ދުނިޔެ

މެގީ ނޫޑްލްސް މައްސަލައިގައި އިންޑިއާ ރައްޔިތުންގެ ހައްގުގައި ސަރުކާރުން ކޯޓަށް!

Jun 8, 2015

ޓައިމްސް އޮފް އިންޑިއާ ނޫހުން އިއްޔެ ބުނި ގޮތުގައި ނުރައްކާ މިންވަރަކަށް ލެޑާއި އެމްއެސްޖީއެމް ހުރެގެން ވިއްކުން މަނާކޮށްފައިވާ މެގީ ނޫޑްލްސްގެ މައްސަލައިގައި ބަދަލު ހޯދުމަށް ނެސްލޭ ކުންފުނި ގޮވައިގެން، ކޮންޒިއުމަ އެފެއާޒް މިނިސްޓްރީން ވަނީ ކަމާ ބެހޭ ކޮމިޝަނަށް ގޮސްފަ އެވެ. މެގީ ނޫޑްލްސް ގަތް އެންމެންގެ ފަރާތުން އެ މައްސަލަ ހުށަހެޅީ މިފަދަ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ހާއްސަ މިނިވަން ޓްރައިބިއުނަލް، ނެޝެނަލް ކޮންޒިއުމަ ޑިސްޕިއުޓް ރިޑްރެސަލް ކޮމިޝަން (އެންސީއާރުޑީސީ) އަށް ކަމަށް އެ ނޫހުން ބުންޏެވެ.

އެންސީއާރުޑީސީ އަކީ ރަސްމީ ކޯޓަކަށް ނުވިޔަސް، މަދަނީ މައްސަލަތައް ބަލާ ކޯޓުތަކަށް ލިބިދީފައިވާ ފަދަ ބާރުތަކެއް އެ ކޮމިޝަނަށް ވެސް ދީފައިވެ އެވެ.

އިންޑިއާގެ ކޮންސިއުމަ ޕްރޮޓެކްޝަން ގާނޫނު ބުނާ ގޮތުން، އެންސީއާރުޑީސީ އަށް އަމިއްލަ ހައިސިއްޔަތުންނާއި އެހެން މީހުންގެ ފަރާތުން ވެސް މައްސަލަ ހުށަހެޅުމުގެ ބާރު މައި ސަރުކާރަށާއި ސްޓޭޓްތަކުގެ ސަރުކާރުތަކަަށް ވެސް އޮވެ އެވެ. އެކަމަކު، ގާނޫނުގެ އެ މާއްދާގެ ދަށުން މީގެ ކުރިން ބަދަލު ހޯދުމަށް މައްސަލައެއް ހުށަހަޅާފައެއް ނުވެ އެވެ. އެހެންވެ، މިއީ އެ ގާނޫނީ ބާރުގެ ދަށުން ސަރުކާރުން ހުށަހަޅާ ފުރަތަމަ މައްސަލަ އެވެ.

އެ މާއްދާގެ ދަށުން ހުށަހަޅާ މައްސަލަތަކުގައި، ގެއްލުންވި ސީދާ ފަރާތެއް ޔަގީން ނުވިޔަސް، ގެއްލުމުގެ ޒިންމާ އުފުލަންޖެހޭ ފަރާތުން ބަދަލު ނަގައިދިނުމުގެ ބާރު އެންސީއާރުޑީސީ އަށް ލިބެ އެވެ. އެ ގޮތުން ނަގައިދޭ އާއްމު ބަދަލުގެ މިންވަރު މައްސަލަ ޖެހުނު މުދަލެއްގެ ޖުމްލަ އަގުގެ ފަސް ޕަސެންޓަށް ވުރެ ކުޑަ ވެގެން ނުވާނެ އެވެ. އެ ގޮތަށް ބަދަލުގެ ގޮތުގައި ނަގައިދޭ ފައިސާ ޖަމާކުރަންޖެހެނީ ކޮންޒިއުމަ ވެލްފެއާ ފަންޑަށެވެ. އެއީ ވިޔަފާރިކުރާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގާއިމްކޮށްފައިވާ ފަންޑެކެވެ.

މެގީ ނޫޑްލްސް ކެއުމުން ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ވާކަން ޓެސްޓްތަކުން ސާބިތުވެފައިވާ ކަމަށް ބުނެ، އެ ބްރޭންޑުގެ ނޫޑްލްސް މުޅި އިންޑިއާގައި ވިއްކުން އެ ގައުމުގެ މައި ސަރުކާރުން ވަނީ މިދިޔަ ހުކުރު ދުވަހު ރަސްމީކޮށް މަނާކޮށްފަ އެވެ. އިންޑިއާގެ ފުޑް ސޭފްޓީ އެންޑް ސްޓޭންޑާޑްސް އޮތޯރިޓީ އިން ބުނެފައިވާ ގޮތުގައި މައުދަނުގެ ބާވަތެއް ކަމަށްވާ ލެޑު ހުއްދަކޮށްފައިވާ މިންވަރަށް ވުރެ ގިނައިން މެގީ ނޫޑްލްސްގައި އެކުލެވޭކަން އެ ގައުމުގެ އެކި ކަންކޮޅުތަކުގެ ހެދި ޓެސްޓްތަކުން ވަނީ ހާމަވެފަ އެވެ. ކާއެއްޗެހީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގެންގުޅޭ މިންގަނޑުތަކާ، މެގީ ނޫޑްލްސް އުފައްދާ ނެސްލޭ ކުންފުނިން ހިލާފުވެފައިވާ ކަމަށް ވެސް އެ އިދާރާ އިން ބުނެފައިވެ އެވެ.

