overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ރިޕޯޓް

ރައްޔިތުންގެ އިހުތިޔާރަށް: ރައީސް ޔާމީނާއި އިބޫ

މަލްޓިޕާޓީ ޑިމޮކްރަސީގެ ޅަފަތުގެ ދުވަސްތައް ގުނަމުން އަންނަ، މިކުޑަ ކުޑަ ޖަޒީރާ ރާއްޖެ ދެކެމުން މިދަނީ، އަނެއްކާ ވެސް ތަފާތު ދުވަސްތަކެކެވެ. ސިޔާސީ ގޮތުން އަނެއްކާ ވެސް ބޮޑު ކޯލިޝަނެއް އުފެދި ކެމްޕޭން މިދަނީ ވަރަށް ފޯރީގަ އެވެ. އުމްރާނީ ގޮތުން މީގެ ކުރިން ދެކިފައި ނުވާ ފަދަ ބޮޑެތި މަސައްކަތްތަކެއް ނިމި ފުލުފުލުގައި އެ ތަންތަން މި ދަނީ ހިދުމަތަށް ނެރެމުން އެވެ. މި ހުރިހާ މަންޒަރުތަކާ އެކު ކުރިމަތީގައި މި އޮތީ ސެޕްޓެމްބަރު 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބެވެ. އެ އިންތިހާބަށް ދެން މި އޮތީ ގާތްގަނޑަކަށް 15 ވަރަކަށް ދުވަހެވެ.

ކުރިމަތީގައި މި އޮތީ، ދެ ނަމެކެވެ. މިހާރުވެސް ވެރިކަން ކުރާ ޕީޕީއެމްގެ ފަރާތުން ނިކުމެވަޑައިގެން ހުންނެވީ ރައީސް ޢަބްދުﷲ ޔާމީން އެވެ. އެމަނިކުފާނު މި ހުންނެވީ ފަސް އަހަރުގެ އިތުރު ދައުރެއް ކަށަވަރުކުރެއްވުމުގެ މަސައްކަތުގަ އެވެ. ދެން ހުންނެވީ އިދިކޮޅު ހުރިހާ ޕާޓީއެއް ތަމްސީލް ކުރައްވާ އިދިކޮޅު ޕާޓީތަކުގެ ޕީޖީ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހު، އިބޫ އެވެ. ރިޔާސީ ރޭހަށް އާ ބޭފުޅެކެވެ.

ރިޔާސީ އިންތިހާބު ކުޑަތަންވެގެން އަންނަ ވަރަކަށް ކެމްޕޭން ފޯރި މިދަނީ ދުވަހެއް ދުވަހަކަށް ވުރެ ވަރުގަދަވެ އަޑުގަދަވަމުން އެވެ. ދެފަރާތުގެ ސަޕޯރޓަރުން ވެސް މި ގެންދަނީ، ބަހުގެ ހޫނު ހަމަލާތަކެއް ރައްދު ކުރަމުން އެވެ. ކެންޑިޑޭޓުންނަށް ސަޕޯޓްހޯދުމަށް ދޮރުން ދޮރަށް ހިނގުމާއި ކެނޑިނޭޅި ރަށްރަށަށް މިގެންދަނީ ދަތުރުތައް އަޅަމުން އެވެ. މިހާރު ރައްޔިތުންނަށް އޮތް ސުވާލަކީ މި ދެ ނަމުން ހޮވާނީ ކޮން ބޭފުޅެއް ހެއްޔެވެ؟

ސައިލެންޓް މެޖޯރިޓީގެ ބާރުގަދަ

ރާއްޖޭގެ އާބާދީގެ ބޮޑުފަޅި، ނުވަތަ ގިނަ މީހުންނަކީ، ސިޔާސީ ފިކުރު ނޫނީ ބުރަވާ ގޮތް ފާޅުގައި ހާމަކުރާ ބައެއް ނޫނެވެ. އާބާދީގެ ބޮޑުބައެއް ސިޔާސީ ޕާޓީއެއްގެ ދަފްތަރުގައި ނެތުމަކީ އޭގެ ފުރިހަމަ ހެއްކެކެވެ. މާނައަކީ އާބާދީގެ ބޮޑު ބަޔެއް ތިބެނީ ސިޔާސީ ގޮތުން ހިނގާ ކަންކަމާ ދުރުގައި ހަމައެކަނި ކުޅިބަލާށެވެ. އެހެން ނަމަވެސް، އިންތިހާބަކަށް އަންނަ އިރު އެ މީހުންގެ ބާރުގަދަ އެވެ. ސިޔާސީ ވާހަކަ ނުދައްކާ ގޭގައި މަޑުން ތިބޭ މީހުން ނިންމާ ގޮތަކަށް ނަތީޖާ ފުރޮޅި މުޅި މަންޒަރު ބަދަލުވެ އެވެ.

