ހަބަރު

25 ބުރީގެ "ހޮހަޅަ"އިގެ ދަޅައަށް ނުހެއްލި ބަދަލުގައި ބައިވެރިވޭ: އިބޫ

ދަރަނި ނަގާނަމަ އެކަން ރައްޔިތުންނަށް އެނގެން ޖެހޭނެ ކަމަަށާއި ރައްޔިތުންނަށް ނޭނގި ލޯނު ނަގާނެ ރައީސަކަށް އޭނާ ނުވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިރޭ ވިދާޅުވެއްޖެ އެވެ. އިބޫ ވަނީ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް އަޅަން ސަރުކާރުން ބޮޑު ހިޔާނާތެއްވެފައިވާ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފަ އެވެ.

އިބޫ މިހެން ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގާ ބޮޑެތި މަޝްރޫއުތަކަށް ބޭރުގެ ގައުމުތަކުން ބޮޑެތި ލޯނުތައް ނަގަމުންދާތީ އެކަމަށް ފާޑުވިދާޅުވުމުގެ ގޮތުންނެވެ. އެގޮތުން ސިނަމާލެ ބްރިޖާއި ދަރުމަވަންތަ ހޮސްޕިޓަލާއި އާ ރަންވޭ އެޅުމަށް ނަގާފައިވާ ލޯނުތަކަކީ ރައްޔިތުންނަށް ނޭނގި އަޅުވާފައިވާ ދަރަނިތަކެއްކަން އިބޫ ފާހަގަކުރެއްވި އެވެ.

އިދިކޮޅު ޕާޓީތަކުން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ، ރައްޔިތުންގެ ބޮލުގައި އެތައް ބައިވަރު ދަރަންޏެއް އަޅުވާފަ ރައީސް ޔާމީން ހުންނެވީ ހިނިފުޅުވަޑުވަން ކަމަށާއި އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ގޮތުގައި ކަންކަން ކޮށްދޭނަމަ ކިހިނެއް ހޯދާ ފައިސާއެއްތޯ ރައްޔިތުން ނާހާނެ ކަމަށެވެ. ނަމަވެސް އެއީ ހަގީގަތް ނޫން ކަމަށް އިބޫ ވިދާޅުވި އެވެ.

"... ނޫން އެކަންކަން ސާފުކުރަން ރައްޔިތުން ބޭނުންވާނެ، އެހުމެއް ކެހުމެއް ނެތި ރައްޔިތުންގެ ބޮލުގައި ދަރަނި އަޅުވާ މީހަކަށް ގައިމު ވެސް އަޅުގަނޑު ނުވާނަން، ރައްޔިތުންގެ ހުއްދަ ލިބިގެން ރައްޔިތުންގެ ނަމުގައި ދަރަނި ނެގޭނީ،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، 75 ބުރީގެ އިމާރާތެއް އެޅޭ އަގަށް މިހާރު ހަދާފައިވަނީ 25 ބުރީގެ "ހޮހަޅައެއް" ކަމަށެވެ. އޭގެ ބޭރުގަ ޖަހާފައިވާ ބިއްލޫރީގެ ދަޅައަށް ހެއްލިގެން ތިބެގެން ނުވާނެ ކަމަށެވެ. އިބޫ ވިދާޅުވީ ބްރިޖާއި ރަންވޭގެ މަޝްރޫއު ވެސް ނުއަގުގައި ހިންގާ ރައްޔިތުންނަަށް ހިޔާނާތްވެފައިވާ ކަަމަށެވެ.

"ތިޔަ ބޭފުޅުންގެ ލޯ ލާރިއެއްގައި ވެސް އަޅުގަނޑު ނުޖެހޭނަން،" އިބޫ، ރައީސް ޔާމީނަށް ފާޑުވިދާޅުވަމުން ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ ވެރިކަން ކުރަން ޖެހޭނީ ރައްޔިތުންގެ ބަސް ހޯދައިގެން ރައްޔިތުންނަށް ބާރު ދީގެން ކަމަށެވެ. އެގޮތުން އެކަމަށް ބައްޓަންވާ ގޮތަށް ތައްޔާރުކޮށްފައިވާ ގިނަ ސިޔާސަތުތަކެއް މިރޭ އިބޫ ހާމަ ކުރެއްވި އެވެ. އެގޮތުން ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ގާއިމް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

އެތައް ގިނަ ބަޔަކު ބައިވެރިވި ޖަލްސާގައި އިބޫ ވިދާޅުވީ، ދަރަނީގެ މައްޗަށް ނެގި ދަރަނިތަކާއި ސަރުކާރުގެ އިސްރާފާހެދި އިގްތިސޯދު ހީނަރުވެފައިވާ ކަމަށެވެ. ކުދި އަދި މެދު ފަންތީގެ އެތައް ވިޔަފާރިއެއް ހަލާކުކޮށްލާފައިވާ ކަމަށެވެ. އެކަންކަން ހައްލުކުރުމަށް އިންސާފުވެރި، މިނިވަން އަދި ވާދަވެރި ޓެކްސް ނިޒާމެއް ގާއިމް ކޮށް ދެއްވާނެ ކަމުގެ ވައުދު އިބޫ ވެވަޑައިގެންނެވި އެވެ.

