބުނީ، އޭނާ ކިތަންމެ މުސްކުޅި ނަމަވެސް މިހާތަނަށް ވެސް ވޯޓްލީ އެހީތެރިއަކާ ނުލަ އެވެ. މިފަހަރު ވެސް އަބްދުއްރަހުމާން ވޯޓްލާނީ އެހީތެރިއެއް މެދުވެރިނުކޮށެވެ. ކޮންމެ ކެންޑިޑޭޓަކު ހޮވުނަސް އަބްދުއްރަހުމާންގެ އެދުމަކީ ރާއްޖެއަށް އުފާވެރި ދުވަސްތަކެއް ލިބުމެވެ. ވޯޓްލާ އެންމެންނަށް އޭނާ ދޫކޮށްލާ މެސެޖަކީ، ވޯޓްލުމަކީ މުހިންމު ޒިންމާއެއްކަމަށް ދެކިގެން، އެ މަސްއޫލިއްޔަތު ގައުމަށް ޓަކައި އަމާނާތްތެރިކަމާ އެކު އަދާކުރުމެވެ.