ހަބަރު

ވިޔަފާރިވެރިޔާ މުހައްމަދު މަނިކު އަވަހާރަވެއްޖެ

Sep 8, 2018
3

މަޝްހޫރު ވިޔަފާރިވެރިޔާ، އަދި ރައީސް އަބްދުﷲ ޔާމީންގެ ކޮއްކޯފުޅު މުސްލިމާ އަބްދުލްގައްޔޫމްގެ ފިރިކަލުން މުހައްމަދު މަނިކު (އެއްލައިދޫ މަނިކު) އަވަހާރަވެއްޖެ އެވެ.

މިރޭގެ ވަގުތެއްގައި މަނިކު އަވަހާރަވީ ވަރަށް ގިނަ ދުވަސްތަކެއްވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު، އިންޑިއާގެ މެޑްރާސްގައި މިއަދު ހެނދުނުން ފެށިގެން ވަރަށް ބޮޑަށް ހާލުކޮޅު ދަށަށް ދިއުމަށް ފަހު އެވެ.

އުމުރުފުުޅުން 57 އަހަރުގައި މަނިކު އަަވަހާރަވި އިރު ފަރުވާ ހޯއްދަވަމުން ގެންދެވީ ކިޑްނީ އާއި ލިވާގެ އާލާސްކަންފުޅަށެވެ.

މ. އަތޮޅާއި އއ. އަތޮޅާއި އދ. އަތޮޅުގެ ރައްޔިތުންނާ ވަރަށް ގާތް ގުޅުމެއް އޮންނަ، އަދި އެފަރާތްތަކަށް ގިނަ އިޖުތިމާއީ ހިދުމަތްތައް ވެސް ކޮށްދެއްވާފައިވާ މަނިކަކީ އެއްލައިދޫ ރިސޯޓާއި މާގާ ރިސޯޓާއި ތިން ރަށް މައްޗަށް އެކުލެވޭ ގަސްވެލި ރިސޯޓާއި ނަސަންދުރައިގެ ވެރިޔާ އެވެ. މީގެ އިތުރުން މަސްވެރި ކަމުގެ ވިޔަފާރި އާއި ޓްރެވަލްގެ ވިޔަފާރި ތަރައްގީ ކުރައްވާފައި ވެއެވެ. މަނިކަކީ ކުރިންސުރެ ރައީސް ޔާމީންގެ ވަރަށް ގާތް ރަހުމަތްތެރި ބޭފުޅެއްވެސް މެއެވެ.

މީޑިއާއާ ވަރަށް ބީރައްޓެހި ދިރިއުޅުއްވުމެއް އުޅެއްވެވި މަނިކު އަވަހާރަވި އިރު އޭނާގެ ކުރީގެ ކައިވެންޏަށް ލިބި ވަޑައިގެންނެވި އަންހެން ބޭފުޅަކާއި ފިރިހެން ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވި އެވެ.

މަނިކު އަވަހާރަވި އިރު އަނބިކަނބަލުން މުސްލިމާ އަބްދުލްގައްޔޫމް ހުންނެވީ އިންޑިއާގަ އެވެ. ރައީސް އަބްދުﷲ ޔާމީން ހުންނެވީ ލ. ފޮނަދޫގަ އެވެ.