ސިޔާސީ ތަޖުރިބާކާރަކު ވިދާޅުވި ގޮތުގައި، ވޯޓްލުމުގެ ކުރިން ސައިލަންޓް މެޖޯރިޓީ މައިގަނޑު ގޮތެއްގައި ދެ ކަމަކަށް ބަލާނެ އެވެ. އެންމެ ކުރިން ބަލަނީ، އެބޭފުޅެއްގެ ސިޔާސީ ދާއިރާގެ ޓްރެކް ރެކޯޑަށާއި ސިޔާސަތުތަކަށެވެ. އޭގެ ތަފްސީލް ދެއްވަމުން އޭނާ ވިދާޅުވީ، ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތް ކުރުން އަދި އުމްރާނީ ތަރައްގީގެ ސިޔާސަތުތަކަށް އާންމުން ބަލާ ކަމަށެވެ. ސައިލަންޓް މެޖޯރިޓީ އިން ވޯޓްކަރުދާހުގައި ފާހަގަ ޖެހުމުގެ ކުރިން ދެން ބަލަނީ، ކެންޑިޑޭޓާ މެދު، ވަށައިގެން އުޅޭ މީހުން ދައްކާ ވާހަކަތަކާއި މުޅި މުޖުތަމައުގައި އޭނާއާ މެދު އޮތް ތަސްވީރަށެވެ.

މި ބޭސިސްއަށް ބަލައިގެން މިއަހަރުގެ ރިޔާސީ ރޭހުގައި ތިއްބެވި ދެ ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީން އާއި
އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ އަޅާ ކިޔަން ހިނގާށެވެ.

ރައީސް ޔާމީން: ވަރުގަދަ ޓްރެކް ރެކޯޑެއް

ރައީސް ޔާމީނަކީ ރައީސް މައުމޫންގެ ޒަމާންވީ ދިގު ވެރިކަމުގައި އެންމެ ދަށް ވަޒީފާތަކުން ފެށިގެން ގޮސް، ސަރުކާރުގެ ތަފާތު ގިނަ މުހިންމު މަގާމު ތަކެއް ފުރުއްވި ބޭފުޅެކެވެ. ހާއްސަކޮށް އިގްތިސާދީ ވަޒީރުކަމާއި ސަރުކާރުގެ ބޮޑެތި ކުންފުނިތައް ހިންގުމުގެ ޒިންމާ އެމަނިކުފާނު އަދާ ކުރެއްވި އެވެ. ސަރުކާރުގެ ރަސްމީ ލިޔެކިޔުންތަކަށް ބަލާއިރު، ރައީސް ޔާމީންގެ ވަޒީރުކަމުގައި އެމަނިކުފާނުގެ އިރުޝާދުގެ ދަށުން ސަރުކާރު މުވައްޒަފުންގެ ބޭސްފަރުވާގެ އިންޝްއަރެންސް ސްކީމް، "މަދަނަ" ތައާރަފްކުރެއްވި އެވެ. ފަހުން އެ ސްކީމް އާސަންދައަށް ފުޅާވެ، ތަރައްގީވެ އެންމެ ފަހުން އެމަނިކުފާނުގެ ވެރިކަމުގައި މިހާރު ވަނީ ހުސްނުވާ އާސަންދައަށް މި ނިޒާމް ބޮޑުވެފަ އެވެ. ގައުމީ އެއާލައިން އައިލެންޑް އޭވިއޭޝަންގެ ހިޔާލު ފުޅާވީ ވެސް އެމަނިކުފާނު އިސްވެރިއެއްގެ ގޮތުގައި ހުންނަވައިގެން އެވެ. އެސްޓީއޯއަށް އައި ޒަމާނީ ބަދަލުތަކުގެ ތެރޭގައި އިސް ދައުރެއް އަދާކުރެއްވި އެވެ.