ކޮރަޕްޝަން ނައްތާލައްވާނެ ކަމުގެ ވައުދު ތަކުރާރު ކުރައްވަމުން އިބޫ ވަނީ ރާއްޖޭގެ ގުދުރަތީ ވަސީލަތްތަކުން ރައްޔިތުންނަށް މަންފާ ހޯދައިދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެ މަގުސަދު ހާސިލް ކުރުމަށް ހުށަހަޅާ ސިޔާސަތަކީ ނޫ އިގްތިސޯދު ކަމަށާއި އެއީ ގުދުރަތީ މުއްސަނދިކަމުން އާމްދަނީ ހޯދުން ކަމަށެވެ. ނާޒުކު ތިމާވެށީ ރައްކާތެރިކުރުމުގެ ވިސްނުން އެންމެ މަތީގަ ބާއްވައިގެން މަޝްރޫއުތައް ކުރިއަަށް ގެންދަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ތިމާވެށި ހިމާޔަތް ކުރަން ސަރުކާރުތަކަށް ލާޒިމް، ބޭނުން ވަނީ ތަންފީޒު ކުރާނެ ސަރުކާރެއް، ތިމާވެށީގެ މައްސަލަތައް އެއްވެސް ވަރަކަށް އިހްމާލެއް އަޅުގަނޑު ނުވާނަން،" އިބޫ ވިދާޅުވި އެވެ.

އިބޫ ވަނީ މީގެކުރިން މަސްވެރިންނަށާއި ދަނޑުވެރިންނަށް އަދި ފަތުރުވެރިކަމުގެ ސިނާޔަތަށް އޭނާ ގެންގުޅުއްވާ ސިޔާސަތުތައް މިރޭ ވެސް ތަކުރާރު ކުރައްވާފަ އެވެ. އެގޮތުން މަސްވެރިންނަށާއި ދަނޑުވެރިންނަށް ހަމަ އަގު ލިބޭނެ ކަމަށް ވިދާޅުވި އެވެ. އަދި ފަތުރުވެރިކަން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފުޅާ ކުރައްވާނެ ކަމަށެވެ.

ރަށު ބަންދުގައި ބޭއްތިބުމުގެ ސިޔާސަތު ބަދަލުކޮށް، އެއް ރަށް އަނެއް ރަށް ގުޅާލައި އަވަސް ދަތުރުފަތުރުގެ ނިޒާމެއް ގާއިމް ކުރައްވާނެ ކަމަށާއި ސިއްހީ ނިޒާމް ޒަމާނީ ކުރައްވާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ. އާސަންދަ ސިޔާސީ ސަބަބަށް ގަނޑުކޮށް ބޭނުން ކުރުމަކީ ބޭސް ފަރުވާއަށް ސަލާން ޖަހަން ޖެހުން ސަބަބު ކަމަށާއި އެކަން ބަދަލު ކުރައްވާނެ ކަމަށެވެ.

"އެދުރުގެ ހިންގަން ވާނީ އެދުރުން، މަންހަޖު ކަނޑައަޅަން ވާނީ ޓީޗަރުންގެ ލަފާގެ މަތިން، އެއް ދަންފަޅިއަށް ސްކޫލްތައް ހިންގާނީ، ފެންވަރު ރަނގަޅު ވަށާ ޖެހޭ ތައުލީމެއް ލިބޭނެ، ފުރަތަމަ ޑިގްރީއާ ހަމައަށް ރާއްޖޭގައި ތައުލީމް ހާސިލް ކުރެވޭނެ،" އިބޫގެ ތައުލީމީ ސިޔާސަތު ހާމަ ކުރެއްވި އެވެ.

