ބޮލީވުޑް

އައިފާގެ ރަންވަނަތައް "ކްއީން" އާއި "ހައިދަރް" އަށް

Jun 8, 2015

ރޭ މެލޭޝިއާގެ ވެރިރަށް ކުއާލާލަމްޕޫރުގައި ބޭއްވި ބޮލީވުޑްގެ މަޝްހޫރު ގިނަ ތަރިންތަކެއް ބައިވެރިވި އިންޑިއާ ފިލްމުތަކުގެ އެންމެ ޝަރަފުވެރި އެވޯޑްކަމަށްވާ އިންޓަނޭޝަނަލް އިންޑިއަން ފިލްމު އެވޯޑްސް (އައިފާ) 2015 ގެ ހަފްލާ ވަނީ ބާއްވާފަ އެވެ.

ފާއިތުވި ތިން ދުވަހުން ފެށިގެން މެލޭޝިއާގައި ކުރިއަށް ދިޔަ 16 ވަނަ އައިފާ އެވޯޑް ހަފްލާ ހޯސްޓްކޮށްދީފައިވަނީ މަޝްހޫރު ތަރިންކަމަށްވާ އަރްޖުން ކަޕޫރުއާއި ރަންވިރު ސިންގް އެވެ.

ރެޑްކާޕެޓްގައި ބޮލީވުޑްގެ މަޝްހޫރު ގިނަ ތަރިންތަކެއް ހިނގާލި މިހަފްލާގައި ވަނީ ރިތިކް ރޯޝަން އާއި ސޮނާކްޝީ ސިންހާ އާއި ޓައިގާ ޝްރޮފްގެ އިތުރުން ޕަރިނީތީ ޗޯޕްޅާގެ ހިތްގައިމު ހަރަކާތްތަކެއްވެސް ފެނިގެން ގޮސްފަ އެވެ.

ކުރިންވެސް ގިނަ ބަޔަކު އުންމީދުކުރަމުން އައިގޮތަށް މިއެވޯޑް ހަފްލާގެ ގިނަ އެވޯޑްތަކެއް ލިބިފައިިވަނީ ޝާހިދް ކަޕޫރު ލީޑްރޯލު ކުޅެފައިވާ ޑައިރެކްޓަރު ވިޝާލް ބަރްދްވާޖްގެ ހައިދަރް" އަށެވެ.

މިފިލްމަށް ޖުމްލަ ހަތް އެވޯޑެއް ވަނީ ލިބިފަ އެވެ. އެ އެވޯޑްތަކުގެ ތެރޭގައި އެންމެ މޮޅު ނެގެޓިވް ޕާފޯމަންސްގެ އެވޯޑާއި، ބެސްޓް ކޮސްޓިއުމް ޑިޒައިނާގެ އެވޯޑާއި، ބެސްޓް ސައުންޑް މިކްސިންގް އެވޯޑްގެ އިތުރުން ބެސްޓް ސައުންޑް ޑިޒައިން އާއި ބެސްޓް މޭކަޕް އަދި ބެސްޓް ބެކްގްރައުންޑްގެ އެވޯޑް ލިބިފައިވަނީ ޑައިރެކްޓަރު ވިޝާލް ބަރްދްވާޖް އަށެވެ.އަދި ބެސްޓް ސަޕޯޓިން އެކްޓްރެސްގެ އެވޯޑް ވެސް ލިބިފައިވަނީ ތާބޫ އަށެވެ.މީގެއިތުރުންވެސް އެންމެ މޮޅު ބަތަލުގެ އެވޯޑް "ހައިދަރު" އިން އުފުލާލީ ޝާހިދް ކަޕޫރު އެވެ.

މީގެއިތުރުންވެސް މިދިޔަ އަހަރުގެ ބޮޑު ކާމިޔާބީއެއް ހޯދާފައިވާ "ކްއީން" އާއި "2ސްޓޭޓްސް" އަށް ވެސް ވަނީ ގިނަ އެވޯޑް ލިބިގެންގޮސްފަ އެވެ. އެގޮތުން، ޓެކްނިކަލް އެވޯޑްސް ތަކުގެ ތެރެއިން "2ސްޓޭޓްސް" އަށް ބެސްޓް މިއުޒިކްގެ އެވޯޑާއި ބެސްޓް ސިނަމަޓޯގްރަފީގެ އެވޯޑް ލިބިފައިވާރު "ކްއީން" އަށް ވަނީ ބެސްޓް އެޑިޓިން އާއި ބެސްޓް ސްކްރީންޕްލޭގެ އެވޯޑްގެ އިތުރުން ބެސްޓް ޑައިރެކްޓާގެ އެވޯޑާއި އެންމެ މޮޅު ބަތަލާގެ އެވޯޑް ލިބިގެންގޮސްފައިވަނީ ނެޝަނަލް އެވޯޑް ވެސް  "ކްއީން" އިން ލިބުނު ބަތަލާ ކަންގަނާ ރަނާވަތު އަށެވެ.

