overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

އިބޫގެ ސިއްހީ ސިޔާސަތު: ނަފްސާނީ ބަލިތަކަށް އާސަންދަ ދޭނަން

އިދިކޮޅު ކޯލިޝަންގެ ސަރުކާރެއް ގާއިމްވެއްޖެނަމަ ނަފްސާނީ ބަލިތަކަށް ފަރުވާކުރާ ފަރާތްތަކަށް އާސަންދައިގެ ހިދުމަތް ލިބިގެންދާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫ ވިދާޅުވެއްޖެ އެވެ.

އިބޫގެ ސިއްހީ ސިޔާސަތު ހާމަ ކުރައްވަމުން ވިދާޅުވީ، ރާއްޖޭގައި ނަފްސާނީ ބަލިތަކަށް ފަރުވާދޭން ޖެހޭ މީހުން މަދެއް ނޫން ކަމަށާއި އެފަރާތްތަކަށް މެންޓަލް ހެލްތް ސެންޓަރުތައް ގާއިމްކުރެވި، އިތުރަށް ތަރައްގީ ކުރެވިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ސަރުކާރެއްގައި މެންޓަލް ހެލްތް ސެންޓަރުތަކުގެ ހިދުމަތްތައް މިހާރަށްވުރެ ރަނގަޅު ކުރެވި، ނަފްސާނީ ބަލިތަކަށް ފަރުވާ ކުރާ ފަރާތްތަކަށް އާސަންދަގެ ހިދުމަތް ލިބޭ ގޮތް ހަމަޖައްސާދޭނަން،" އިބޫ ވިދާޅުވި އެވެ.

ނ. ވެލިދޫގައި މިހާރު ކުރިއަށްދާ އިދިކޮޅު ޖަލްސާގައި އިބޫ ވިދާޅުވީ، ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ އަގު ވަޒަން ނުކުރާ ކަމަށާއި އެފަރާތްތަކުގެ އަގު ވަޒަން ކުރުމަކީ ވަރަށްވެސް މުހިންމު ކަމެއް ކަމަށެވެ. އަދި ސިއްހީ ދާއިރާގައި އެކި ގިންތީގައި މަސައްކަތް ކުރާ ފަރާތްތަކަށް ދެމުން ގެންދާ މުސާރަ އަލުން ރިވިއު ކުރެވޭނެ ކަމަށްވެސް އިބޫ ވިދާޅުވި އެވެ.

"ހެލްތް ވޯކަރުންނަކީ ސިއްހީ ނިޒާމުގައި ވަރަށްވެސް މުހިންމު ބައެއް، އަޅުގަނޑުމެން ވާނީ ސިވިލް ސާވީސް މުއައްޒަފުންގެ މުސާރަ ބޮޑު ކުރާނެ ކަމަށް ވިދާޅުވެފަ، ސިވިލް ސާވިސް މުއައްޒަފުންނާއެކު ހެލްތު ވޯކަރުންނާއި ނަރުހުންގެ މުސާރަ ބޮޑުކޮށްދޭނަން،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، ސިއްހީ ނިޒާމް މިއަދު އޮތީ ފަރުވާދޭން ޖެހިފައި ކަމަށާއި ސިއްހީ ނިޒާމް މިއަދު ވަރަށްވެސް ބަލިކަށި ކަމަށެވެ. އެގޮތުން އިދިކޮޅު ސަރުކާރެއްގައި ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ފެންވަރު ރަނގަޅު ހޮސްޕިޓަލްތައް ގާއިމް ކޮށްދޭނެ ކަމަށް އިބޫ ވިދާޅުވި އެވެ.

"އެތަނުން ހުރިހާ ހިދުމަތްތަކެއް ލިބޭނެ، އެކި ދާއިރާތަކުގެ ސްޕެސަލިސްޓް ޑޮކްޓަރުންގެ ހިދުމަތް ލިބިގެންދާނެ، ޒަމާނީ ވަސީލަތްތައް ގާއިމް ކުރެވޭނެ، އެ ހަތަރު ހޮސްޕިޓަލް ދަތުރުފަތުރުގެ ނިޒާމަކުން ގުޅޭލެވިގެންދާނެ،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، އާސަންދަ ތައާރަފް ކުރީ ކުރީގައި އޮތް ގޮތުން ބޭސްފަރުވާއަށް ސަލާން ޖެހުން ރައްޔިތުންގެ ކިބައިން ހުއްޓުވުމަށްކަމަށާއި ނަމަވެސް މިއަދު އާސަންދަ އުފެއްދުމުގެ މަގްސަދު ގެއްލިފައިވާ ކަމަށެވެ.

"އާސަންދަ މިހާރު މި އޮންނަނީ ވަކި ޕާޓީއަކަށް ވަކި ޕާޓީއަކަށް ސަޕޯޓް ނުކުރަންޏާ ނުލިބޭ އެއްޗަކަށްވެފަ، އަޅުގަނޑުމެންގެ ސަރުކާރެއްގައި ހުރިހާ ރައްޔިތުންނަށްވެސް ހަމަހަމަ ކަމާއެކު އާސަންދައިގެ ހިދުމަތް ލިބިގެންދާނެ، އަދި ދިގު މުއްދަތަކަށް ވީސާގައި ރާއްޖެއިން ބޭރުގައި ބޭސްފަރުވާ ހޯދަމުންދާ ރައްޔިތުންނަށްވެސް އާސަންދަ ލިބޭނެ،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، މާލެ ފިޔަވައި އެހެން ސަރަހައްދުތަކުގައި ރަނގަޅު ފެންވަރުގެ ސިއްހީ ނިޒާމެއްނެތް ކަމަށާއި އިދިކޮޅު ސަރުކާރެއްގައި އެކަންކަން ބަލައި ސިއްހީ މަރުކަޒުތައް ރަނގަޅު ފެންވަރަކަށް ގާއިމް ކުރެވޭނެ ކަމަށެވެ. އަދި އަވަސް ފަރުވާ ދެވޭނެ ސިއްހީ ނިޒާމް ގާއިމް ކުރެވިފައިނުވާ ކަމަށާއި ރަނގަޅު ފެންވަރެއްގައި އަވަސް ފަރުވާދެވޭނެ ގޮތަށް ހަދައިދޭނެ ކަމަށްވެސް އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، ގައުމީ އެމްބިއުލާންސްގެ ހިދުމަތް ކަނޑުމަގުންނާއި ވައިގެ މަގުން ތައާރަފް ކުރެވިގެންދާނެ ކަމަށާއި އަދި އެކަންކަން އެއް މަރުކަޒަކުން ބެލޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ. އަދި ޕެރެމެޑިކްގެ ހިދުމަތްވެސް ދެވިގެންދާނެ ކަމަށްވެސް އިބޫ ވިދާޅުވި އެވެ.

"ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކުޑައިރުއްސުރެ އެހީތައް ލިބޭނެ ގޮތް ހަމަޖައްސާ ދެވޭނެ، އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޒަމާނީ ފަރުވާއާ އެހެނިހެން ފަރުވާ ދެވޭނެ، ތެލެސީމިއާ ކުދިންނަށް ރާއްޖެ ތެރޭގައި ލޭ އެޅޭނެ ފަސޭހަ ގޮތްތައް ހެދި، ސެންޓަރުތައް އެކި ކަންކޮޅުތަކުގައި ގާއިމް ކުރެވޭނެ،" އިބޫ ވިދާޅުވި އެވެ.