ލުކާ މޮޑްރިޗް

މޮޑްރިޗަށް އެވޯޑް ހައްގު، ނަމަވެސް އެންމެ މޮޅީ މެސީ

ފީފާގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ކްރޮއޭޝިއާ ކެޕްޓަން ލުކަ މޮޑްރިޗަށް ހައްގު ކަމަށާއި، ނަމަވެސް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔަކީ، އާޖެންޓީނާ އާއި ބާސެލޯނާ ކެޕްޓަން ކަމަށް ސްޕެއިންގެ ކޯޗް ލުއިސް އެންރީކޭ ބުނެފި އެވެ.

ޔޫއެފްއާ ނޭޝަން ލީގްގައި، މިރޭ ކްރޮއޭޝިއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން އެންރީކޭ ބުނީ، ކްރޮއޭޝިއާގެ ވާހަކަ ދައްކާނަމަ، މޮޑްރިޗާއި އީވާން ރަކިޓިޗްގެ ވާހަކަ ދައްކާނެ ކަމަށެވެ.

"ކްރޮއޭޝިއާ އާ ބެހޣޭޮތުން ވާހަކަ ދައްކާނަމަ މޮޑްރިޗް އަދި ރަކިޓިޗްގެ ވާހަކަ އަހަރެން ދައްކާނަން، ސަބަބަކީ އޭގެއިން ކޮންމެ ކުޅުންތެރިޔަކީވެސް ކޮންމެ އެވޯޑެއްވެސް ލިބޭނެ،" އެންރީކޭ ބުންޏެވެ. "ނަމަވެސް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔަކީ މެސީ، އޭނާ ހުޅެނީ އެހެން ހުރިހާ ކުޅުންތެރިންނަށް ވުރެ އެއް ފިޔަވަޅު ކުރީގައި."

ބާސެލޯނާގައި އެންރީކޭ ވަނީ މެސީ އަށް ކޯޗު ކޮށްދީފަ އެވެ. މި އަހަރުގެ ފީފާގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް މޮޑްރިޗް ވަނީ ގަދަ ތިނަކަށް ނޮމިނޭޓް ވެފަ އެވެ. ގަދަ ތިނެއްގައި މެސީގެ ނަމެއް ހިމެނިފައެއް ނުވެ އެވެ. މިދިޔަ މަހު ހޮވި ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ގެންދިޔައީ މޮޑްރިޗެވެ. އެ އެވޯޑްގައިވެސް ގަދަ ތިން ކުޅުންތެރިންގެ ތެރޭގައި މެސީ ހިމެނިފައެއް ނުވެ އެވެ. ނަމަވެސް މެސީ ވަނީ ވޭތުވެދިޔަ 10 އަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ވާދަ ކޮށް ފަސް އަހަރު އެ އެވޯޑް ހޯދި ފުރަތަމަ ކުޅުންތެރިޔާ އެވެ.

މޮޑްރިޗް ވަނީ ޔޫއެފްއާ ޗެމްޕިއަންސް ލީގް ރެއާލް މެޑްރިޑަށް ހޯދައިދީ، ވޯލްޑްކަޕު ފައިނަލަށް ކްރޮއޭޝިއާ ގެންގޮސް ދިނުމުގައި މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ. ވޯލްޑްކަޕުގެ އެންމެ މޮޅު ކުޅުންތެރިންޔާގެ އެވޯޑް ހޯދީ މޮޑްރިޗެވެ.