ހަބަރު

"އެއާޕޯޓް އަނބުރާ ހޯދުމުގެ ފިކުރު ގެންގުނީ އަޅުގަނޑު އެކަނި"

އިންޑިޔާގެ ޖީއެމްއާރް ކުންފުނި އަތުން އެއާޕޯޓު އަނބުރާ ހޯދުމަކީ ޖުމްހޫރީ ޕާޓީއާ އަދާލަތާއި ޑީއާރްޕީގެ ފިކުރެއް ނޫން ކަމަށާއި އެއީ ރައީސް ޔާމީންގެ ފިކުރެއް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އިން މިރޭ މާލޭގައި ބޭއްވި ބޮޑު ޖަލްސާގައި ވަހަކަފުޅު ދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ ރާއްޖޭގެ އެއާޕޯޓު އިންޑިޔާގެ ޖީއެމްއާރް ކުންފުންޏަށް ވިއްކާލުމާއެކު ދައުލަތަށް ލިބެމުންދިޔަ ބޮޑެތި ގެއްލުންތަކާ ހެދި އެ އެއާޕޯޓު އަނބުރާ އިއާދަކުރުމަށް މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ. ނަމަވެސް އެއާޕޯޓު އަނބުރާ ހޯދުމަކީ ޖުމްހޫރީ ޕާޓީއާ އަދާލަތު ޕާޓީއާ ޑީއާރްޕީގެ ފިކުރެއް ނޫން ކަމަށާއި އެ ފިކުރު ހިފައިގެން ނިކުންނަވަން ޖެހިވަޑައިގަތީ ރައީސް ޔާމީންއަށް ކަމަށް އެމަަނިކުފާނު ވިދާޅުވި އެވެ.

ޖީއެމްއާރްގެ މައްސަލައާ ގުޅިގެން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި ސިޔާސީ ފަރާތްތަކާއެކު ބޭއްވި ބައްދަލުވުމެއްގައި ހިނގި ކަންކަމުގެ ވާހަކަ ރައީސް މިރޭ ހާމާ ކުރެއްވި އެވެ. ރައީސް ޔާމީން ވިދާޅުވީ އެ ބައްދަލުވުމަށް އަދާލަތު ޕާޓީގެ ރައީސް ޝޭހް އިމްރާން އަބްދުﷲ ވަޑައިގަތީ އެ މައްސަލާގައި ބަހުސްކޮށް ހުރިހާ މަޝްވަރާތަކެއް ނިމުނުތާ 15 މިނެޓު ފަހުން ކަމަށާއި އޭރު އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ. އަދި އެއާޕޯޓު އަތުލައިގެން ބޮޑު ގެއްލުމެއް ވާނަމަ އެ އެއާޕޯޓު އަތުލުމަށް ތާއީދު ނުކުރައްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ފަރާތުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވި ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ. ޖީއެމްއާރްގެ އެގްރީމަންޓު އަތުލައިފި ނަމަ ރާއްޖެއަށް ފޮރިން އިންވެސްޓުމަންޓެއް ނާންނާނެ ކަމަށް ޑީއާރްޕީގެ ލީޑަރު އަހުމަަދު ތަސްމީން އަލީ ވިދާޅުވި ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

"ދެން ހިނގައިދިޔަ ކަންކަން އަޅުގަނޑުމެންނަށް އެނގޭނެ، ރައްޔިތުން މަޖިލީހުގައި ޑީއާރްޕީ ތަމްސީލު ކުރައްވަން ތިއްބެވި މެންބަރުން އަންނަ މައްސަލަތަކުގައި ބިލުގައި ކުރެއްވި ކަންތައް ފެންނާނެ، އެކަންކަމާ ގުޅިގެން ހައްޔަރު ކުރެވުނީ ކާކުތޯ، އެކަންކަމާ ގުޅިގެން ހައްޔަރު ކުރީ އަޅުގަނޑު، އޭގެ މާ ފަހުން ގާސިމް ހައްޔަރު ކުރީ، ތަސްމީނަކަށް ކުރި އަސަރެއް ނެތް، އަދި ޑީއާރްޕީގައި ތިއްބެވި އިސް ބޭފުޅުންނަށް ކުރި އަސަރެއް ނެތް، އެކަމަކު މި މައްސަލަ ރައީސް ނަޝީދަށް ރިޕޯޓު ކުރީވެސް ކޮން ބޭފުޅުންނެއްތޯ މިހާރު ވިސްނާލަން އެބަ ޖެހޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.

އެއާޕޯޓު އަނބުރާ އަތުލުން ނޫން އެހެން ގޮތެއް ނެތްކަމަށް ރައީސް ވަހީދު ނިންމެވީ އެ ހުރިހާ ވަކާލާތަކާއި ބުރަ މަސައްކަތަށް ފަހުގައި ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެ ވާހަކަތައް މިއަދު ދައްކަން ޖެހޭ ސަބަބަކީ ޖީއެމްއާރްގެ މައްސަލައަކީ ވެސް މާ ދުރު ނޫން މުސްތަގުބަލެއްގައި ހިނގި ކަމެއްކަން ރައްޔިތުންނަށް ހަނދާންކޮށްދިނުމުގެ ގޮތުން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ 2012 ވަނަ އަހަރު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމްއޭސީއެލް)ގެ ފައިދާއަކީ އެންމެ 15 މިލިއަން ރުފިޔާ ކަމަށާއި އެއީ އޭގެ ކުރިން 100 އާއި 200 މިލިއަންއާ ދެމެދުގެ އަދަދަކަށް ފައިސާ ލިބެމުން ދިޔަ ކުންފުންޏެއް ކަމަށެވެ. ދިރާގު ކުންފުނި ނޫން ސަރުކާރަށް އެންމެ ބޮޑު ޑިވިޑަންޓެއް ދައްކާ ކުންފުންޏަކީ އެމްއޭސީއެލް ކަމަށާއި ޖީއެމްއާރްއަށް ވިއްކައިގެން ލިބުނީ ބޮޑު ގެއްލުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އެ މައްސަލަތަކާ ހެދި ބޮޑު އަގެއް ދައްކައިގެން ވިޔަސް ދިވެހިންގެ އެއާޕޯޓު އަނބުރާ ދިވެހިންނަށް ހޯދައިދީފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި މިދިޔަ ހަތަރު އަހަރުގެ ތެރޭގައި އެ ކުންފުނިން ކޮންމެ އަހަރަކު އެއް ބިލިއަން ރުފިޔާގެ ޓާންއޯވާއެއް ސަރުކާރަށް ދައްކާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"2016 ވަނަ އަހަރު އެއާޕޯޓުގެ ފައިދާއިން ބޮޑު ބައެއް އަދާ ކުރީ ޖީއެމްއާރްއަށް ދައްކަން، އެ އަހަރު އެއާޕޯޓުގެ އާންމަނީ އިތުރެއް ނުވޭ، އެކަމަކު އަނެއް ހަތަރު އަހަރަށް ބަހާލާއިރު ޖުމްލާ އެއާޕޯޓުގެ އާމްދަނީ 4.8 ބިލިއަން، އެހެންވެ ކީއްކުރަންތޯ މިވަރުގެ އެއާޕޯޓެއް އެހެން ބަޔަކަށް ދީފައި ބަހައްޓަންވީ،" ގަޑިއެއްހާއިރު މިރޭ ވާހަކަފުޅު ދެއްކެވި ރައީސް ޔާމީން ވިދާޅުވި އެވެ.