ދުނިޔެ

ދޮޅު ގަރުނުގެ ތެރޭގައި އަލަށް ފަޅާލި ޖަލުން ފިލި ނުރައްކާތެރި ކުށްވެރިން ހޯދަނީ

Jun 8, 2015

އެމެރިކާގެ ނިއު ޔޯކުގެ ސަލާމަތީ ފިޔަވަޅުތައް އެންމެ ވަރުގަދަ އެއް ޖަލު، މިދިޔަ 150 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ފަޅާލައި ނުރައްކާތެރި ދެ ކުށްވެރިއަކު ފިލައިފި އެވެ.

މީހަކު ވަގަށް ނެގުމަށް ފަހު މަރާލި ރިޗަޓް މެޓް، 48، އާއި ފުލުހަކު މަރާލި ޑޭވިޑް ސްވެޓް، 34، މިދިޔަ ހޮނިހިރު ދުވަހު ފިލާފައި ވަނީ ކްލިންޓަން ކޮރެކްޝަނަލް ފެސިލިޓީޒް ފަޅާލައިގެންނެވެ. ސަލާމަތީ ފިޔަވަޅުތައް ވަރަށް ބޮޑަށް ވަރުގަދަކޮށްފައިވާ އެ ޖަލުން އެ މީހުންް ފިލީ ގޮޅީގެ ތޭރިތަކާއި ފާރު ހަލާކުކޮށްލުމަށް ފަހު މައި ހޯލު ތެރެއިން ގޮސް މަގަކަށް ނުކުމެގެންނެވެ.

މިއީ ކްލިންޓަން ކޮރެކްޝަނަލް ފެސިލިޓީޒް އިން 150 އަހަރު ތެރޭ ބަޔަކު ފިލި ފުރަތަމަ ފަހަރެވެ.

އެ ޖަލުގެ ވެރިޔާ އެންތަނީ އަނޫސީ ވިދާޅުވި ގޮތުގައި މެޓާއި ސްވެޓް ގޮޅިތަކުގައި ނެތްކަން އެނގުނީ އާއްމު އުސޫލުގެ ދަށުން، ހެނދުނު ޖަލުގެ ގޮޅިތައް ޗެކްކުރިއިރު އެވެ. އެ މީހުން ވަނީ އޮޅުވާލުމުގެ ގޮތުން ޓީޝާޓެއް އެނދުމަތީގައި ބާއްވައި އޮޅުވާލަން މަސައްކަތްކޮށްފައި ކަަމަށް ވެެސް އޭނާ ވިދާޅުވި އެވެ.

ޖަލުގެ ތޭރިތަކާއި ފާރުތައް ހަލާކުކޮށްލަން އެ މީހުން ބޭނުންކުރި އާލާތްތައް ޖަލަށް ވެއްދި ގޮތެއް ފުލުހުން ދަނީ ބަލަމުންނެވެ.

މީގެ އިތުރުން، އެ ދެ މީހުން ހޯދުމުގެ މަސައްކަތް ވެސް ނިއު ޔޯކުގެ ފުލުހުން ވަނީ ފަށާފަ އެވެ. އެ މަސައްކަތުގައި ގާތްގަނޑަކަށް 200 ފުލުހުން ބައިވެރި ވާއިރު، ކުއްތާ އާއި ސަވައިލެންސް ނިޒާމުތައް ވެސް ދަނީ ބޭނުންކުރަމުންްނެވެ.