ރިޕޯޓް

ސޭޓުން ބޭނުން ވެއްޖެ، ކޮބާ ދިވެހިން؟

ކޭޝިއަރުންގެ ގޮތުގައި ބިދޭސީން ތިބުން އިއްޔެ އިން ފެށިގެން މަނާ ވެއްޖެ އެވެ. މިހާރު ބިދޭސީ ސޭޓުން ބައިތިއްބާނަމަ އެވާނީ ގާނޫނާ ހިލާފު ކަމަށެވެ. ބޮޑު ކުށަކަށެވެ. މި ނިންމުމާ ގުޅިގެން ވިޔަފާރިތަކުން ދަނީ ދިވެހި ސޭޓުން ހޯދަން އިއުލާނުތައް ޖަހަމުންނެވެ. ސުވާލަކީ ދިވެހިން ނަށް ހުސްވި މި ވަޒީފާއަށް ދާން ދިވެހިން، ބޭނުން ބާ އެވެ؟ ވަޒީފާ ބޭނުންވާ ދިވެހިން ކޮބައި ހެއްޔެވެ؟ މި ވަޒީފާ ތަކަށް ދިވެހިން ތައްޔާރު ހެއްޔެވެ؟

"މި ފިހާރައިގައި ތިބި ދިވެހި ކުދިން ކެނޑިގެން ދިއުމުން ދިވެހި ކޭޝިއަރުން ހޯދަން އިއުލާނު ޖަހައިގެން މި އުޅެނީ. ހަބަރެއް ނުވޭ. ގުޅާ ވެސް ނުލާ،" މަޖީދީ މަގު، އެމިޒޯން ފިހާރައިގެ ވެރިޔާ މުހައްމަދު ވަސީމް ވިދާޅުވި އެވެ.

ސަރުކާރުން އަންދާޒާ ކުރާ ގޮތުގައި ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި 2000 އަށްވުރެ ގިނަ ކޭޝިއަރުންގެ ވަޒީފާ "ހުހަށް" އެބަ އޮތެވެ. މި ވަޒީފާތަކުގައި މިހާރު ގިނައިން ތިބީ ބިދޭސީންނެވެ. ހާއްސަކޮށް ކަންމަތީ ފިހާރަތަކާއި ރެސްޓޯރެންޓުތަކުގެ ފައިސާ ވަތްގަނޑަށް "އަތް ބާނައިގެން" ގިނައިން ތިބީ ބިދޭސީންނެވެ. ނަމަވެސް ދިވެހިންނަށް ވަޒީފާ ހޯދައި ދިނުމުގެ މަގުސަދުގައި ބިދޭސީން ކޭޝިއަރުންގެ ގޮތުގައި ތިބުން މަނާކުރުމާއެކު ކޭޝިއަރުންގެ ވަޒީފާތައް މިވަނީ ގިނަ ވެފަ އެވެ.

ކޭޝިއަރުންގެ ވަޒީފާ ރާއްޖޭގެ ވިޔަފާރިތަކުގައި ހުސްވެގެން ދިއުމާއެކު ޕާޓް ޓައިމް ވަޒީފާގެ ގޮތުގައި ވެސް މި ވަޒީފާ އަދާކުރާނެ ފުރުސަތު މިވަނީ ހުޅުވިގެން ގޮސްފަ އެވެ. މިއީ ޔުނިވާސިޓީތަކާއި ކޮލެޖުތަކުގައި ތައުލީމް ހާސިލް ކުރަމުން ގެންދާ ކުދިންނަށް ހުޅުވިގެން ދާނެ ރަނުގެ ފުރުސަތެކެވެ. ސަބަބަކީ ދެތިން ގަޑިއިރު މަސައްކަތް ކޮށްލައިގެން ރަނގަޅު އާމްދަނީއެއް ހޯދުމުގެ ފުރުސަތު ހުޅިވިގެން ދިއުމެވެ.

މާލޭގައި ހަތަރު ފިހާރަ ހިންގަމުން ގެންދާ، އެމިޒޯންގެ ވެރިޔާ ވަސީމް ވިދާޅުވީ އެ ކުންފުނީގައި ކޭޝިއަރުންގެ ގޮތުގައި އަބަދު ވެސް ގެންގުޅެނީ ދިވެހިން ކަމަށެވެ.

