ދުނިޔެ

ސައުދީގެ ހަމަލާއެއްގައި ޔަމަނުން 44 މަރު، ގިނައީ މުސާރަ ބަލާ ގޮސް ތިބި ސިފައިން

Jun 8, 2015

ޔަަމަނަށް ވެރިވެގެންފައިވާ ހޫތީ ހަނގުރާމަވެރިންނާ ދެކޮޅަށް ސައުދީ އަރަބިއްޔާ އިން އިއްޔެ ދިން ވައިގެ ހަމަލާއެއްގައި 44 މީހަކު މަރުވެއްޖެ އެވެ. އޭގެ ތެރޭގައި ގިނައީ މުސާރަ ޗެކު ބަލައި ގޮސް ތިބި ސިފައިންގެ މީހުންނެވެ.

ޔަމަނުގެ ސަބާ ނޫސް އެޖެންސީން ބުނި ގޮތުގައި ވެރިރަށް ސަންއާގައި ހުންނަ ސިފައިންގެ މައި މަރުކަޒަށް ސައުދީގެ އަސްކަރީ މަތިންދާބޯޓުތަކުން ހަތަރު ހަަމަލާއެއް ފޮނުވާލި އެވެ. އެ ހަމަލާގައި، ހޫތީންގެ ބާރުގެ ދަށުގައިވާ އެ މަރުކަޒުގެ އިތުރުން ކައިރީގައި ހުރި އާއްމުންގެ ގެތަކަކަށް ވެސް ގެއްލުން ލިބުނު ކަމަށް އެ ތަނުން ބުންޏެވެ.

"މަރުވި މީހުންގެ ތެރޭގައި ގިނައީ މުސާރަ ޗެކު ބަލައި ގޮސް ތިބި ސިފައިންގެ މީހުން،" އެ ނޫސް އެޖެންސީން ބުންޏެވެ.

ހޫތީންނާ ދެކޮޅަށް ސައުދީން ވަރުގަދަ ހަމަލާއެއް ދީފައި މި ވަނީ، ބޯޑަރު ހުރަސްކޮށް ސައުދީ އަށް އަމާޒުކޮށް ހޫތީ ހަނގުރާމަވެރިން ސްކަޑް މިސައިލަކުން ހަމަލާދީފައި ވަނިކޮށެވެ. މިދިޔަ ހުކުރު ދުވަހު ހެނދުނު ހޫތީން ފޮނުވާލި އެ މިސައިލް ވައްޓާލާފައި ވަނީ، މިސައިލުން ދިފާއު ވުމަށް ހުޅަނގު ދެކުނު ހާމިސް މުޝައިތު ސިޓީގައި ގާއިމްކޮށްފައިވާ ސިސްޓަމަކުންނެެވެ.

ސައުދީ އަށް އަމާޒުކޮށް ހޫތީން މިސައިލް ހަމަލާއެއް ދިނީ ޔަމަނާއި ސައުދީ ގުޅޭ ބޯޑަރު ސަރަހައްދުގައި ހޫތީ ހަނގުރާމަވެރިންނާއި ސައުދީ ސިފައިން ވަރުގަދަ ހަމަލާތަކެއް ބަދަލުކުރިތާ މާ ގިނައިރެއް ނުވެ އެވެ. މިދިޔަ ހުކުރު ދުވަހު ހިނގި އެ ކުރިމަތިލުންތަކުގައި ސައުދީ ސިފައިންގެ ހަތަރު މީހުންގެ އިތުރުން ގިނަ އަދަދެއްގެ ހަނގުރާމަވެރިން ވަނީ މަރުވެފަ އެވެ.

ޝީއީ މަޒްހަބަށް ނިސްބަތްވާ ހޫތީން ވެރިރަށް ސަންއާ އަށް ވެރިވެގަތުމާ އެކު، ޔަމަންގެ ރައީސް އަބްދުއްރަބާ މަންސޫރު ހާދީ ވަނީ ފިއްލަވައިގެން ސައުދީ އަށް ވަޑައިގެންފަ އެވެ. އެއާ އެކު، ސައުދީ އާއި ސުންނީ މުސްލިމުންގެ މެޖޯރިޓީ އޮންނަ ސަރަހައްދީ ގިނަ ގައުމުތަކެއް ބައިވެރިވާ ގުޅިފައިވާ ފައުޖުތަކުން ވަނީ ޔަމަނަށް ބޮން އަޅަން ފަށާފަ އެވެ. ދެ މަހަށް ވުރެ ގިނަ ދުވަސްވެފައިވާ އެ އޮޕަރޭޝަންގެ އަމާޒަކީ ހާދީގެ ވެރިކަން އިއާދަކުރުމެވެ.

ހާދީގެ ކުރިން ވެރިކަމުގައި ހުންނެވި އަލީ އަބްދުﷲ ސާލިހަށް ވަފާތެރި ހަނގުރާމަވެރިން ވެސް މިހާރު ވަނީ، ސޯލިހްގެ ވެރިކަމާ ދެކޮޅަށް އެންމެ ބޮޑަށް މަސައްކަތްކުރި ހޫތީންނާ ގުޅިފަ އެވެ.

ޔަމަންގެ މަސްރަހު އިންތިހާ އަށް ގޯސްވެ، އާބާދީގެ ގާތްގަނޑަކަަށް 80 ޕަސެންޓް މީހުން ހާލުގައި ޖެހިފައި ވާއިރު، އދ. އިން އިސް ނަގައިގެން ފަށާފައިވާ ސުލްހައިގެ މަޝްވަރާތައް އަދި އޮތީ މަޑުޖެހިފަ އެވެ. މީގެ ކުރިން ބާއްވަން އުޅުނު މަޝްވަރާތަކުގައި ބައިވެރިވާން ހޫތީންނާއި ސައުދީގައި ހުންނެވި ހާދީގެ ސަރުކާރުން ދެކޮޅު ހެދި ނަމަވެސް، މި މަހު 14 ގައި ބާއްވަން ނިންމާފައިވާ މަޝްވަރާތަކުގައި ބައިވެރިވާން ދެ ފަރާތުން ވެސް ވަނީ އެއްބަސްވެފަ އެވެ.