ރާއްޖޭގެ ވެރިންނަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެ އެމެރިކާއިން ބަޔާން ނެރުނީ ނުފޫޒު ފޯރުވުމަށާއި ބިރު ދެއްކުމުގެ ގޮތުން ކަމަށާއި މިނިވަންކަމާއެކު އިންތިހާބެއް ބޭއްވުމުގެ ފުރުސަތު ދިނުމަށް ދިވެހި ސަރުކާރުން އެމެރިކާއަށް ގޮވާލައިފި އެވެ.
ދިވެހި ސަރުކާރުން މިހެން ބުނީ، ބާއްވަނީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ނުވެއްޖެ ނަމަ އަދި ޑިމޮކްރަސީގެ މަގަށް ރާއްޖެ ރުޖޫއަ ނުވާ ނަމަ، ރާއްޖޭގެ ވެރިންނަށް ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ދިވެހި ސަރުކާރަށް ދިނުމާ ގުޅިގެނެވެ.
ފޮރިން މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެފަދަ ބަޔާނެއް ނެރުނީ ރާއްޖެއަށް ބިރުދައްކާ ނުފޫޒު ފޯރުވުމުގެ ގޮތުން ކަމަށާއި އެފަދަ ބަޔާންތައް ނެރުމުގެ އެއްވެސް ބޭނުމެއް ނޯންނާނެ ކަމަށެވެ. އަދި މި މަހު 23 ގައި މިނިވަންކަމާއެކު ދިވެހި ރައްޔިތުންނަށް ވޯޓުލުމުގެ ފުރުސަތު ދިނުމަށް އެމެރިކާއަށާއި ބައިނަލްއަގުވާމީ ފަރާތްތަކަށް ގޮވާލާ ކަމަށް ސަރުކާރުން ބުންޏެވެ.
"... ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމަށް އެމެރިކާ އާއި ބައިނަލްއަގުވާމީ ފަރާތްތަކުން ބޭނުންވާ މިންވަރު ސަރުކާރަށް ބަލައިގަންނަން، ނަމަވެސް މިހާ ވާދަވެރިކަން ބޮޑު އިންތިހާބަކަށް ހަފްތާއެއްހާ ދުވަހަށް ވެފައި ވަނިކޮށް ބިރު ދެއްކުމާއި ފިޔަވަޅު އަޅާނެ ކަމަށް ބުނެ އިންޒާރުތައް ދިނުމަކީ ދިވެހިން އެންމެ ބޭނުންވާނެ ގޮތެއް ނޫން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
ރާއްޖެއިން މިހާރު ވެސް ގެންދަނީ އިލެކްޝަން ކޮމިޝަން (އީސީ) އާއެކު ކައިރިން މަސައްކަތްކޮށް މިނިވަން އަދި އިންސާފުވެރި އިންތިހާބެއް ބޭއްވުމަށްޓަކައި މަސައްކަތްތަކެއް ކުރަމުން ކަމަށާއި ޕީޕީއެމްއާއި އިދިކޮޅު ފަރާތްތަކުން ވެސް ކެމްޕެއިން ހަރަކާތްތައް މުޅި ރާއްޖޭގައި ކުރިޔަށް ގެންދަމުން އަންނަ ކަމަށް ސަރުކާރުން ބުންޏެވެ. އަދި ދެ ފުށް ފެންނަ އިންތިހާބަކަށް ހެދުމަށް އީސީ އިން ޕާޓީތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ބައިނަލްއަގުވާމީ ފަރާތްތަކަށް ވެސް އިންތިހާބުގެ ކަންކަން ބެލުމަށސް ފުރުސަތު ދީފައިވާ ކަމަށް ސަރުކާރުން ބުންޏެވެ.
އެހެން ނަމަވެސް އެމެރިކާގެ ބަޔާނުގައި ބުނާ ފަދަ ސިޔާސީ ކުށްވެރިންނެއް ރާއްޖޭގައި ނުހުންނަ ކަމަށާއި 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުގެ އަމުރުގެ މައްޗައް އެހެން އަމުރުތަކެއް އައިސް އެ އަމުރު ވެސް ބާތިލުވެފައިވާ ކަމަށް ސަރުކާރުން ބުންޏެވެ.