ހަބަރު

އެހެން ދީންތަކަށް ޖާގަ ނުދޭނެ ކަމަށް ވިދާޅުވުމުން ރައީސްގެ މަރުހަބާ އިބޫއަށް!

އިދިކޮޅު ސަރުކަރެއް އިންތިހާބު ވެއްޖެ ނަމަ އިސްލާމް ދީން ނޫން އެހެން ދީނަކަށް ފުރުސަތު ނުދޭނެ ކަމަށް އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވުމުން ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެކަމަށް މަރުހަބާ ވިދާޅުވެއްޖެ އެވެ.

ލ. ފޮނަދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމްގެ ފަރާތުން އިބޫއަށް މަތިކުރަމުން އައި ސުވާލެއްގެ ޖަވާބު ދުވަސްތަކަކަށް ފަހު އިބޫ ރޭ ދެއްވައިފި ކަމަށެވެ. އިންތިހާބާ މިހާބޮޑަށް ކައިރިވުމުން ރާއްޖޭގައި އިސްލާމް ދީން ނޫން ދީނަކަށް ފުރުސަތެއް ނުދެއްވާ ކަމަށް އިބޫއަށް ވެސް ވިދާޅުވާން މަޖުބޫރުވެއްޖެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. ކޮންމެ ގޮތަކަށް ވިޔަސް އެފަދަ ވާހަކައެއް އިބޫގެ ވިދާޅުވުމުން އެކަމަށް މަރުހަބާ ދަންނަވާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

"އެ ވާހަކަތައް އިނގިރޭސި ބަހުން ވިދާޅުވާން ޖެހޭ އިނގިރޭސި ބަހުން ޓްވީޓް ކުރައްވަން އިބޫ ޖެހޭ، އަޅުގަނޑު ހިތަށް އަރާ އިބްރާހިމް މުހައްމަދު ސޯލިހުގެ ބަސް ނޫނީ އެ ބޭފުޅާގެ ލީޑަރު ހާޓް އެޓޭކެއް ޖެހޭނޭ... އެހެންވެ މަޖުބޫރީ ހާލަތަށް ދިޔައިމަ ނަމަވެސް އެ ބޭފުޅުންގެ ދުލުން އެބަ ހެޔޮ ބަހެއް ނިކުމޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވަނީ އިތުރު ކަމަކަށް އިބޫ ޖަވާބު ދެއްވަން ޖެހޭ ކަމަށް ބުނެ އެހެން ސުވާލެއް ވެސް ކުރިމަތި ކުރައްވައިފަ އެވެ. އެގޮތުން ދިވެހިންގެ ކަންކަމުގެ ތެރެއަށް ބޭރުގެ ނުފޫޒު ފޯރުވާ ބަޔަކާ އެކީ ތިބެނނުޖެް ހޭނެ ކަމަށާއި އެފަދަ ނުފޫޒެއް ދިވެހިންނަށް ފޯރުވިޔަ ނުދޭނެ ކަމަށް އިބޫ ވިދާޅުވާން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އެންމެ ރަނގަޅު، މިހާރު ވިދާޅުވެއްޖެ ރާއްޖޭގައި އިސްލާމް ދީން ނޫން ދީނަކަށް ޖާގައެއް ނުދޭނަމޭ، ދެން ވިދާޅުވަން ޖެހޭ ވާހަކައަކީ ރާއްޖޭގެ ދާހިލީ ކަންކަމާ ބެހުމަށް ބޭރުގެ ފަރާތްތަކަށް ބޭރުގެ ނުފޫޒުތަކަށް ޖާގައެއް ނުދޭނަމޭ ވިދާޅުވޭ، މިވާހަކަވެސް ޖެހޭނީ ވިދާޅުވާން،" ރައީސް ވިދާޅުވި އެވެ.