އެއަށް ފަހު އެމަނިކުފާނަށް ވެރިކަން ލިބިވަޑައިގަތުމުން، ބޮޑެތި އުމްރާނީ މަޝްރޫއުތަކެއް ކުރު މުއްދަތުގައި ނިންމާލެއްވި އެވެ. އެމަނިކުފާނުގެ ޓްރެކް ރެކޯޑްގެ ތަރައްގީގެ ބާބުގެ ކުރީގައި އޮތީ، ސިނަމާލެ ބްރިޖާއި ދަރުމަވަންތަ ހޮސްޕިޓަލް އަދި ޒަމާނީ އެންމެ ބޮޑެތި ފްލައިޓްތައް ޖެއްސޭނެ އެއާޕޯޓްގެ އާ ރަންވޭ އެވެ.

އެމަނިކުފާނުގެ މި ބޮޑެތި މަސައްކަތްތަކަށް ހިޔަނި އެޅެން ދިމާވަނީ، އެމަނިކުފާނުގެ ވެރިކަމުގެ ތެރޭގައި ހިނގި އެމްއެމްޕީއާރުސީގެ އެއް ބިލިއަން ރުފިޔާގެ ހިޔާނާތެވެ. އަދި ސިޔާސީ ގިނަ ބަޔަކު ޖަލުގައި ހައްޔަރުވުމަކީ ވެސް މި
މަޝްރޫއުތަކުގެ މުހިންމުކަން ބަޔަކަށް ގަބޫލުކުރަން އުނދަގޫވާ ކަމެކެވެ. ނަމަވެސް ހަގީގަތަކީ އުމްރާނީ ބޮޑެތި މަޝްރޫއުތަކަކީ އިގްތިސާދަށް ހިޔާ ލިބޭނެ ގަހަކަށް ވާނެ ކަމެވެ.

އިބޫ: ސަރުކާރު ހިންގުމަށް އާ ނަމެއް، ސުވާލުތަކެއް

އިބްރާހީމް މުހައްމަދު ސޯލިހަކީ އަކީ ސަރުކާރުގެ އިސް މަގާމެއް ފުރުއްވާފައިވާ ބޭފުޅެއްނޫނެވެ. ނަމަވެސް ރައްޔިތުން މަޖިލީހުގައި 25 އަހަރު ހޭދަކުރައްވައި ސިޔާސީ ތަޖުރިބާތަކެއް އެމަނިކުފާނު ހޯއްދެވި އެވެ. އަދި އަމިއްލަ ވިޔަފާރީގައި އުޅުއްވައި އެ ދާއިރާއިން ތަޖުރިބާ ވަނީ ހޯއްދަވައިފަ އެވެ. އެމަނިކުފާނަކީ އިދިކޮޅު ޕާޓީތަކުގެ ޕީޖީ ލީޑަރެވެ. އަދި ތަފާތު ސިޔާސީ ހިޔާލުތަކުގެ ބޭފުޅުންނާ އެކު، މި ސަރުކާރާ ދެކޮޅަށް އުފެދުނު ބޮޑު ކޯލިޝަން އުފެދިގެން އައީވެސް އިބޫގެ މޭސްތިރިކަމުގެ ތެރެއިން އެވެ.

އެހެން ނަމަވެސް، އެމަނިކުފާނު މަޖިލީހުގައި ހޭދަކުރެއްވި އިރު، މުހިންމު ބިލެއް އަދި ކުރެއްވި ސިޔާސީ މަސައްކަތްތަކެއް އާންމުންނަށް ތިލަވެފައެއް ނުވެ އެވެ. އެމަނިކުފާނު ފެނުނީ މަޑުމައިތިރި ބޭފުޅެއްގެ ގޮތުގަ އެވެ. ސިޔާސީ ގިނަ ކަންކަން ހައްލު ކުރެއްވުމުގައި އެމަނިިކުފާނަކީ މަޝްވަރާގެ މެދުވެރިއެއްގެ ރޯލު އަދާކުރެއްވި އެވެ. އެގޮތުން ސަރުކާރުން އިސްނަގައިގެން ކުރިއަށް ދިޔަ، އޯލްޕާޓީ ޓޯކްސްގައި އެމްޑީޕީގެ މަންދޫބަކީ އިބޫ އެވެ. އެކަމަކު ތަފާތު ސަބަބުތަކާ ހެދި އެ މަޝްވަރާތައް ކޮޅެއްގައި ޖެހޭ ގޮތެއް ނުވެ އޮތީ ހުއްޓިފަ އެވެ.

