ދުނިޔެ

ސޫޗީ ފުރަތަމަ ފަހަރަށް ޗައިނާ އަށް ވަޑައިގަންނަވަނީ

Jun 8, 2015

ތާރީހީ ދަތުރުފުޅެއްގައި، މިއަންމާގެ އިދިކޮޅު ލީޑަރު އަންގް ސަން ސޫޗީ މި ހަފުތާގައި ޗައިނާ އަށް ވަޑައިގަންނަވަން ނިންމައިފި އެވެ.

ސޫޗީގެ ނެޝެނަލް ލީގް ފޯ ޑިމޮކްރެސީ (އެންއެލްޑީ)ން ބުނި ގޮތުގައި ހަތަރު ދުވަހުގެ މި ދަތުރުފުޅު ސޫޗީ ފައްޓަވާނީ އަންނަ ބުދަ ދުވަހު އެވެ. އެ ދަތުރުފުޅުގައި ޗައިނާގެ ރައީސް ލީ ކީގިއަން އާއި ބޮޑުވަޒީރު ޝީ ޖިންޕިންގްއާ ބައްދަލުކުރައްވާނެ ކަމަށް އެ ޕާޓީން ބުންޏެވެ.

ސޫޗީ ޗައިނާ އަށް މި ވަޑައިގަންނަވަނީ، ޗައިނާގެ ޔުނާން ޕްރޮވިންސާ އިންވެގެން އޮންނަ މިއަންމާގެ އުތުރުގެ އަވަށެއް ކަމަށްވާ ކޯކަންގްގައި އުޅޭ ހަނގުރާމަވެރިންނާ ދެކޮޅަށް މިއަންމާ ސަރުކާރުން ހާއްސަ އަސްކަރީ އޮޕަރޭޝަނެއް ފަށާފައިވާ ދަނޑިވަޅެއްގަ އެވެ. މި އޮޕަރޭޝަންގައި މިއަންމާގެ އަސްކަރީ މަތިންދާބޯޓަކުން އުއްދަނޑި ދަނޑަކަށް ބޮން އެޅުމުން، ޔުނާން ޕްރޮވިންސުން ފަސް މީހަކު މަރުވި މައްސަލަ މިދިޔަ މާޗު މަހު ހޫނުވި އެވެ. ރައްދުގައި ޗައިނާ އިން ބޯޑަރު ސަރަހައްދަށް ސިފައިން ފޮނުވި އެވެ.

މިއަންމާގެ އަސްކަރީ ވެރިކަން 2010 ވަނަ އަހަރުގެ ނޮވެމްބަރު މަހު ނިމުމަކަށް ގެނެސް އިންތިހާބީ ސަރުކާރެއް ގާއިމުކުރުމަށް ފަހު، އެ ގައުމުން ވަނީ އިސްލާހީ ދަތުރަކަށް ނުކުމެފަ އެވެ. އަހަރުތަކެއް ވަންދެން ގޭ ބަންދުގައި ބެހެއްޓުމަށް ފަހު، 2010 ވަނަ އަހަރު ސޫޗީ މިނިވަންކޮށްފައި ވަނީ ވެސް މި އިސްލާހީ ކެމްޕޭނުގެ ދަށުންނެވެ.

އަސްކަރީ ވެރިކަން އޮތްއިރު ހުޅަނގުގެ ގައުމުތަކުން މިއަންމާއާ ދެކޮޅަށް ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް އެޅި ނަމަވެސް ޗައިނާ އިން މިއަންމާގެ އަސްކަރީ ސަރުކާރާ ވަރަށް ގާތް ގުޅުމެއް ބޭއްވި އެވެ. އެހެންވެ، އޭރު ގޭބަންދުގައި ހުންނެވި ސޫޗީ ޗައިނާ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި ވެސް އެވެ.

މިއަންމާގެ ރައީސްކަމުގެ މަގާމަށް ވަޑައިގަންނަވަން ބޭނުންވާކަން ސޫޗީ ވަނީ އިއުލާން ކުރައްވާފަ އެވެ. އެހެން ނަމަވެސް، އަންނަ ނޮވެމްބަރު މަހު ބާއްވާ އާއްމު އިންތިހާބުގައި ސޫޗީގެ އެ ހުވަފެން ހަގީގަތަކަށް ހެއްދެވުމަށް މިއަންމާގެ މިހާރުގެ ގާނޫނުއަސާސީ ހުރަސް އަޅަ އެވެ.

މިއަންމާގެ ގާނޫނުއަސާސީގައިވާ ގޮތުން އެ މީހެއްގެ ފިރިމީހާ ނުވަތަ އަނބިމީހާ ނުވަތަ ދަރިންނަކީ ބޭރު ގައުމެއްގެ ރައްވެހިންނަށް ވާނަމަ ރައީސް ކަމުގެ މަގާމަށް ކުރިމައްޗެއް ނުލެވޭނެ އެވެ. ސޫޗީގެ އަވަހާރަވެފައިވާ ފިރިކަލުން މައިކަލް އަރިސް އަށް ލިބިވަޑައިގެންނެވި ފިރިހެން ދެ ބޭފުޅުން ރަށްވެހިވެފައި ވަނީ އިނގިރޭސި ވިލާތުގަ އެވެ.

ގާނޫނުއަސާސީގެ އެ މާއްދާ އަކީ ސީދާ ސޫޗީ އަށް އަމާޒުކޮށްފައިވާ މާއްދާއެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. އަދި އެ މާއްދާ ބާތިލްކޮށް، ގާނޫނުއަސާސީ އިސްލާހުކުރުމަށް ސޫޗީ ވެސް ވަނީ ތަކުރާރުކޮށް ގޮވާލައްވާފަ އެވެ. އެކަމަކު، ގާނޫނޫއަސާސީގެ އެއްވެސް މާއްދާއެއް ބަދަލު ކުރާ ނަމަ ގާނޫނު ހަދާ މަޖިލީހުގެ 75 ޕަސެންޓް މެންބަރުންގެ ތާއީދު ބޭނުންވެ އެވެ. އެ މަޖިލީހުގެ ހަތަރުބައިކުޅަ އެއްބަޔަކީ އިންތިހާބު ނުކުރާ އަސްކަރީ އޮފިޝަލުންނެވެ.