overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

ސަފުތައް ބަދަހި ނަމަ، ޕީޕީއެމް ފޫއަޅުވާލައި އެހެން ބަޔަކަށް ވެރިކަމެއް ނުކުރެވޭނެ: ޝަހީމް

ޕީޕީއެމްގެ ސަފުތައް ދެމިއޮތްހާ ހިނދަކު އެ ޕާޓީ ފޫއަޅުވާލުމަށް ފަހު އެހެން ބަޔަކަށް ރާއްޖޭގައި ވެރިކަމެއް ނުކުރެވޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސަައީދު ވިދާޅުވެއްޖެ އެވެ.

އެތަށް 100 ބަޔަކާއެކު ޕީޕީއެމް އިން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި "ބްރިޖު ސަޅި" ޖަލްސާގައި ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ ރައީސް ޔާމީން ވެރިކަމާ ހަވާލުވި އިރު އިޖްތިމާއީ ގޮތުންނާއި އަހްލާގީ ގޮތުން ބޮޑެތި މައްސަަލަތަކެއް ދިވެހިންގެ ތެރޭގައި ހުރި ކަމަށާއި ނަމަވެސް އެމަނިކުފާނު ވަޑައިގެން އެ ހުރިހާ ކަމެއް ހައްލު ކުރެއްވި ކަމަށެވެ.

ރާއްޖޭގައި ވަރަށް ގިނަ ރަށްރަަށަށް ދަތުރު ކުރައްވައިފިން ކަމަށައި ޕީޕީއެމްގެ ސަފުތައް އުތުން ދެކުނަށް ފެތުރިފައި އޮތް ކަމަށް ޝަހީމް ވިދާޅުވި އެވެ. އަދި އެ ސަފުތައް ބަދަހިކޮށް އޮތްހާ ހިނދަކު އެ ޕާޓީ ފޫއަޅުވާލާފައި އެހެން ބަޔަކަށް ދިވެހި ދައުލަތުގައި ވެރިކަމެއް ނުކުރެވޭނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ދަތުރު ފެށީ 23 ސެޕްޓެމްބަރުގައި މި އޮންނަ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމިންއަށް އިންތިހާބު ކާމިޔާބުކޮށްދިނުމަށް، އަޅުގަނޑު ދަންނަވާނީ މިރޭ ރައީސް އަބްދުﷲ ޔާމީންއޭ، މަނިކުފާން މި އިންތިހާބު ކާމިޔާބު ކުރައްވައިފިއޭ، މާތްﷲ ގެ ރަހުމަތްފުޅާއި އިރާދަފުޅުން މި އިންތިހާބު ކާމިޔާބު ކުރައްވަައިފިއޭ މަރުހަބާއޭ،" ޝަހީމް ވިދާޅުވި އެވެ.

އަންނަ އިންތިހާބަކީ އެންމެ ހައްސާސް އިންތިހާބު ކަމަށާއި އެ އިންތިހާބު ޕީޕީއެމްގެ އަތުން ގެއްލިއްޖެ ނަމަ ދިވެހި ދައުލަތުގެ މިސްރާބު އިރުން، ހުޅަނގަށް ބަދަލުވެގެންދާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ. އިދިކޮޅު ކޯލިޝަނަށް ފާޑުވިދާޅުވަމުން މަޒާޖީ ރާގަކަށް ޝަހީމް ވިދާޅުވީ އާދަމްގެފާނުގެ ޒަމާނުއްސުރެއް މިއަދާ ހަމަޔަށް އިދިކޮޅު ކޯލިޝަންއާ އެއްވަރަށް އެއްބަޔަކު އަނެއްބަޔަކަށް އަދާވަތްތެރި ބައެއް އުޅުނުހެން ހީނުވާ ކަމަށެވެ. އެފަދަ ބަޔަކު ވެރިކަމާ ހަވާލުވެއްޖެ ނަމަ ރާއްޖޭގެ ތާރީހުގައި އެންމެ އަވަހަށް ރޫޅޭ ކޯލިޝަނަކަށް އެ ފަރާތްތައް ވެގެންދާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

"މިވެނި ބޭފުޅަކު ސުންނަތް ޖަމާއަތުގެ މީހުންނޭ ބުނި މީހުންނާ އެ ބޭފުޅާއާ އެކުގައި، މިވެނި ބޭފުޅަކު ނައިބު ރައީސްކަމުން ވަކި ކުރި މީހުން އެ ބޭފުޅާއާއެކުގައި، މިވެނި ބަޔަކީ ކޮރޮޕްޓު ބައެކޭ އޭނާ ވަޒީރު ކަމުން ވަކި ކުރަން ބުނި މީހުންނާ އެ ބޭފުޅާއާ، މި ހުރިހާ އެންމެން އެއްވެގެން ކޮން ވެރިކަމެއްތޯ ކުރެވޭނީ، ދިވެހި ރާއްޖޭގެ ތާރީހުގައި ނާންނާނެ އެފަދަ ކޯލިޝަނެއް،" ޝަހީމް ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީއާ އިސްލާމިކް ޔުނިވާސިޓީގެ އެންމެ އިސް މަގާމުގައި މަސައްކަތް ކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން ޝަހީމް ވިދާޅުވީ ރައީސް ޔާމީންގެ ދީނީ ސިޔާސަތު ތަޖުރިބާކޮށްފިން ކަމަށާއި ދީނަށް ލޮޅުން އަރާނެ އެއްވެސް ކަމެއް އެމަނިކުފާނު ނުކުރައްވާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ ރައީސް ޔާމީންވެވަޑައިގަންނަވާ ވައުދުތަކުގެ އިތުރުން އޭނާ ވެސް އަމިއްލަ ވައުދެއް ވެވަޑައިގަންނަވާން ބޭނުންވާ ކަމަށެވެ. އެގޮތުން ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވިއްޖެ ނަމަ ރާއްޖެ އެއްބައިވަންތަކޮށް ސިޔާސީ ބައިބައިވުން ފިލުވައިދެއްވާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ. އެހެންކަމުން ހުރިހާ ރައްޔިތުން ވެސް ރައީސް ޔާމީންއަށް ވޯޓު ދެއްވުމަށް ވެސް ޝަހީމް ވިދާޅުވި އެވެ.