އިބޫ މޭކެޓް ކުރަނީ، އެމަނިކުފާނަކީ ފަސްބައިގައި ކިލަބުކަމެއް ނެތް ސިޔާސީ ތަޖުރިބާކާރެއްގެ ގޮތުގަ އެވެ. މަޑުމައިތިރި އެންމެންނާ ގުޅޭ ހިތްހެޔޮ މިޒާޖެއްގެ ބޭފުޅެއްގެ ގޮތުގަ އެވެ. އިދިކޮޅު ފަރާތްތަކުން އާންމުންނަށް ނެރެ ދައްކަނީ، "ސޯލިހެކެވެ" އެމަނިކުފާނުގެ ޓްރެކް ރެކޯޑް އިދިކޮޅު ޕާޓީތަކުން އާންމުންނަށް ބުނެދެނީ ސާފުކޮށްފަ އެވެ. އެކަމަކު އިބޫ ރައްޔިތުންނަށް މާކެޓް ކުރަން އެޅޭ ހުރަހަކީ އަމިއްލަ ބާރެއް ނެތް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ، "ޕަޕެޓަކަށް" އެމަނިކުފާނު ވެދާނެ ކަމުގެ ބިރެވެ. އެހެން އެކަން ވަނީވެސް މަންޒަރު ފެންނަ ގޮތުން އެވެ. އެމަނިކުފާނާއި ނަޝީދާ މެދު އޮންނަ ގާތްގުޅުމާއި ނަޝީދުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ބަސް ވިދާޅުވާން އަވަސްވެ ގަތުމުން ފެންމަތިވާ ސުވާލަކީ، ވެރިކަމަށް ހޮވިއްޖެ ނަމަ އިބޫ ވާނީ ރައްޔިތުންގެ މީހަކަށް ހެއްޔެވެ؟

ރިޔުާސީ ރޭހަށް މަޖިލީހުގެ ތެރެއިން

މި ދެބޭފުޅުން ވެސް މަޖިލީހުގައި ގިނަދުވަހު މަސައްކަތް ކުރައްވައި ގިނަތަޖުރިބާ ތަކެއް އެބަ ހުންނެވި އެވެ. އިބޫ ވަނީ މަޖިލީހުގައި ޅ. އަތޮޅު ގެ ގޮނޑި ތިން ދައުރު ފުރުއްވައިފަ އެވެ. އަދި ހިންނަވަރު ދާއިރާގެ ގޮނޑި ފުރުއްވާތާ މިހިނގަމުންދަނީ ދެވަނަ ދައުރެވެ.

ރައީސް ޔާމީން އަކީ ރައްޔިތުންގެ މަޖިލީހުގައި ހަމަ އެހާމެ ގިނަ ދުވަހު މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެގޮތުން މަޖިލީހުގެ ނ އަތޮޅުގެ ގޮނޑި 18 އަހަރު ފުރުއްވައި އަދި މަޖިލީހުގެ މުލަކު ދާއިރާގެ ގޮނޑީގައި އެއް ދައުރު ފުރިހަމަ ކުރެއްވި އެވެ. އެމަނިކުފާނު ވެރިކަމަށް އިންތިހާބުވި އިރު، އެއީ މަޖިލީހުގެ ޕީޕީއެމް ޕާރލިމެންޓްރީ ގުރޫޕްގެ ލީޑަރެވެ.

ހިތްހަރު ވެރިއަކާއި، ހިތްތިރި ވެރިއެއް

ރައީސް ޔާމީން ލޭބަލް ވެފައި މި އޮތީ "ގަޓް ރައީސް"އެއްގެ ގޮތުގަ އެވެ. އެމަނިކުފާނުގެ ކެމްޕޭން ޓީމުން އެންމެ ބާރުލާފައި ވިދާޅުވަނީ، ރައީސް ޔާމީން ވަނީ، ގާނޫނު ހިންގުމުގައި ނަމޫނާ ދައްކަވާފައިކަމަށެވެ. ރާއްޖޭގައި މިހާތަނަށް އެއްވެސް ވެރިޔަކަށް، ހުރިހާ އެންމެންގެ މައްޗަށް ހަމަހަ ކޮށް ގާނޫނު ހިންގިފައި ނުވާކަމަށް އެބޭފުޅުން ވިދާޅުވެ އެވެ. ނަމަވެސް ރައީސް ޔާމީން އެކަން ބަދަލުކޮށްލެއްވި ކަމަށް ބުނާ ބަޔަކު އެބަ ތިއްބެވެ.

