ދުނިޔެ

ރަޝިއާ އަށް ދުލެއް ދޭން ޖީ7ގެ ވެރިން ބޭނުމެއް ނޫން!

Jun 8, 2015

ރަޝިއާއާ ދެކޮޅަށް ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަަށް ލުުޔެއް ނުދޭން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ވެރިން އެއްބަސްވެވަޑައިގެންފި އެވެ.

ޖަރުމަނުގައި އިއްޔެ ފެށި އެންމެ ކުރިއަރާފައިވާ ހަތް ގައުމުގެ ވެރިންގެ ބައްދަލުވުން، ޖީ7 ސަމިޓުގައި ބައިވެރިވެވަޑައިގަންވާ އެމެރިކާގެ ރައީސް ބަރަކް އޮބާމާ އާއި ޖަރުމަނުގެ ޗާންސެލަރު އެންޖެލާ މާކެލް އާއި އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމަރަންގެ އިތުރުން އެހެން ލީޑަރުން ވެސް ވަނީ ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ދެމެހެއްޓުމަށް ތާއީދުކުރައްވާ ވާހަކަފުޅު ދައްކަވާފަ އެވެ.

އެ ގޮތުން، އޮބާމާ އާއި މާކެލް ވަކިން ބޭއްވެވި ބައްދަލުކުރެއްވުމުގައި ވެސް އެކަމަށް ވަނީ އެއްބަސްވެވަޑައިގެންފަ އެވެ.

"ދަތިިކުރުމުގެ ފިޔަވަޅުތަކުގެ މުއްދަތު ބިނާވެފައި ވަނީ ޔުކްރެއިންގެ ހަނގުރާމަ އަށް އެހީތެރިވުން ހުއްޓާލައި ސުލްހަވެރި ހައްލެއް ހޯދަން ވެފައިވާ އެއްބަސްވުން ދެމެހެއްޓުމަށް ރަޝިއާ އިން ކުރާ މަސައްކަތެއްގެ މައްޗަށް،" އެ ބައްދަލުކުރެއްވުމާ ގުޅޭ ގޮތުން ވައިޓް ހައުސް އިން ނެރުނު ބަޔާނެއްގައިވެ އެވެ.

ވަކިވަކި ލީޑަރުންގެ އިތުރުން، ޔޫރަޕްގެ އިއްތިހާދު (އީޔޫ)ގެ މިނިސްޓަރުންގެ ކައުންސިލްގެ ރައީސް ޑޮނަލްޑް ޓަސްކް ވެސް ވަނީ ރަޝިއާއާ ދެކޮޅަަށް އެ ޖަމާއަތާއި ކުރިއަރާފައިވާ އެހެން ބައެއް ގައުމުތައް ގުޅިގެން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމަށް ގޮވާލައްވާފަ އެވެ.

"ދަތިކުރުމުގެ ފިޔަވަޅުތަކުގެ ވާހަކަދައްކާ ނަމަ ދައްކަންވީ ހަމައެކަނި ވާހަކަ އަކީ އެ ފިޔަވަޅުތައް ވަރުގަދަކުރުމުގެ ވާހަކަ،" ޓަސްކް ވިދާޅުވި އެވެ.

ރަޝިއާ އާއި ހުޅަނގާ ދެމެދު މައްސަލަތައް ބޮޑުވުމުގެ އަސްލު ގުޅިފައި ވަނީ ޔުކްރެއިންގެ ކްރައިމިއާ ރަޝިއާގެ ބާރުގެ ދަށަށް ގެންދިޔަ ހިސާބުން ފެށިގެން ޔުކްރެއިންގެ އިރުމަތީ ބިތުގައި އުޅޭ ހަތިޔާރު އެޅި ޖަމާއަތްތަކުން ވެސް ޔުކްރެއިންއާ ވަކިވެގަތުމުގެ ހަރަކާތެއް ފެށުމުންނެވެ. މި ހަރަކާތް ވަރުގަދަވީ ރަޝިއާ އިން ސިފައިން ފޮނުވައި، ޔުކްރެއިންގެ ހަނގުރާމަވެރިންނަށް އަސްކަރީ އެއްބާރުލުން ދިނުމާ ގުޅިގެން ކަމަށް ޔުކްރެއިން އާއި ހުޅަނގުން ތުހުމަތުކުރެ އެވެ.