މިދިޔަ އަހަރު އަލަށް ތައާރަފްވި ބަތަލާ އާއި ބަތަލުގެ އެވޯޑް ލިބިފައިވަނީ ފިލްމު "ހީރޯޕަންތީ" އިން ބޮލީވުޑަށް ތައާރަފްވި ކީރްތީ ސަނޮން އާއި ޓައިގާ ޝްރޮފް އަށެވެ.

އައިފާގެ ފަރާތުންދޭ ހާއްސަ އެވޯޑް ކަމަށްވާ ވުމަން އޮފް ދަ އިޔާގެ އެވޯޑް ލިބިގެންގޮސްފައިވަނީ މިދިޔަ އަހަރު "ހެޕީ ނިއު އިޔާ" އާއި "ފައިންޑިން ފެނީ" އަދި މިދިޔަ މަހު ނިކުތް ފިލްމު "ޕީކޫ" ގެ ބަތަލާ ދިޕިކާ ޕަދުކޯން އަށެވެ.

އެންމެ މޮޅި ކޮމިކް އެވޯޑް ވަރުން ދަވަން އަށް "މޭ ތެރާ ހީރޯ" އިން ލިބުނު އިރު، ބެސްޓް ސަޕޯޓިން އެކްޓާގެ އެވޯޑް "އޭކް ވިލަން" އިން ލިބިފައިވަނީ ރިތޭޝް ދޭޝްމުކް އަށެވެ. އަދި ރިތޭޝް ގެ މަރާތީ ފިލްމު "ލައި ބާރީ" އަށް ވަނީ ބެސްޓް ރީޖަނަލް ފިލްމުގެ އެވޯޑް ވެސް ލިބިފަ އެވެ.

'އޭކްވިލަން" ގެ "ގަލިޔާން" ލަވަ ކިޔައިގެން އަންކިތް ތިވާރީ އަށް އެންމެމޮޅު ފިރިހެން ލަވަކިޔުންތެރިޔާ ގެ އެވޯޑް ލިބުނުއިރު، އެންމެ މޮޅު އަންހެން ލަވަކިޔުންތެރިޔާގެ އެވޯޑް ލިބިފައިވަނީ "ރާގިނީ އެމްއެމްއެސް" ގެ "ބޭބީ ޑޯލް" ލަވަ ކިޔާފައިވާ ކަނިކާ ކަޕޫރް އަށެވެ. އަދި އެންމެ މޮޅު ލިރިކްސް އެވޯޑް ވެސް ލިބިފައިވަނީ "އޭކް ވިލަން"ގެ "ގަލިޔާން" މިލަވަ އަށެވެ.

އަލަށް ތައާރަފުވި ޑައިރެކްޓަރުންގެ އެވޯޑް ދެ ޑައިރެކްޓަރަކަށް ވަނީ ލިބިފަ އެވެ. އެއީ ސަލްމާން ޚާންގެ "ކިކް"ގެ ޑައިރެކްޓަރު ސާޖިދު ނަޑިއަޑްވާލާ އާއި ޕްރިޔަންކާ ޗޯޕްޅާގެ "މޭރީ ކޮމް"ގެ ޑައިރެކްޓަރު އޮމަންގް ކުމާރު އެވެ. އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް ލިބިގެންގޮސްފައިވަނީ މިދިޔަ އަހަރު ނިކުތް ބްލޮކްބާސްޓާ ފިލްމު "ޕީކޭ" ގެ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ އަށެވެ.

ހިންދީ ސިނަމާ އަށް ފާހަގަކޮށްލެވޭ ބޮޑު ހިދުމަތެއް ކޮށްދިން ފަރާތަށް ދޭ ހާއްސަ އެވޯޑް ލިބިގެންގޮސްފައިވަނީ ކުރީގެ މަޝްހޫރު ފިލްމު އުފެއްދުންތެރިޔެއް ކަމަށްވާ ސުބާޝްގާއި އަށެވެ.