އެފަދަ ފަރާތްތަކުން މިސާލަކަށް ނަގަނީ، އެމަނިކުފާނުގެ ނައިބު ރައީސް އަހުމަދު އަދީބު އަދި ބޭބޭފުޅު، ރައީސް މައުމޫންގެ މައްޗަށް އެމަނިކުފާނުގެ ވެރިކަމުގައި ޝަރީއަތްތަކެއް ހިންގުމެވެ. އެއް ބަޔަކަށް އެއީ އަނިޔާވެރިކަމުގެ ލާމަސީލު މިސާލުތަކެވެ. އެކަމަކު އަނެއް ބަޔަކު އެކަންކަން ތަރުޖަމާ ކުރަނީ، އެއީ ގާނޫނީ ވެރިކަމެއް ހިންގުމުގެ މުހިންމު ދަލީލުތަކުގެ ގޮތުގަ އެވެ.

ރައީސް ޔާމީން އަކީ ގޮތް ދޫނުކުރައްވައި ހަރުކަށި ވެރިއެއްގެ ގޮތުގައި ވެސް ބައެއް ފަރާތްތަކުން ލޭބަލް ކުރާ ސަބަބުތަކެއް ވެސް އެބަ ހުއްޓެވެ. ބޭރުގެ ގައުމުތަކަށް ބީރު ކަންފަތެއް ދެއްވައި، މަރުގެ ހުކުމް ތަންފީޒު ކުރެއްވުމަށް އެމަނިކުފާނު ވައުދުވެ ވަޑައިގަންނަވަ އެވެ. އަދި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ބިރާ އެކުވެސް އެމަނިކުފާނު ހުންނަނީ ގޮތް ދޫކުރައްވާ ގޮތަކަށް ނޫނެވެ. ފަލަސްތީނު ދިފާއުގައިވެސް، ރައީސް ޔާމީން އަޑުއުފުއްލަވަ އެވެ. ހުޅަނގުގެ ގައުމުތަކާ ފެޔަށް ޖެހިވަޑައިގަތް، އިސްލާމީ ދުނިޔޭގެ ބައެއް ގައުމުތަކާ އެކު ވަރުގަދަ ގުޅުންތައް އުފައްދަވަ އެވެ. މި ހުރިހާ ސަބަބުތަކެއް ޖުމްލަކޮށްފައި އެމަނިކުފާނަށް "ހުތުހުމުތާރު"ގެ ލަގަބު ދޭ ބަޔަކު ވެސް އެބަތިއްބެވެ.

އިބްރާހީމް މުހައްމަދު ސޯލިހު ފާހަގަ ވަނީ، މަޑުމައިތިރި ބޭފުޅެއްގެ ގޮތުގަ އެވެ. ރައްޔިތުންގެ މަޖިލީހުގައިވެސް މާ އަޑުގަދަ ބޭފުޅެއްގެ ގޮތުގައި ނުފެނެ އެވެ. އަދި ދާއިރާއަށް ވެސް އެމަނިކުފާނުގެ ހިދުމަތް ފާޅުގައި ނުފެނެ އެވެ. އެކަމަކު އެއްބަޔަކު ބުނަނީ ރާއްޖޭގެ ވެރިކަން ކުރެވޭނީ ހަރުކަށި ވެގެން ކަމަށެވެ. މި މިޒާޖާ އެކު ހިޔާލު ތަފާތު އެތައް ބަޔަކާ އެކު އުފައްދާ ކޯލިޝަން ސަރުކާރެއް އިބޫއަށް ދިގު ދަންމާލެވޭނެ ކަމާ މެދު ސުވާލުތައް އެބަ އޮތެވެ.

ވޯޓް ކަރުދާހުގައި ފާހަަގަ ޖެހުމުގެ ކުރިން މި ކަންކަމަށް ބަލާފައި ނޫނީ އެއްވެސް ނަމަކާ ދިމާލުގައި ހެޔޮ ފާހަގަ ޖެހުމަކީ
ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. ދިގު މުއްދަތުގައި، ގައުމަށް އެންމެ މަންފާ ކުރާނެ ގޮތަކަށް ވިސްނައި ވޯޓް ދިނީމާ ހުންނާނީ ރަނގަޅަށެވެ. ހަރުދަނާ ބަދަހި ވެރިކަމެއް އޮވެގެންނޫނީ، ޤައުމުގައި ހަމަޖެހުމެއް ނޯންނާނެ ކަމާ މެދު ދެބަސްވާނެ ޖާގައެއް ނެތެވެ.