"އަޅުގަނޑުމެން އަބަދު ވެސް ކޭޝިއަރުން ނަށް މި ގެންގުޅެނީ ދިވެހިން. ބިދޭސީން ނުބައި ތިއްބަނީ އެ މީހުން މަކަރު ހަދާތީ. އެހެންވެ މަސައްކަތު މީހުންގެ ގޮތުގައި ބިދޭސީން ލިބޭނީ. އަޅުގަނޑުމެންގެ ބޭސް ފިހާރަ ވެސް ހުންނާނެ އެތަނުގައި ތިބޭނީ ބިދޭސީ ފާމަސިސްޓުން. އެއީ މަނާކަމެއް ނޫން. އެކަމަކު ކޭޝިއަރުން ހޯދަން ޖެހުމުން މިހާރު މި އުޅެނީ އިއުލާނު ޖަހައިގެން،" ވަސީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕާޓް ޓައިމަށް އައިސް އެ ފިހާރާގައި މަސައްކަތް ކޮށްލުމުން 3500ރ. އާއި 4،000ރ. ގެ އާމްދަނީއެއް މަހަކު ލިބޭނެ ކަމަށާއި، މި ފުރުސަތު ދިވެހިންނަށް ހުޅުވިފައިވާ ކަމަށެވެ.

"ފުލް ޓައިމްކޮށް މަސައްކަތް ކުރަން ދަތިވެދާނެ ބައެއް ކުދިންނަށް. އެހެންވެ ޕާޓް ޓައިމް އަށް ނަމަވެސް އައިސް ކޭޝިއަރުންގެ ވަޒީފާ އަދާކޮށްލެވިދާނެ. މަސައްކަތް ކޮށްލަން މި ޖެހެނީ ހަތަރު ވަރަކަށް ގަޑިއިރު. މިއީ ކިޔަވާ ކުދިންނަށް ވެސް އަދާކޮށްލެވިދާނެ ވަޒީފާއެއް،" ވަސީމް ވިދާޅުވި އެވެ.

މާލޭގެ ގިނަ ވިޔަފާރިތަކަށް ބަލާއިރު، "ސޭޓުން" ގެ ފެށޭ މުސާރަ އުޅެނީ 4،000ރ. އާއި 7،000ރ. އާ ދެމެދުގަ އެވެ. މަދު ފިހާރައެއްގައި ނޫނީ 10،000ރ. ގެ މުސާރައެއް ނުދެ އެވެ. މިފަދަ ވަޒީފާތަކަށް ދިވެހިން ނުވަނީ އެކަށީގެންވާ އާމްދަނީއެއް ނުލިބޭތީ ހެއްޔެވެ؟

މާލޭގެ އެންމެ ބޮޑު އެއް ފައިވާން ފިހާރަ ހިންގާ، ޝޫލައިންގެ ވެރިޔާ މުހައްމަދު ޝާކިރު ވިދާޅުވީ މައްސަލައަކީ މުސާރަ ކުޑަވުން ނޫން ކަމަށާއި، މައްސަލައަކީ ވަޒީފާގެ އަހުލާގު ނެތުން ކަމަށެވެ.

"މުސާރައެއް ނޫން މައްސަލައަކީ!؟ އަޅުގަނޑުމެން ބޭނުން ދިވެހިންނަށް ވަޒީފާ ދޭން. މިތަނުގައި އެބަތިބި މަހަކު 16،000ރ.ގެ މުސާރައެއް ލިބޭ ދިވެހިން. އަށް ގަޑިއިރު މަސައްކަތް ކޮށްލުމުން މަހަކު 7،000ރ. ފެށޭ މުސާރައެއްގެ ގޮތުގައި ލިބޭނެ. އެކަމު ދިވެހިން ހަރު ނުލާ،" ޝާކިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބިދޭސީން ކޭޝިއަރުންގެ ގޮތުގައި ތިބުން މަނާކުރުމާ ގުޅިގެން ދިވެހިން ހޯދަން ފިހާރާގައި "އަބަދު ވެސް އިއުލާނު،" ޖަހާފައިވާ ކަމަށެވެ.

 

"ދިވެހިން ހޯދަން ބޭނުންވަނީ. އެކަމަކު މައްސަލައަކީ ވަޒީފާގެ އަހުލާގު ނެތުން. ދިވެހިންނަށް ވަޒީފާ ދިނުމުން މަސައްކަތް ވުރެ ބޮޑަށް އެހެން ކަންކަމުގައި މި އުޅެނީ،" ޝާކިރު ވިދާޅުވި އެވެ.

 

ގިނަ ވިޔަފާރިތަކުން ބުނި ގޮތުގައި ދިވެހި ކޭޝިއަރުން ހޯދުމަށް ކުރި އިއުލާނާ ގުޅިގެން ދިވެހިން ކުރިމަތިލި ނަމަވެސް ވަޒީފާގައި ދިވެހިން ހަރުނުލާ ކަމަށެވެ.