އެ ނިންމުމާ އެކު، ނެސްލޭ ކުންފުނިން ވަނީ މެގީ ނޫޑްލްސް ފިހާރަތަކުން ނަގަން ފަށާފަ އެވެ. އެކަމަކު، މެގީ ނޫޑްލްސް އިން ހަށިގަނޑަށް ގެއްލުން ދޭ ކަމަށް ބުނާ ބުނުން އެ ކުންފުނިން ވަނީ އިއްޔެ ވެސް ދޮގުކޮށްފަ އެވެ. އަދި "ވަރަށް އަވަހަށް އެނބުރި އަންނާނެ" ކަމުގެ ޔަގީންކަން ވެސް ވަނީ ދީފަ އެވެ.

އިންޑިއާގެ އިތުރުން އޭޝިއާގެ ވަރަށް ގިނަ ގައުމުތަކެއްގައި ވެސް މަގުބޫލުކަން ހޯދާފައިވާ މެގީ ނޫޑްލްސްގެ މައްސަލަ މިހާރު ވަނީ ސަރަހައްދީ ކަމަކަށް ވެފަ އެވެ. އެ ގޮތުން، ނެސްލޭގެ އިންޑިއާ ކުންފުނިން އުފައްދާ މެގީ ނޫޑްލްސް އެތެރެކުރާ ފަރާތްތަކުން އެ ބްރޭންޑުގެ ނޫޑްލްސް ސިންގަޕޫރުގައި ވިއްކުން ވަގުތީ ގޮތުން މެދުކަނޑާލަން ސިންގަޕޫރު ސަރުކާރުން ވަނީ އަންގާފަ އެވެ.

ކާއެއްޗެހި އުފައްދާ ދުނިޔޭގެ އެންމެ ބޮޑު ކުންފުނި، ނެސްލޭގެ އިންޑިއާ ސަބްސިޑަރީން އުފައްދާ މެގީ ބްރޭންޑުގެ ނޫޑްލްސްގެ މައްސަލަ އެންމެ ފުރަތަމަ ޖެހުނީ އުއްތަރަ ޕްރަދޭޝްގައި މިދިޔަ މަހުގެ މެދު ތެރޭގަ އެވެ. އެ ސްޓޭޓުގައި ޓެސްޓްކުރި 24 ޕެކެޓެއްގައި ނުރައްކާ މިންވަރަކަށް އެމްއެސްޖީއެމް އާއި ލެޑު ހުރިކަން ހާމަވުމާ އެކު، ސްޓޭޓު ސަރުކާރުން ވަނީ މެގީ ނޫޑްލްސް ވިއްކުން ވަގުތުން މަނާކޮށްފަ އެވެ.

އެ މައްސަލަ ގައުމީ ކަމަށްވެ، މެގީ ނޫޑްލްސް ވިއްކުން މައި ސަރުކާރުން މަނާކުރުމުގެ ކުރިން ވެސް، ވެރިރަށް ދިއްލީ އާއި ގުޖުރާތާއި އުއްތަރަކަންދު އަދި ކެރެލާގައި މެގީ ނޫޑްލްސް ވިއްކުން އޮތީ މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން މަނާކޮށްފަ އެވެ. އަދި ސިފައިންނަށް ދޭ ކާއެއްޗެހީގެ ތެރޭގައި މެގީ ނޫޑްލްސް ނުހިމަނަން އަސްކަރިއްޔާ އިން ވަނީ ސިފައިންނަށް ކައްކާ މީހުންނަށް އަންގާފަ އެވެ.

އެ ފިޔަވަޅުތައް ގިނަ ބަޔަކު ނަގަނީ ބޮޑު ސިއްހީ ބިރެއްގެ ގޮތުގަ އެވެ. އެހެން ވާންޖެހޭ ސަބަބުތައް ގިނަ އެވެ. ހާއްސަކޮށް ސްކޫލް ކުދިންނާއި ކޮލެޖުތަކުގައި ކިޔަވާ ދަރިވަރުންގެ މެދުގައި މަގުބޫލް މެގީ ނޫޑްލްސް ސްޓޮކްކޮށްފައި ނެތް ގެއެއް އިންޑިއާގައި މަދުވާނެ އެވެ. މެގީ އުފައްދާ ނެސްލޭ ކުންފުނިން އެ ބްރޭންޑުގެ ނޫޑްލްސް އިޝްތިހާރުކުރަން ކުރިއަށް ގެންދާ، "ދެ މިނިޓު"ގެ ނަން ދީފައިވާ ހާއްސަ މާކެޓިން ކެމްޕޭނާ އެކު، މެގީ ނޫޑްލްސް މަޝްހޫރުވެފައި ވަނީ ވެސް "ދެ މިނިޓުގެ ނޫޑްލްސް"ގެ ގޮތުގަ އެވެ.

އެމްއެސްޖީއެމް އަކީ ޗައިނީޒް ކާއެއްޗެއްސާއި ދަޅުގައި ބަންދުކޮށްފައި ހުންނަ ތަރުކާރީގެ ބާއްވަތްތަކުގައި ރަހަ ލެއްވުމަށް އާއްމުކޮށް ބޭނުންކުރާ މާއްދާ އެކެވެ. އެކަމަކު، ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އެ މާއްދާ ހުންނަ ކާތަކެތި މާ ގިނައިން ކެއުމުން ބޮލުގައި ރިއްސުމާއި މޭ އެންދުމާއި ހޮނޑު ލަވާ ގޮތްވުން ފަދަ ކަންކަމާ ކުރިމަތިލާން ޖެހެ އެވެ. އަދި ދިގު މުއްދަތަކަށް ބޭނުންކޮށްފި ނަމަ، ނާރުތަކަށް ގެއްލުން ވުން ވެސް އެކަށީގެންވާ ކަމުގެ އިންޒާރު އެ ފަރާތްތަކުން ވަނީ ދީފަ އެވެ.