overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

އަމާން އައްސޭރިއަކަށް ހޭރިޔާކުރަން މިއީ ފަހު ފުރުސަތު: އިބޫ

އަންނަ ރިޔާސީ އިންތިހާބުގެ ވޯޓަކީ އަމާން އައްސޭރިއެއްގައި ހޭރިޔާކުރަން ލިބޭނެ ފަހު ފުރުސަތު ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރޭ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ކޯލިޝަނުން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ނިމިގެން މިދާ ފަސް އަހަރަކީ އެންމެ އަނިޔާވެރި، ބިރުވެރި އެންމެ ބޮޑަށް އަދުލު އިންސާފު ގެއްލުނު ހުދުމުހުތާރު ފަސް އަހަރު ކަމަށެވެ.

އިބޫ ވިދާޅުވީ ރާއްޖެ ދަނީ ބަދަލުވާން ކަމަށެވެ. އެހެންވެ އެ ބަދަލުގައި ބައިވެރިވުމަށް އެންމެންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.

"ރާއްޖެ މި ދަނީ ބަދަލުވާން، ކޮންމެ ދުވަހެއްގެ ތަޖުރިބާއަކީ ބަދަލު، ކޮންމެ ނިމުމަކީ އަނެއް ފެށުން، ހިނގަމުންދާ ކޮންމެ ސިކުންތެއް އެސްފިއައެއް ނޭވާއެއް ގާތް ކޮށް ދެނީ ބަދަލަށް، ރައީސް ޔާމީނަށްފަހު އަޅުގަނޑު އަޅުގަނޑަށްފަހު އެހެން ބޭފުޅެއް، ހުންނާނެ ދާނެ،" އިބޫ ވިދާޅުވި އެވެ.

"ބަދަލުގެ ވަގުތު، ބަދަލުގައި ބައިވެރިވުމަކީ ކޮންމެ ހެނދުނަކާއި ހަވީރަކު ލިބޭނެ ފުރުސަތެއް ނޫން، މިއީ ލިބޭ ފުރުސަތެއް، މި ބަދަލުގެ ވާހަކަ ދެއްކުން ގިނަ ކުރައްވާ، ކުރެވޭ ކޮންމެ ޓްވީޓަކާއި ކުރައްވާ ލައިކެއް، ކުރެވޭ ސްޓޭޓަސް ގައުމުގެ ސްޓޭޓަސްއާ ގުޅުވާލާ، ގައުމީ ލޯބީގެ މި ބަދަލާ މަހާލައްވާ،"

އިބޫ ވިދާޅުވީ އިދިކޮޅު ލީޑަރުންނަށް ކޮށްފައިވާ ނުހައްގު ޖަލު ހުކުމްތަކާ ގުޅިގެން ރުހުމާ ތާއީދެއް މިހާރު ރައީސް ޔާމީނަކަށް ނެތް ކަމަށެވެ. ނޭވާ ހޮޅިއަށް މި ސަރުކާރުގެ ތާއީދު އެޅިފައިވާ ކަމަށެވެ.

"މިހާރު މިއޮތް ހާލަތުން ރާއްޖެ ސަލާމަތް ކުރަން މި ތިބީ ނިންމައިގެން، އެއްވެސް މީހަކަށް އަނިޔާވެރިވުމަކީ އޯގާތެރި ސަރުކާރުގަ ކުރާނެ ކަމެއް ނޫން، އިންތިގާލީ އަދުލު ގާއިމް ކޮށްދޭނަން، މީހެއްގެ ހައްގަކަށް އަރައިގެންފައިވާނަމަ އޭގެ ހައްގު ބަދަލު ލިބި ދެވޭނެ،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ މި ފަސް އަހަރު ހާލަތު ސާފު ނުވާ ކަމަށެވެ. ފެންނަން ހުރި ރަށްތަކާއި ފަޅުތައް ވިއްކާފައިވަނީ ކޮން ގައުމެއްގެ ކާކަށް ކަމެއް ސާފު ނުވާ ކަމަށެވެ.

"ނަގާފައިވަނީ ކިތައް ބިލިއަން ކަމެއް ނޭނގޭ، މިލާ ވޯޓުން ނޫން ގޮތަކަށް އެކަން ސާފުވާކަށް ނެތް،" އިބޫ ވިދާޅުވި އެވެ. "އަމާން އައްސޭރިއަކަށް ހޭރިޔާކޮށްލަން ލިބޭނެ މިއި ފަހު ފުރުސަތު، މުޅި ގައުމުގެ މުސްތަގުބަލަށްޓަކައި، ވެއްޓިފައި އޮތް އަނދަވަޅުން ސަލާމަތް ކުރެވޭނީ ހަމައެކަނި ތިޔަބޭފުޅުންނަށް،"

އިބޫ ވިދާޅުވީ، 23 ސެޕްޓެމްބަރަކީ އިންސާފުވެރި އަމާން ރާއްޖެއަކަށް މަރުހަބާ ކިޔާނެ ދުވަހަކަށްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި އަނދިރި އަހަރުތަކަށް އިންސާފު ލިބިގެން ދާނެ ދުވަހަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.