ހަބަރު

ގޮނޑިތައް ގެއްލުވާލަން އިސް މަސައްކަތެެއް ކުރީ އަޅުގަނޑު: ރައީސް

ޕީޕީއެމްއިން ވަކިވެވަޑައިގަތް ރައްޔިތުންް މަޖިލީހުގެ 13 މެންބަރެއްގެ ގޮނޑި ގެއްލުވާލުމުގައި ހުރިހާ އިސް މަސައްކަތްތަކެއް ކުރެއްވީ ރައީސް އަބްދުﷲ ޔާމީން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

ގދ. ތިނަަދޫގައި ވާހަކަދައްކަވަމުން ރައީސް ޔަމީން ވިދާޅުވީ ޕީޕީއެމްގެ އެތަށް ވާހަކައެއް ރައްޔިތުންނަށް ކިޔައިދީގެން އެ ރައްޔިތުންގެ އިތުބާރު ހޯދައިގެން މި ހިނގާ ރައްޔިތުންގެ މަޖިލީހަށް ޕާޓީގެ ބޮޑު ލަޝްކަރެއް ވައްދާފައިވާ ކަމަށާއި ނަމަވެސް ޕާޓީއަށް ލިބުނު އެންމެ ބޮޑު ނިކަމެތިކަމާއި ގެއްލުމަކީ އޭގެ ތެރެއިން 13 މެންބަރުން އެއްވެސް ރައްޔިތެއްގެ ބަހެއް ނުހޯދާ، ޕާޓީއިން ވަކިވެގެން ދިޔުން ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ޕީޕީއެމްއިން ބުރަ މަސައްކަތްތަކެއް ކުރަން ޖެހިފައި މިވަނީ އެ މެންބަރުންނާ ހެދި ކަމަށާއި ޕީޕީއެމް ނިކަމެތިކޮށްލި އޭގެ ތެރެއިން އެއްވެސް ބޭފުޅަކަށް އެއްވެސް ހަމްދަރުދީއެއް ނޯންނާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ރައީސްކަމުގައި ހުންނެވިހާ ދުވަހަކު އެ ނިކަމެތިކަން ކުރިމަތި ކުރުވި މީހުންގެ މައްސަލަ އެއްގޮތަކަށް ވެސް ދޫކޮށް ނުލާނެ ކަމަށެވެ. ޕީޕީއެމް ދޫކޮށްލާފައި ޕާޓީއާ ދެކޮޅަށް މަސައްކަތް ކުރި ހުރިހާ މެންބަރުންގެ ގޮނޑި ގެއްލުވާލަން އެންމެ އިސް މަސައްކަތެއް އެމަނިކުފާނު ކުރެއްވީ ވެސް އެ ސަބަބާ ހެދި ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މި އައި ނިކަމެތި ކަމަކީ އެއްވެސް ގޮތަކަށް އަޅުގަނޑުގެ ޒައާމަތުގައި ހުރެގެން ފަސޭހަ ކަމާއެކުގައި ދޫކޮށްލާނެ ކަމެއް ނޫން، ހަމަ އެ ސަބަބަށްޓަކައި އަޅުގަނޑުމެންގެ ޕާޓީއާ ދެކޮޅަށް މަސައްކަތް ކުރި ހުރިހާ އެންމެންގެ ގޮނޑި ގެއްލުވާލަން އެންމެ އިސް މަސައްކަތްތަކެއް ކުރީ އަޅުގަނޑު، ﷲ އަޅުގަނޑަށް ތައުފީގު ދެއްވި، އެ މީހުންގެ ގޮނޑިތައް އެ ގެއްލިގެން ދިޔައީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ގޮނޑިތައް ގެއްލުވާލި އަނެއް ސަަބަބަކީ މަޖިލީހުގެ ތެރޭގައި މިހާރު ތިބި ޕީޕީއެމްގެ މެންބަރުން ބަދަހި ކުރުވަން ކަމަށާއި އިހުލާސްތެރިކަމާއެކު މަސަައްކަތް ކުރުމަށް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. ޕީޕީއެމްގެ މެންބަރަކަށް ވުމަށް ފަހު "ދެ ފަރާތަށް ދެފައިލައިގެން" ނުތިބެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ތިނަދޫގެ ދެ މެންބަރުން މަޖިލީހަށް އިންތިހާބު ކުރެއްވުމަށް ވެސް ޕީޕީއެމްއިން އެތައް ހޭދައެއް ކުރައްވާ ބުރަ މަސައްކަތްތަކެއްކޮށްފައިވާ ކަމަށެވެ. ނަމަވެސް ފަހުން ކަން ވެގެން ދިޔައީ ތިނަދޫ ރައްޔިތުން ބޭނުންވާނެ ގޮތަކަށް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"ތިނަދޫގެ ދެ މެންބަރުން ހޮވަން މި ސަރުކާރުން ނުކުރަނީ ކޮން ކަމެއްތޯ، ނުކުރަނީ ކޮން ހޭދައެއްތޯ، ކާކުތޯ މިތަނަށް ނުފޮނުވަނީ އެ ބޭފުޅުން ހޮވަން މަސައްކަތް ކުރަން މިތަނަކީ އޭރުވެސް އެމްޑީޕީގެ ބޮޑު އަގުލަބިއްޔަތެއް އޮތް ތަނެއް، އެކަމަކު ތިބޭފުޅުންގެ އަގުލަބިއްޔަަތާއި އަޅުގަނޑުމެން ކުރި މަސައްކަތުން އަދި އަޅުގަނޑުމެންގެ އުންމީދުތައް ތިނަދޫ ރައްޔިތުން ގަބޫލު ކުރައްވާތީ އަޅުގަނޑުމެންނަށް ދެ ގޮނޑި ހަދިޔާ ކުރިން،" ރައީސް ވިދާޅުވި އެވެ.

ތިނަދޫގައި މަޝްރޫއުތައް ހިންގީ ތިމަންނަ ކަމަށް ގޮނޑި ގެއްލިފައިވާ އެ ރަށުގެ ބަައެއް މެންބަރުން ވިދާޅުވާ ވާހަކަތަކަށް ވެސް ރައިސް ޔާމީން ރައްދު ދެއްވި އެވެ. ރައީސް ވިދާޅުވީ އެއްވެސް އެއް މެންބަރަކަށް މަޝްރޫއެއް ނުހިންގޭނެ ކަމަށާއި އެކަން ކުރެވޭނީ މުޅި ޕާޓީ އެކުވެގެން ސަރުކާރުން ފޮނުވާ ބަޖެޓަކަށް ވޯޓުދީގެން ކަމަށެވެ.

އެފަދަ ވާހަކަތައް މެންބަރުން މިއަދު ދައްކާ ކަމަށް ވާނަމަ ދައުރުގެ ބާކީ އޮތް ބައިގައި އެފަދަ ހެޔޮ ކަންކަން ނުކޮށްދޭން ނިންމެވި ކީއްވެތޯ ޕީޕީއެމްއާ ވަކިވީ ރައްޔިތުން ސުވާލު ކުރައްވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. ޕީޕީއެމްގެ އޮޑިން 13 މެންބަރުން ފުންމާލައިގެން ވަކިވީ އެ މެންބަރުންގެ އަމިއްލަ ބޭނުންތަކެއް ފުއްދުމަށް ކަމަަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.