އިބޫ ވިދާޅުވީ ޒުވާން ފިކުރުން ނެރޭ ވިޔަފާރިތައް ހަގީގަތަކަށް ހަދަން އެހީވާނެ ކަމަށާއި ޒުވާނުންނަކީ ހަމައެކަނި ފުޓްސަލް ކުޅޭ ބަޔަކަށް ނަހައްދަވާނެ ކަމަށެވެ. ޒުވާނުން ބޭނުންވާ ތަފާތު ކުޅިވަރުތަކުގެ ވަސީލަތްތައް ގާއިމް ކޮށް ދެއްވާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

"ސެޕްޓެމްބަރު 23 ގައި މި ބަދަލު ގެންނާނެ ބަޔަކީ ޒުވާނުން،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، ގެވެށި އަނިޔާ ހުއްޓުވާނަމޭ، ތަފާތު ކުރުން ނައްތާލަމާމޭ ބުނެ ހުއްޓާއެއް ނުލައްވާނެ ކަމަށާއި އެކަންކަން ތަންފީޒު ކުރާ ތަން ދައްކަވާނެ ކަމަށެވެ. އޭގެ އިތުރުން އިބޫ ވިދާޅުވީ، އެހީއަށް ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ވަސީލަތްތައް ފަސޭހަކާއެކު ލިބޭނެ ގޮތް ހަދައިދެއްވާނެ ކަމަށާއި ފަހުރުވެރި އާއިލާއެއް ގާއިމް ކޮށްދެއްވާނެ ކަމަށެވެ.

"އިޖުތިމާއީ ގުޅުންތައް ރަނގަޅުކޮށް އަމާން މާހައުލެއް ގާއިމް ކުރާނަން، ވީގޮތެއް ނޭނގޭ، ގޮތް ނޭނގޭ މަރުގެ މައްސަލަތައް ދެފުށް ފެންނަ ތަހުގީގެއް އަލުން ފަށާނަން، ގާނޫނުތައް ފުރިހަމައަށް ތަންފީޒުކުރާނަން،" އިބޫ ވިދާޅުވި އެވެ.

ބޯހިޔާވަހިކަން އަތް ފޯރާ ފަށަށް ފޯރުކޮށް ދެއްވާނެ ކަމަށް ވެސް އިބޫ މިއަދު ވައުދުވެވަޑައިގަތެވެ. މާލެ ތޮއްޖެއްސެމުގެ ބަދަލުގައި ގެންގުޅުއްވާނީ އެހެން ސިޔާސަތެއް ކަމަށާއި އުތުރާއި ދެކުނާއި މެދު ރާއްޖެ ތެރޭގައި އާބަން ސެންޓަރުތައް ގާއިމް ކުރައްވައި މާލެ ލުޔެއް ހޯދައި ހިތް ފަސޭހަ ތަނަކަށް އަލުން ހައްދަވައިދެއްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ ސިޔާސީ ފިކުރު ހުންނަ ގޮތަކުން އެއްވެސް މުވައްޒަފަކަށް ބިރު ނުދައްކާނެ ކަމަށެވެ. އެއީ ގަބޫލު ކުރައްވާ ކަމެއް ނޫން ކަމަށެވެ. ސިވިލް ސާވިސްގަ ވިޔަސް މަސައްކަތް ކުރާ އެއްވެސް މުވައްޒަފަކަށް ބިރެއް ނުދައްކާނެ ކަމަށާއި ހައްގުތައް ކަށަވަރު ކޮށް ދެއްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އަދި އެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރައްވާނެ ކަމަށް ވެސް ވައުދުވެވަޑައިގަތެވެ.

"ގައިރު ގާނޫނީ އަމުރެއް ނުކުރާނަން، ސިފައިންނާއި ފުލުހުންނަކީ ތަމްރީނާއި ވަސީލަތް ލިބިފައިވާ ގާނޫނު ދަމަހައްޓާ ބަޔަކަށް ވާނެ، އަބުރުވެރި ދިރިއުޅުމެއް ކަށަވަރު ކޮށް ދޭނަން،" ސަލާމަތީ ބާރުތަކާ ގުޅޭ ސިޔާސަތާ ގުޅޭ ގޮތުން އިބޫ މިރޭ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، އިންޑިއާ ކަނޑުގެ ހަމަޖެހުން ގާއިމް ކުރުމަށް ރާއްޖެއިން އަދާކުރަން ދައުރު އަދާކުރައްވާނެ ކަމުގެ ޔަގީންކަން ވެސް މިރޭ އިބޫ އެރުއްވި އެވެ. އިބޫ ވަނީ އިސްލާމް ދީނަކީ ރާއްޖޭގެ ގައުމިއްޔަތުގެ ބިންގާކަން ފާހަގަ ކުރައްވައި އެ ނޫން ދީނަކަށް ޖާގަ ނުދެއްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.