overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ފުޓްސަލެއް ނޫން، އަޅައިދޭނީ ބޮޑެތި ދަނޑުތައް: އިބޫ

އުތީމުން: އަލީ އަފާފް
Sep 6, 2018
5

އިދިކޮޅު ވެރިކަމެއްގައި ފުޓްސަލް ކުޅޭ ދަނޑުތަކެއް އަޅަން ބޭނުންނުވާ ކަމަށާއި ބޭނުންވަނީ ޒުވާނުންގެ މަރުކަޒަކާއި ބޮޑު ފުޓްބޯޅަ ދަނޑުތަކެއް ރާއްޖޭގެ ރަށްތަކުގައި ގާއިމްކޮށްދިނުމަށް ކަމަށް އިދިކޮޅު ކޯލިޝަންގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫ ވިދާޅުވެއްޖެ އެވެ.

ހއ. އުތީމަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި އިބޫ ވިދާޅުވީ، ޒުވާނުން ކުޅިވަރު ކުޅުމަށް ބޭނުންވާ ވަސީލަތްތައް ގާއިމްކޮށްދޭން ޖެހޭ ކަމަށާއި ހަމައެކަނި ފުޓްސަލް ދަނޑަކުން އެކަން ނިމެންނެތް ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންގެ ވެރިކަމުގައި ރާއްޖޭގައި ފުޓްބޯޅަ ކުޅޭ ފުޓްސަލްއެއް ނޫން، އެހެންވީމާ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ވެރިކަމެއްގައި އުތީމުގައި ޒުވާނުންގެ މަރުކަޒަކާއި އަދި ރަނގަޅު ބޮޑު ފުޓްބޯޅަ ދަނޑެއް ޒުވާނުންނަށް ހަދިޔާ ކުރެވިގެންދާނެ،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، އުތީމު ގަނޑުވަރަކީ ސަރުކާރުން ހިމާޔަތް ކުރަން ޖެހޭ ތަނެއް ކަމަށާއި އެތަން ހިމާޔަތްކޮށް އެތަން ބެލެހެއްޓުމަށްޓަކައި ސަރުކާރުން ހަރަދުކުރަން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ވެރިކަމުގައި އުފެދޭ ކެބިނެޓްގައި ހާއްސަކޮށް ކަލްޗަރަލް އެންޑް ހެރިޓޭޖްގެ ނަމުގައި މިނިސްޓްރީއެއް ހެދުމަށް އޮތީ ލިޔެފަ، އޭގެ ދަށުން ރާއްޖޭގައި ހުރި ދުވަސްވީ ތަންތަން ހިމާކޮށް ބެލެހެއްޓުން އެ މިނިސްޓްރީގެ ދަށަށް ދާނެ، އަދި އެކަށީގެންވާ ބަޖެޓަކާއެކީގައި ރާއްޖޭގެ ކަންކޮޅުގައި ހުރި އެފަދަ އާސާރީ ސަގާފީ ތަންތަން ބަލަހައްޓައި މިއަށްވުރެ ރަނގަޅަށް ބެލެހެއްޓިގެންދާނެ،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، އުތީމު މަހާރަދުން ކުރެއްވި ޖިހާދަކީ ރާއްޖޭގެ ތާރީހުގައި ހިނގި އެންމެ ބޮޑު ޖިހާދު ކަމަށާއި ބޮޑު ތަކުރުފާނު ކުރެއްވީ ގައުމީ އަދި ދީނީ ޖިހާދެއް ކަމަށެވެ. އެއީ ގައުމާއި ދީން ހިމާޔަތް ކުރުމަށްޓަކައި ކުރެއްވި އަގުނުކުރެވޭފަދަ ޖިހާދެއް ކަމަށް އިބޫ ވިދާޅުވި އެވެ.

"އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންގެ ވެރިކަމެއްގައި ދިވެހި ގައުމިއްޔަތު ދިރުވާނެ، އަދި ދިވެހި ބިމުގެ އެންމެ ފަސްކޮޅެއްވެސް ބޭރުގެ އެއްވެސް ފަރާތަކަށް މިލްކު ވެގެން ނުދާނެ، އަދި މިރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީނަކަށް ފުރުސަތެއް ނޯންނާނެ، އަދި މި ދެކަމަށް ބުރޫއަރާފަދަ އަޅުގަނޑުމެންގެ ވެރިކަމުގެ ތެރޭގައި ނުހިނގާނެ، އަދި އެފަދަ ކަމަކަށް ޖާގައެއްވެސް އަދި ފުރުސަތެއްވެސް ނުލިބޭނެ،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، ޓޫރިޒަމް މުޅި ރާއްޖެއަށް ތައާރަފް ކުރުމަކީ އިދިކޮޅު ސަރުކާރެއްގެ އެއް ސިޔާސަތު ކަމަށާއި ހއ. އިން ފެށިގެން އައްޑޫ އަތޮޅާއި ހަމައަށް ޓޫރިޒަމް ފުޅާކޮށް އޭގެ ފައިދާއާ މަންފާ ހުރިހާ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ.

""އެގޮތުން އުތީމަކީ ކަލްޗަރަލް ޓޫރިޒަމް ތައާރަފް ކުރަން އެންމެ ސަޅި އެއް ރަށް، އެކަން ވިސްނި ވަޑައިގެން ކަންނޭނެ ކައުންސިލުން ސިޓީ ހޮޓަލެއް އަޅަން މިރަށުގައި މިހާތަނަށް މަސައްކަތް ކުރެވިފަ އެއޮތީ، އެހެން ނަމަވެސް ވަކި ހިސާބަކަށް ގޮސް މިހާރު އެމަސައްކަތް ހުއްޓިފަ އޮތީ، އަޅުގަނޑުމެންގެ ސަރުކާރެއްގައި ދައުލަތް ހިންގުން، ގައުމު ހިންގުން ބަދަލު ކޮށްލަނީ ލާމަރުކަޒީ ނިޒާމަކަށް،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، ލާމަރުކަޒީ ނިޒާމުގެ ދަށުން ހުރިހާ ކައުންސިލްތަކަށް ބާރުތައް ދެވިގެންދާނެ ކަމަށާއި އެރަށެއްގެ ތަރައްގީގެ މަސައްކަތް ކުރާނީ ކައުންސިލްތަކުން ކަމަށެވެ. އަދި އެކަންކަން ކޮށްދިނުމުގެ މެދުވެރިއަކަށް ވެގެންދާނީ ސަރުކާރު ކަމަށްވެސް އިބޫ ވިދާޅުވި އެވެ.