ދުނިޔެ

މާސް ޖެހިގެން ދެކުނު ކޮރެއާގައި ފަސް މަރު، އެކަމަކު އޮފިޝަލުން "ކޯޅެނީ"

Jun 8, 2015

ނޭވާލާ ނިޒާމަށް ޖެހޭ މިޑްލް އީސްޓް ރެސްޕިރޭޓަރީ ސިންޑްރޯމް (މާސް) ޖެހޭ މިންވަރު ދެކުނު ކޮރެއާގައި ހުއްޓުމެއް ނެތި މައްޗަށް ދަމުން ދާއިރު، އެ ބަލި ޖެހިގެން އެ ގައުމުން މަރުވި މީހުންގެ އަދަދު ފަހަކަށް އަރައިފި އެވެ. އެއާ އެކު، މާސް ފެތުރުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތާ ގުޅޭ ގޮތުން އެ ގައުމުގެ ސަރުކާރުގެ އޮފިޝަލުންގެ މެދުގައި ވަރުގަދަ ބަހުގެ ހަމަލާތަކެއް ވެސް ވަނީ ބަދަލުކޮށްފަ އެވެ.

މި ދެބަސްވުންތައް ފެށުނީ މާސްގެ އަލާމާތްތައް ފެނިގެން އެކަހެރިވެ ހުރުމަށް އަންގާފައި ހުރި ޑޮކްޓަރަކު މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު މަސައްކަތަށް ނުކުމެ، ބައްދަލުވުމެއްގައި ބައިވެރިވެފައިވާ ކަމަށް ވެރިރަށް ސޯލްގެ މޭޔަރު ޕާކް ވޮންސޫން މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވުމުންނެވެ. އެކަމާ ގުޅޭ މައުލޫމާތު މައި ސަރުކާރުން އެންމެ އެދެވޭ ގޮތެއްގައި އާއްމުންނަށް ފޯރުކޮށްދެމުން ނުދާ ކަމަށް ވިދާޅުވެ، މޭޔަރު ވަނީ މައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އެ ވާހަކަތައް ދޮގުކުރައްވައި، ދެކުނު ކޮރެއާގެ ހެލްތު މިނިސްޓަރު މޫން ހިއުންގްޕޯ ވަނީ ވަރުުގަދަ ރައްދެއް ދެއްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެފަދަ ވާހަކަތަކުގެ ސަބަބުން އާއްމުންގެ ތެރޭގައި އިތުރަށް ބިރުވެރިކަން އުފެދި، މާސް ފެތުރުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކާ މެދު އާއްމުން ޝައްކުކުރަން ފަށާނެ އެވެ.

"ސޯލްގެ ސިޓީ [ކައުންސިލްގެ] އެ ވާހަކަތަކުގައި ދޮގު މައުލޫމާތު ވެސް ހިމެނޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މާސް ޖެހިގެން ދެކުނު ކޮރެއާގައި ފަސް ވަނަ މީހަކު އިއްޔެ މަރުވެފައި ވާއިރު، އެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 65 އަށް އަރާފަ އެވެ. އަދި އެ ބަލީގެ އަލާމާތްތައް ފެނުނު ދެ ހާހެއްހާ މީހުން ވަނީ ކަރަންޓީނުކޮށްފަ އެވެ.

މިއީ މެދުއިރުމަތި ނޫން ސަރަހައްދެއްގެ ގައުމެއްގައި މިހާ ގިނަ އަދަދެއްގެ ބަޔަކަށް މާސް ޖެހުނު ފުރަތަމަ ފަހަރެވެ.

އެއާ އެކު، ދެކުނު ކޮރެއާގެ 700 އަށް ވުރެ ގިނަ ސްކޫލް ވަނީ ބަންދުކޮށްފަ އެވެ. އަދި ވެރިރަށް ސޯލްގައި ގިނަ ބަޔަކު ބޭރަށް ދަނީ މޫނުމަތި އަޅައިގެންނެވެ. މީގެ އިތުރުން، އެކި ގައުމުތަކުގެ 7،000 އަށް ވުރެ ގިނަ ޓޫރިސްޓުން ވަނީ އެ މީހުންގެ ބުކިންސް ކެންސަލްކޮށްފަ އެވެ. ދެކުނު ކޮރެއާގެ ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެއް ފަހަރާ އެހާ ގިނަ އަދަދެއްގެ ބަޔަކު މީގެ ކުރިން ބުކިންސް ކެންސަލްކޮށްފައެއް ނުވެ އެވެ.

