overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ހަބަރު

އެމްޑީޕީ ތައުލީމީ ސިޔާސަތުން ހިނގޭނީ ބޯވަތަށް ޖަހައިގެން ފަހަތަށް: ރައީސް

އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ ތައުލީމީ ސިޔާސަތަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

"އެންމެނަށް ހިޔާ ޔަގީން"ގެ ނަމުގައި މިރޭ ހުޅުމާލެ ފޭސް ދެއެއްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމްޑީޕީގެ ތައުލީމީ ސިޔާސަތު މިއަދު ބައްލަވާލެއްވިއިރު ލިބުނީ ހައިރާން ކަމެއް ކަމަށެވެ. އެގޮތުން ކޮންމެ ރަށެއްގައި ވެސް ރަށު ފެންވަރުން މަދަރުސާތައް ހިންގާނެ ކަމަށް އޮތުމުން ރައީސް ފާޑިވިދާޅުވި އެވެ.

"ކޯޗެކޭ މި ކިޔަނީ، ކޯޗެކޭ މި ކިޔަނީ، ބޭނުން ކޮށްފަ އޮންނަ އިބާރާތަކީ ވެސް ސްކޫލެއް ނޫން، މަދަރުސާ، މިއީ ދިވެހިވުމެއް ވެސް ނޫން، މިއީ ބޯވަތަށް ޖަހައިގެން ފަހަތަށް ހިނގުން،" ރައީސް ޔާމީން ވިދާޅ،ުވި އެވެ.

"ކޮންމެ ރަށެއްގަ އެ ރަށެއްގެ ފެންވަރުން މަދުރަސާ ހިންގާނަމޭ، ކީއްކުރަން އެކަން ކުރަންވީ، ކޮންމެ ރަށެއްގަ ބޮޑު ފެންވަރުގަ މިހާރު ސްކޫލްތައް އެބަ ހިނގާ، އެތައް ރަށެއްގަ އޭލެވެލް އެބަ ކިޔަވާ، ޔުނިވާސިޓީ އެބަ ހުރި، ހާދަހާ ފަހަތެއްގައޭ މި އުޅެނީ، އަޅުގަނޑު ހަމަ ހިނި އަންނަނީ،"

ރައީސް ޔާމީން ވިދާޅުވީ ތަައުލީމީ ސިޔާސަތުން މި ސަރުކާރު ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފަ ކަމަށެވެ. ޓީޗަރުންގެ ފެންވަރު ރަނގަޅުކޮށް ދަރިވަރުން ވެސް ކުރިއަރުވާފަ ކަމަށެވެ. އާދައިގެ ދަރިވަރުންތަކެއް އުފައްދަން ބޭނުން ނުވާ ކަމަށެވެ. އަދި ދަށް ފެންވަރުގެ ކުދިން ބޭރު ޔުނިވާސިޓީތަކަށް ފޮނުވުމަކީ ވެސް ކުރައްވާނެ ކަމެއް ނޫން ކަމަށާއި ބޭރަށް ފޮނުވާނީ ގައުމަށް ރީތި ނަން ހޯދައިދެވޭ ވަރުގެ ކުދިން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. ރާއްޖެ މިހާރު ވަނީ ބޭރު ޔުނިވާސިޓީތަކުގައި ވެސް ސްޓޭންޑާޑެއް ގާއިމްކޮށްފަ ކަމަށެވެ.

"އެހެންވީމަ ކިހިނެއްތޯ އަޅުގަނޑުމެން ދެން ފަހަތަށް ދާނީ، މަދަރުސާއެއް ހަދައިދޭނަމޭ ބުނީމަ އަޅުގަނޑު ހަމަ ހިތަށް އަރަނީ ހާދަ ފަހަތުގައޭ މި އުޅެނީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރަށްރަށުގައި ޔުނިވާސިޓީ އެޅުމަކީ ވެސް އެމްޑީޕީގެ ސިޔާސަތެއް ކަމަށާއި ނަަމަވެސް އެކަން ކުރަނީ ކީއްކުރަންތޯ ރައީސް އެއްސެވި އެވެ. ރައީސް ވިދާޅުވީ އެކިއެކި ރަށްރަށުގައި ޔުނިވާސިޓީ ކެމްޕަސްތައް އަޅަމުންދާ ކަމަށެވެ. އަދި އެތައް ރަށެއްގައި ކިޔަވައިދެމުން ވެސް ދާ ކަމަށެވެ. އެގޮތުން ހދ. ކުޅުދުއްފުށި ފާހަގަކުރެއްވި އެވެ. ކުޅުދުއްފުށީގައި ޔުނިވާސިޓީ ކެމްޕަސް ގާއިމް ކޮށްފައިވަނީ ރައީސް މައުމޫންގެ ވެރިކަމުގަ އެވެ.

"އެހެންވީމަ އަޅުގަނޑުމެން ކުރާ ކަމެއް ރަނގަޅަށް ނަކަލުކޮށްލަން ބޭނުން ވިޔަސް އެކަން ވެސް ކުރަން ނޭނގެނީ ނޫންތޯ، މިވަރު ބަޔަކާއެކު ކިހިނެއްތޯ ބާރަށް ހިނގާނީ" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރު އޮތް ހިސާބަށް ވެސް އިދިކޮޅުގެ ވިސްނުން ވެސް ނާންނަ ކަމަށެވެ. އެ ބޭފުޅުން އަދިވެސް އުޅެނީ ވޮށުފިލާގަ ކަަމަށާއި އެމަނިކުފާނު މިހާރު ވަނީ ޓެބްލެޓް ވެސް ބައްސަވާފަ ކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، އެމްޑީޕީއާ ހިލާފަށް އެމަނިކުފާނު ދައްކަަވާނީ އުއްމީދީ ވާހަކަތައް ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ ޒުވާނުންނަށް ހޯދައިދޭނީ އެންމެ ރަނގަޅު ޓެކްނޮލޮޖީތައް ކަމަށެވެ. އައިސީޓީ ޕާކްތަކެއް އަޅައި އެތައް ޒުވާނުން ތަމްރީނު ކުރާނެ ކަމަށެވެ.