ބޮލީވުޑް

ފާޑުކިޔުންތަކާއެކު ވެސް "ދިލް ދަޅަކްނޭ ދޯ"ގެ ވިޔަފާރި ރަނގަޅު

Jun 8, 2015

ބޮލީވުޑްގެ މަޝްހޫރު ގިނަ ތަރިންތަކެއް ހިމަނައިގެން ޑައިރެކްޓަރު ޒޯޔާ އަޚްތަރު އުފެއްދި ފިލްމު "ދިލް ދަޅަކްނޭ ދޯ" އަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުން ދަނިކޮށް ވަނީ ހުކުރު ދުވަހު ސިނަމާތަކުގައި ދައްކަންފަށާފަ އެވެ.

މިއަހަރުގެ މިހާތަނަށް މާބޮޑު ކާމިޔާބީތަކެއް ހޯދުނު ފިލްމުތަކެއް ފެނިގެންގޮސްފައިނުވާއިރު، މިދިޔަ މަހުގައި ރިލީޒްކުރެވިގެން ދިޔަ "ޕީކޫ" އާއި"ތަންނޫ ވެޑްސް މަންނޫ ރިޓާންސް" އަށް ވަނީ ބޮޑު ކާމިޔާބީއެއް ލިބިގެންގޮސްފަ އެވެ.  

އެހެންކަމުން ބޮލީވުޑްގެ އޭ ލިސްޓް ގިނަ ތަރިންތަކެއް ހިމަނައިގެން ބޮޑު ބަޖެޓަކުން އުފައްދާފައިވާ މިފލްމުގެ ޕްރޮމޯޝަންސްތައް ފެށުމާއިއެކު ބެލުންތެރިން މިފިލްމާއި މެދު ކުރަމުންދިޔަ އުންމީދުތައް ބޮޑެވެ. އެހެންނަމަވެސް، ހުކުރު ދުވަހު މިފިލްމު ސިނަމާތަކުގައި ދައްކަން ފަށާފައިވާއިރު، ފާޑުކިޔާފަރާތްތަކާއި ބެލުންތެރިންގެ ފަރާތުން ފިލްމާއި ބެހޭގޮތުން މާރަނގަޅު ވާހަކަތަކެއް ދައްކާފައެއް ނުވެ އެވެ.

އަނިލް ކަޕޫރު، ޝެފާލީ ޝާހް، ޕްރިޔަންކާ ޗޯޕްޅާ، ރަންވީރު ކަޕޫރު، ފަރްހާން އަޚްތަރު އަދި އަނުޝްކާ ޝަރްމާ މުހިންމު ރޯލުން ފެނިގެންދާ މިފިލްމު ބޮކްސް އޮފީހުގައި އަރަގުވާނެ ކަމަށް ބުނަމުން ދަނިކޮށް ދެދުވަހުގެ ދުވަހުގެ ތެރޭގައި ވަނީ 22.80ކްރޯޑް (228 މިލިއަން) ރުޕީޒް ލިބިފަ އެވެ.

ފިލްމު ރިލީޒްކުރި ދުވަހާއި އަޅާ ބަލާއިރު މިއީ ރަނގަޅު އަދަދެއްކަމަށް ޓްރޭޑް އެނަލިސްޓް ތަރަން އަދާޝް ވަނީ ބުނެފަ އެވެ.

85ކްރޯޑްގެ ބޮޑު ބަޖެޓަކުން އުފައްދާފައިވާ މިފިލްމަށް ފުރަތަމަ ދުވަހު 10.53 ކްރޯޑް (153 މިލއަން ރުޕީޒް) ލިބިފައިވާއިރު، ގިނަ ބަޔަކު ވަނީ މިއީ މިފަދަ ބޮޑު ބަޖެޓަކުން އުފައްދާފައިވާ ފިލްމަކަށް އެންމެ ރަނގަޅު އަދަދެއް ނޫންނަމަވެސް، މިފިލްމު ވަނީ މިއަހަރުގެ މިހާތަނަށް ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން ފުރަތަމަ ދުވަހު ތިންވަނައަށް އެންމެ ގިނަ އާމްދަނީ ލިބުނު ފިލްމަށް ވެގެން ގޮސްފަ އެވެ.މީގެއިތުރުން ވެސް މފިލްމަށް ވަނީ އެންމެ ފަހުން ރިލީޒްކުރި ކަންގަނާ ރަނާވަތު އާއި އާރް މާދަވަން ލީޑްރޯލުން ފެނިގެންދާ "ތަންނޫ ވެޑްސް މަންނޫ ރިޓާންސް" އަށް ފުރަތަމަ ދުވަހު ލިބުނު އާމްދަނީ އަށް ވުރެން ގިނައިން ލިބިފަ އެވެ.