މިހާތަނަށް އެއްވެސް ފަރުވާއެއް ހޯދިފައި ނުވާ މާސް ޖެހިގެން ދެކުނު ކޮރެއާގައި ފުރަތަމަ ފަހަރަށް ބަޔަކު މަރުވީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެވެ. އުމުރުން 58 އަހަރުގެ އެ އަންހެން މީހާ އަކީ ދެ ވަނަ އަށް މަރުވި 71 އަހަރުގެ ފިރިހެން މީހާއާ ބައްދަލުވެފައި ހުރި އަންހެނެކެވެ. މި ބަލި ޖެހިގެން ފުރަތަމަ ފަރުވާ ހޯދަން ފެށީ މެދުއިރުމައްޗަށް ދަތުރުކޮށްފައި ހުރި އެ ފިރިހެން މީހާ އެވެ.

ދެކުނު ކޮރެއާގައި މާސް ބަލި ފެތުރެން ފަށާފައި މި ވަނީ، މި ބަލި ޖެހިފައިވާ މީހަކު ފުރަތަމަ ފަހަރަށް ޗައިނާ އިން ފެނުނުތާ މާ ގިނަ ދުވަހެއް ނުވެ އެވެ. މެދުއިރުމައްޗަށް ދަތުރުކޮށްފައި ހުރި ދެކުނު ކޮރެއާގެ އެ މީހާ ދެކުނު ކޮރެއާ އިން ޗައިނާގެ ހޮންގް ކޮންގަށް ދިޔައީ އޭސިއާނާ އެއާލައިންގެ ފްލައިޓެއްގަ އެވެ. އެ އަށް ފަހު، ބަހަކަށް އަރައިގެން ޗައިނާގެ ދެކުނުގައި އޮންނަ ގުއަންޑަންގް ޕްރޮވިންސްގެ އަވަށެއް ކަމަށްވާ ހުޒޫ އަށް އޭނާ ދިޔަ ކަމަށް ވެ އެވެ. އެ އަވަށުގެ ހޮޓަލެއްގައި ހުރި އެ މީހާ އަށް މާސް ޖެހިފައިވާކަން އެނގުނީ ބަލިވެގެން ހޮސްޕިޓަލަށް ދިއުމުންނެވެ.

ގުއަންޑަންގް ޕްރޮވިންސްގެ ސިއްހަތާ ބެހޭ އޮފިޝަލުން ވަނީ އެ ވައިރަސް އެކި ހިސާބުތަކަށް ފެތުރި ދާނެ ކަމުގެ އިންޒާރު ދީފަ އެވެ. އަދި އޭނާއާ ބައްދަލުވި 193 މީހަކު ހޯދުމުގެ މަސައްކަތް ވެސް ކުރި އެވެ.

މާސް ވައިރަސް އެންމެ ފުރަތަމަ ފެނިފައި ވަނީ 2013 ވަނަ އަހަރު ސައުދީ އަރަބިއްޔާ އިންނެވެ. އަދި އެންމެ ގިނަ ބަޔަކަށް މިހާތަނަށް އެ ބަލި ޖެހި މަރުވެފައި ވަނީ ވެސް އެ ގައުމުންނެވެ.

ދިރާސާތަކުން ލަފާކުރެވެނީ މިއީ މީގެ ވިއްސަކަށް އަހަރު ކުރިން ފެށިގެން ޖަމަލަށް ޖެހެމުން އައި ބައްޔެއް ކަމަށާއި ވައިރަސް މިއުޓޭޓްވެ އިންސާނުންގެ ހަށިގަނޑަށް ވެސް ވާސިލުވީ ކަމަށެވެ.

މާސް އަކީ 2003 ވަނަ އަހަރު އޭޝިއާގައި ފެތުރުނު ސާސް ރޯގާ އަށް ވުރެ ވެސް ނުރައްކާ ބައްޔެއް ކަމަށް ވަނީ ބެލެވިފަ އެވެ. ނަމަވެސް، މާސް އަކީ ސާސް ރޯގާހާ ފަސޭހައިން ފެތުރޭ ބައްޔެއް ނޫން ކަމަށް ބެލެވެ އެވެ. ސާސް ރޯގާ 8،273 މީހަކަށް ޖެހުނުއިރު، އޭގެ ތެރެއިން ނުވަ ޕަސެންޓް މީހުން މަރުވި އެވެ. ސާސް ރޯގާ ފަދައިން، މާސް ވައިރަސް ޖެހުމުން ވެސް މޭގައި އިންފެކްޝަން އުފެދެ އެވެ. އަދި ހުން އައިސް، ކެއްސައި ނޭވާލާން އުނދަގޫވެ އެވެ. ނަމަވެސް ސާސް އާ ހިލާފަށް، މާސް ވައިރަސްގެ ސަބަބުން ވަރަށް ފަސޭހައިން ކިޑްނީ ފެއިލްވެ އެވެ.