"އިއުލާނު ކުރުމުން ކުރިމަތިލާ. އެކަމަކު މައްސަލައަކީ ވަޒީފާގައި ހަރު ނުލުން. އެއް ދުވަހު ވަޒީފާއަށް ނުކުމެފަ. ދެން ހަބަރެއް ނުވޭ. އެހެންވެ ވަރަށް ދަތި ވޭ،" ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކި ވިޔަފާރިވެރިއެއް ބުންޏެވެ.

ދިވެހިން ވަޒީފާއަށް ފަރުވާ ކުޑަ ކަމަށް ބައެއް ވިޔަފާރިތަކުން ބުނި ނަމަވެސް، ގިނަ އަދަދަކަށް ދިވެހިން ގެންގުޅޭ ބޮޑެތި ފިހާރަތައް ރާއްޖޭގައި އެބަ ހުއްޓެވެ. މީގެ ތެރޭގައި ބޮޑެތި ރެސްޓޯރެންޓުންތަކާއި ސުޕަމާޓުތައް ވެސް ހިމެނެ އެވެ. އެފަދަ އެއް ފިހާރައަކީ ރެޑްވޭވްގެ ފިހާރަ ތަކެވެ.

"ބިދޭސީއަކަށް ދޭން ޖެހެނީ މަހަކު 4،000ރ. ވަރު. އެކަމަކު ދިވެއްސަކަށް އެންމެ މަދުން ވެސް އެބަދޭން ޖެހޭ 10،000ރ. ވަރު. މިއީ ޖެހޭ މައްސަލައަކީ. މައްސަލައަކީ ދިވެހިން ވަޒީފާތަކަށް ނުނިކުތުމެއް ނޫން. މައްސަލައަކީ ކުޑަ މުސާރައެއް ދީގެން ވަޒީފާގައި ދިވެހިން ގެންގުޅެން ބޭނުންވުން،" އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރެޑްވޭވުގައި އަބަދު ވެސް މަސައްކަތް ކުރަނީ ދިވެހި ކޭޝިއަރުން ކަމަށާއި، ދިވެހިންގެ މައްސަލައެއް ނުޖެހޭ ކަމަށެވެ.

"ރަނގަޅު މުސާރައެއް ދިނީމަ ވަޒީފާއަށް އަންނާނެ ދިވެހިން ވެސް ވާނެ،" އަލީ ވިދާޅުވި އެވެ.

ރާއްޖޭގައި ވިޔަފާރިކުރަން ހަދާފައިވާ ގާނޫނުތަކާ ހިލާފުވާ ފަރާތްތައް ހޯދުމަށް އިކޮނޮމިކް މިނިސްޓްރީ މިވަނީ ހާއްސަ މަސައްކަތް ތަކެއް ފަށާފަ އެވެ. ގާނޫނު ތަންފީޒު ކުރަން ނުކުމެފަ އެވެ. އެ މަސައްކަތްތަކުގެ ދަށުން 80 އަށް ވުރެ ގިނަ ވިޔަފާރިއަށް މިހާތަނަށް ފިޔަވަޅު އަޅާފައިވެ އެވެ. މީގެ ތެރޭގައި ބިދޭސީން ކޭޝިއަރުންގެ ގޮތުގައި ބައިތިއްބި ވިޔަފާރިތައް ވެސް ހިމެނެ އެވެ.

އިކޮނޮމިކް މިނިސްޓްރީގެ، ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިޝާމް ވިދާޅުވީ ރާއްޖޭގައި ވިޔަފާރި ކުރުމަށް ހަދާފައިވާ ގާނޫނުތަކުގެ ދަށުން ގަވައިދާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅޭނެ ކަމަށެވެ. މީގެ ތެރޭގައި ބިދޭސީން ކޭޝިއަރުންގެ ގޮތުގައި ބައިތިއްބާ ވިޔަފާރިތައް ވެސް ހިމެނޭ ކަމަށް ރެޖިސްޓްރާ ވިދާޅުވެފައިވެ އެވެ.

"ބިދޭސީން ނޫޅެވޭނެ ކަމަށް ކަނޑައަޅާ ދާއިރާތަކުގައި އެއް ވެސް ބިދޭސީއަކަށް ނޫޅެވޭނެ. ގަވައިދާ ހިލާފުވާނަމަ ފިޔަވަޅު އެޅޭނެ،" ވިޝާމް ވިދާޅުވި އެވެ.

ކޭޝިއަރުންގެ ވަޒީފާތައް މުޅިރާއްޖޭގައި މިވަނީ ހުސްވެފަ އެވެ. ދެން އޮތީ ދިވެހިން މި ކަމަށް ނުކުތުމެވެ. ސޭޓަކަށް ވާން ޝައުގުވެރިވުމެވެ. މިއީ ރަނުގެ ފުރުސަތެކެވެ. އަވަހަށް ބޭނުން ހިފާށެވެ.