ރަޝިއާ އިން ވަނީ އެ ތުހުމަތުތައް ތަކުރާރުކޮށް ދޮގުކޮށްފަ އެވެ. އަދި ޔުކްރެއިންގެ މައްސަލައާ ގުޅިގެން ހުޅަނގުން ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ވެސް ރަޝިއާ އިން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

އީޔޫ އިން އަޅާފައިވާ ފިޔަވަޅުތައް އަންނަ ޖުލައި މަހުގެ ނިޔަލަށް ހަމަވާނެ އެވެ. އެ ފިޔަވަޅުތަކުގެ މުއްދަތު އިތުރުކުރަން ހުރިހާ ގައުމަކުންހެން ބޭނުން ވިޔަސް، އެމެރިކާ އާއި ޖަރުމަނާއި އިނގިރޭސި ވިލާތުން ބޭނުން ވަނީ ބޭނުންވާ ގައުމުތަކަށް އެ ކަމުގައި ބައިވެރި ނުވެ ތިބުމުގެ ފުރުސަތު ވެސް ދިނުމަށެވެ. އެއީ ރަޝިއާގެ އިތުރުން އީޔޫގައި ހިމެނޭ ބައެއް ކުދި ގައުމުތަކުގެ އިގްތިސާދަށް ވެސް އެ ފިޔަވަޅުތަކުގެ އަސަރު ކުރާތީ އެވެ.

ރަޝިއާއާ މެދު ހުޅަނގުން ގެންގުޅޭ ހަރުކަށި ގޮތްތައް ދޫކޮށް ނުލަން ނިންމާފައި މި ވަނީ، ރަޝިއާ ދެކެ ހުޅަނގުން ބިރު ގަންނަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިން ވިދާޅުވިތާ އެއް ދުވަސް ފަހުންނެވެ. އިޓަލީގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ޕުޓިން ވިދާޅުވި ގޮތުގައި ރަޝިއާ އަކީ ހުޅަނގަށް ހުރި ބިރެއްގެ ގޮތުގައި މޮޔައަކު ނޫނީ ނުބަލާނެ އެވެ.

"އެ އަށް ބުރެ ބޮޑަށް ވިސްނަންޖެހޭ އެހެން ކަންތައްތައް އެބަހުރި،" ޕުޓިން ވިދާޅުވި އެވެ.

ކްރެއިންގެ މައްސަލަ އަދިވެސް ހައްލު ނުވާއިރު، ރަޝިއާ އިން ހަނގުރާމަ އަކަށް ތައްޔާރުވަމުންދާ ކަމަށް ބަލައި ނޭޓޯގެ ގައުމުތަކުން ދަނީ އެ ގައުމުތަކުގެ އިތުރަށް އިރުމަތީ ޔޫރަޕްގެ ގިނަ ގައުމުތަކެއްގައި އަސްކަރީ ބާރު ގަދަކުރަމުންނެވެ. އެ ގޮތުން، އެކި ގައުމުތަކުގައި ހަ އާ އަސްކަރީ މަރުކަޒު ގާއިމްކޮށް، ކުއްލި ހާލަތުގައި ވަގުތުން ހަރަކާތްތެރިވުމުގެ ގާބިލްކަން ލިބިފައިވާ 5،000 ސިފައިންގެ ބޮޑު ފައުޖެއް އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ރަޝިއާ ބައިވެރިވެގެން މިދިޔަ މާޗު މަހު އެކުލަވާލި އެއްބަސްވުމެއްގެ ދަށުން، ޔުކްރެއިންގެ އިރުމަތީ ބިތުގައި އެ ގައުމުގެ ސިފައިންނާއި ރަޝިއާއާ އެއްކޮޅު ހަނގުރާމަވެރިންނާ ދެމެދު ބަދަލުކުރަމުން ދިޔަ ހަމަލާތައް ކޮންމެވެސް ވަރަކަށް މަދުކުރި އެވެ. އެކަމަކު، މި ހަފުތާގައި ވަނީ އަނެއްކާ ވެސް ހަމަލާތައް ވަރުގަދަކޮށް، ކުރިއެކޭ ވެސް އެއްގޮތަށް ހަނގުރާމަކުރަން ފަށާފަ އެވެ.

އެމެރިކާ އާއި އިނގިރޭސި ވިލާތާއި ޖަރުމަނުގެ އިތުުރުން ޖަޕާނާއި ފްރާންސާއި ކެނެޑާ އަދި އިޓަލީގެ އެންމެ އިސް ވެރިން ބައިވެރިވެވަޑައިގަންވާ ޖީ7ގެ ސަމިޓުގެ މި ފަހަރުގެ ފޯކަސް އަކީ ރަޝިއާގެ މައްސަލަ އާއި ގްރީސްގެ ދަރަނީވެ މައްސަަލަ އެވެ. މީގެ އިތުރުން، އެބޯލާ ފެތުރުން ކޮންޓްރޯލް ކުރުމާއި އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ނުރައްކަލުގެ މައްޗަށް ވެސް ލީޑަރުން ބަހުސް ކުރައްވާނެ އެވެ.

ރަޝިއާ އަކީ ކުރިން މި ސަމިޓުގެ ބައިވެރިވެ އެކެވެ. އެކަމަކު ކްރައިމިއާ ވަކިކުރުމާ އެކު، ކުރިން ޖީ8ގެ ގޮތުގައި އޮތް ގްރޫޕުން ރަޝިއާ ބޭރުކޮށް، މިހާރު ވަނީ ޖީ7 އަށް ބަދަލުކޮށްފަ އެވެ.