މީގެކުރިން މިފިލްމަށް ފުރަތަމަ ދުވަހު އިންޑިއާއިން ލިބުނު އާމްދަނީ ހިިއްސާކުރަމުން ޓްރޭޑް އެނަލިސްޓް ތަރަން އަދާޝް ކުރި ޓްވީޓެއްގައި ވަނީ ކުރިއަތް އޮތް ހަފްތާ ބަންދުގައި މިފިލްމު ރަނގަޅަށް ހިނގައިގެން ނޫނީ ރަނގަޅު އެއްޗެއް ލިބުން ދަތި ކަމަށްބުނެފަ އެވެ.

ހުކުރު ދުވަހު ފިލްމު ރިލީޒްކުރެވުމާއިއެކު ގިނަބައެއްގެ ފާޑުކިޔުންތައް ލިބިގެންގޮސްފައިވާއިރު، މަޝްހޫރު ގިނަ ތަރިންތަކެއް މިފިލްމުގައި ހިމެނުމުގެ ސަބަބުން ފިލްމު ބަލަން ކުރިއަށް އޮތް ހަފްތާގައި މީހުން ވަނުން އެކަށީގެންވާ ކަމަށްވެ އެވެ.

އިންޑިއާއެކު ދުނިޔޭގެ އެކި ގައުމުތަކުގައިވެސް މިފިލްމު އެދުވަހު ދައްކަންފަށާފައިވާއިރު، ދެދުވަހުގެ ތެރޭގައި ބޭރުގެ މާކެޓްތަކުން ވަނީ 3.45 ކްރޯޑް (345 މިލިއަން) ރުޕީޒް ލިބިފަ އެވެ. 

ގިނަބައެއްގެ ހިތްތަކުން ޖާގަ ހޯދާފައިވާ "ޒިންދަގީ ނާ މިލޭގީ ދޮބާރާ" އާއި "ލަކް ބައި ޗާންސް" ޑައިރެކްޓްކޮށްފައިވާ ޒޯޔާ މިފިލްމުން ބެލުންތެރިން ޖާދޫގައި ޖެއްސުމަށް ނުކުޅެދިފައިވާކަމަށް ވެސް ގިނަ ފަރާތްތަކަކުން ވަނީ ބުނެފަ އެވެ.

އިންޑިއާގެ ޕަންޖާބަށް ނިސްބަތްވާ އާއިލާއެއްގެ ތެރޭގައި ހުންނަ ހަމަނުޖެހޭ ކަންތައްތަކެއް ދައްކުވާއިދޭ މިފިލްމުގައި އަނިލް ކަޕޫރުއާއި ޕްރިޔަންކާ ޗޯޕްޅާގެ އެކްޓިންއަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފަ އެވެ. އަދި ރަންވީރު ސިންގް އާއި އަނުޝްކާ ޝަރްމާގެ ކެމިސްޓްރީ ގިނަބަޔަކަށް ކަމުދިޔަ ނަމަވެސް، ރަންވީރުގެ އެކްޓިން އޯވާ ކަމަށްވެސް ގިނަ ފާޑުކިޔުންތެރިން ވަނީ ފާހަގަކޮށްފަ އެވެ.

އިޓަލީ އާއި ތުރުކީ އަދި ފްރާންސްގައި ވެސް މުހިންމު މަންޒަރުތަކެއް ނަގާފައިވާ މިފިލްމަށް ބޮކްސް އޮފީހުގެ ގަދަ ކަނޑުގައި ދަތުރުކޮށް ސަލާމަތުގެ އައްސޭރިއަކަށް ދެވޭތޯ ނުވަތަ އަރަގު ވޭތޯ މިހަފްތާގެ ތެރޭގައި އިނގޭނެ އެވެ.