ހަބަރު

އިންތިހާބަށް ހުރަސް އަޅަން ނުރައްކާތެރިކަންކަން ހިންގަން އެބަ ރާވާ: ފުލުހުން

16

އަންނަ ރިޔާސީ އިންތިހާބަށް ހުރަސްއެޅުމުގެ ގޮތުން، މާލެ އާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިންގުމަށް ބަޔަކު ރާވަމުން އަންނަ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށާއި އެފަދަ ކަންކަން ހުއްޓުވަން ފުލުހުން އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފި އެވެ.

ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން މިއަދު އިސްކަންދަރު ކޮށީގައި މީޑިއާތަކަށް ދެއްވި ސްޓޭޓްމަންޓެއްގައި ވިދާޅުވީ، އަންނަ ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ނޫން ކަމަށް ދެއްކުމުގެ ގޮތުން މާލެ އާއި އަތޮޅުތަކުގައި ނުރައްކާތެރި ކަންތައްތަކެއް ހިންގުމަށް އެކި ފަރާތްތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ބައެއް ތަންތަނުގައި ހުޅުޖަހައި ރޯކޮށް އާންމުންގެ މުދަލާއި ފުރާނައަށް ގެއްލުން ދިނުމަށް ރާވަމުން އަންނަކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށާއި ތަހުގީގުތަކަށް ލިބިފައިވާ ކަމަށެވެ.

"ގާނޫނީ ގޮތުން ފުލުހުންނަކީ މި ގައުމުގެ އެންމެ މަތީ މަސްލަހަތު ހިމާޔަތް ކުރަން ތިބި ފަރާތްތައް. އެހެން ކަމުން އެފަދަ އަމަލުތައް ރާވާ ފަރާތްތަކަށް އެފަދަ ކަންކަން ނުކުރުމަށް އަޅުގަނޑުމެން ނަސޭހަތްތެރިވަން. އަދި އެފަދަ ކަންތައްތައް ރާވައި ފަރާތްތައް ހޯދައި އެފަދަ ކަންކަމަށް ވާގިވެރިވާ ފަރާތްތަކާ މެދު ވެސް، ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅު ދިވެހިން ފުލުހުން އަޅާނެވާހަކަ ދަންނަވާލަން،" ޝިފާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މީގެ ކުރިން ހިނގާފައިވާ ފަދަ ނުރައްކާތެރި ބައެއް ކަންކަން ތަކުރާރުކުރުމަށް ބައެއް ފަރާތްތަކުން ދަނީ ރާވަމުން އެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުމަށް ފަހު، ފެބުރުއަރީ 2012 ގައި ހިނގިފަދަ ހުޅުޖެހުމާއި އާންމުންގެ މުދަލަަށް ގެއްލުން ދިނުމުގެ ހަރަކާތްތަކެއް ތަކުރާރު ކުރަން ރާވަމުން ދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ޝިފާން ވިދާޅުވި އެވެ. އެކަމުގެ ބޭނުމަކީ ޝިފާން ވިދާޅުވި ގޮތުގައި، ރާއްޖޭގައި ބާއްވާ އިންތިހާބަކީ މިނިވަން އަދި އިންސާފުވެރި އިންތިހާބެއް ނޫންކަން ދެއްކުމަށް ހިންގާ އަމަލުތަކެކެވެ.

"އެނގިވަޑައިގަންވާނޭ ފަދައިން، 2012 ވަނަ އަހަރުގެ ފެބުރުއަރީ އަށްވަނަ ދުވަހު ދައުލަތާއި ފުލުހުންނާއި އަދި އާއްމު ބައެއް ފަރާތްތަކުގެ އަގުބޮޑު މުދާ ރޯކޮށް އެފަރާތްތަކުގެ މުދަލަށްވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ދީފައި. މިފަދަ ޢަމަލުތަކެއް ތަކުރާރުކޮށް ރިޔާސީ އިންތިހާބަކީ މިނިވަން އަދި އިންސާފުވެރި އިންތިހާބެއް ނޫންކަން، ބޭރުގެ ބައެއް ފަރާތްތަކަށް ދެއްކުމަށްޓަކައި މިފަދަ އަމަލުތައް ތަކުރާރު ކުރުމަށް ބައެއް ފަރާތްތަކުން ރާވާ އަދި މިކަންކަން ކުރުމުގެ ބައެއް މަސައްކަތް ކުރަމުންދާ ވާހަކަ ދަންނަވަން" ޝިފާން ވިދާޅުވި އެވެ.

މީގެ އިތުރަށް ޝިފާން ވިދާޅުވީ، އިންތިހާބުގެ ނަތީޖާ ނިކުންނަ ގޮތަކުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނުރައްކާތެރި ކަންތައްތަކެއް ހިންގުމަށް ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. މިފަދަ އެއްވެސް ކަމަކަށް ފުރުސަތެއް ނުދޭނެ ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.

"މިފަދަ ކަންކަން ކުރުމުގައި ބައިވެރިވާ އަދި އެކަންކަން ކުރުމަށް އެހީތެރިވާ، އެކަންކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އަޅާނެ،" ޝިފާން ވިދާޅުވި އެވެ.