ހަބަރު

ޕީޕީއެމްގެ "ސައިޒް" ދައްކާ ޖަލްސާ ހޯމަ ދުވަހު

12

ޕީޕީއެމްގެ އަސްލު ސައިޒު ދައްކާލާ ޖަލްސާ، "އެންމެ އެކަކަށް" ގެ ނަމުގައި އަންނަ ހޯމަ ދުވަހު މާލޭގައި ބާއްވަން ނިންމައިފި އެވެ.

ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ، ޕީޕީއެމްގެ ހާއްސަ ރެލީ "އެންމެން އެކަކަށް" އަންނަ ހޯމަ ދުވަހުގެ ރޭ މާލޭގައި އޮންނާނެ ކަމަށެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ އެމްޑީޕީގެ ފިކުރުގައި ދިވެހި ޒުވާނުން ދަތުރު ކުރި ޒަމާން މާޒީވެ ނިމިއްޖެކަން ހަފްތާއެއްގެ ތެރޭގައި ވަރަށް ސާފުކޮށް ސާބިތުކޮށްދޭނެ ކަމަށެވެ. އެގޮތުން 60 - 70 ޕަސަންޓުގެ ޒުވާނުން ބައިވެރިވާނެ ބޮޑު ޖަލްސާއެއް ބާއްވާނެ ކަމަށް ނިހާން ވިދާޅުވި އެވެ.

ޕީޕީއެމް އިން މިހެން ބުނީ ހުކުރު ދުވަހު އެ ޕާޓީ އިން ބޭއްވި ޖަލްސާއަށް ވުރެ ގިނައިން އިދިކޮޅު ފަރާތްތަކުން ރޭ ބޭއްވި ބޮޑު ޖަލްސާގައި މީހުން ބައިވެރިވުމާ ގުޅިގެން އެ ޕާޓީއަށް އަންނަ ފާޑު ކިޔުންތަކަށް ރައްދު ދިނުމުގެ ގޮތުންނެވެ.

މިދިޔަ ހުކުރު ދުވަހު ޕީޕީއެމް އިން ބޭއްވި ޖަލްސާއަކީ އެއްވެސް ރަށަކުން މީހުން ގެނެސްގެން ބޭއްވި ޖަލްސާއެއް ނޫން ކަމަށާއި ނަމަވެސް މި މަހުގެ 17 ނޫނީ 18 ވަނަ ދުވަހު، ރަށްރަށުން ވެސް މީހުން ގެނެސްގެން މާލޭގައި ޕީޕީއެމްގެ ރަސްމީ ސައިޒު ދައްކާލާނެ ކަމަށް ނިހާން ވިދާޅުވި އެވެ.

"މި ސައިޒުގެ އެންމެ ކުރީގައި ތިބޭނީ ދިވެހި ޒުވާނުން. ހާއްސަކޮށް ފުރަމާލެއާއި މާލޭގެ ސަރަހައްދަށް ނިސްބަތްވާ ޒުވާނުން، ރައީސް ޔާމީންއާ އެކުގައި ބްރިޖު ސަޅިވެފައި ކޮށްދެއްވި ހިދުމަތްތައް ސަޅިވެފައި ފުޓްސަލްދަނޑުތައް ސަޅިވެފައި އެ މީހުންނަށް ދިން ފުރުސަތުތައް ސަޅިވެފައި. އެ ހުރިހާ ސައިޒެއް ދައްކާލުން އޮންނާނީ. ވަރަށް ރަނގަޅަށް ދައްކާލާނަން، އަދަދާއި ސައިޒާ ނަމްބަރާ ކޮލަޓީއާ ކުލަ ވެސް ދައްކާލާނަން،" ނިހާން ވިދާޅުވި އެވެ.

ގިނަ ދުވަސްތަކަކަށްފަހު އިދިކޮޅު ކޯލިޝަނަށް ޖަލްސާއެއް ބޭއްވުމަށް ކާނިވާ ސަރަހައްދު ދިނުމުން އެޖަލްސާ އަށް ވަނީ އިދިކޮޅަށް ސަޕޯޓްކުރާ ވަރަށް ގިނަ އަދަދެއްގެ ފަރާތްތަކުން ޖަމާވެ، އިދިކޮޅުގެ ސައިޒް ދައްކާލާފަ އެވެ. އެ ޖަލްސާއަށް ރާއްޖޭގެ ރަށްރަށުންވެސް ވަނީ ވަރަށް ގިނަ ފަރާތްތަކެއް ބައިވެރިވެފަ އެވެ.